ވަރަށް ގިނަ ފަރުވާ ދިނުމަށްފަހު ވެސް ގޮތެއް ނުފެނުމުން ޑޮކްޓަރުން އުންމީދު ކަނޑައިލިއެވެ. އަދި އެގޮތުގައި އަހަރުތައް ފާއިތުވާން ފެށުމުން އޭނާ ދުނިޔޭގައި ބާއްވަން މަސައްކަތްކުރުމުގެ ބޭނުމެއް އިތުރަށް ނެތްކަމަށް ޑޮކްޓަރުން ދިއައީ ބުނަމުންނެވެ.
ނަމަވެސް އޭނާގެ އަނބިމީހާ ބޭުނުންވީ ދުނިޔޭގައި ބާއްވާށެވެ. އުންމީދު ކަނޑާލަން ބޭނުމެއް ނުވިއެވެ. އޭނާގެ ސިކުނޑި ބުނަމުން ގެންދިއައީ ފިރިމީހާ އަދި އެނބުރި އަންނާނެ ކަމަށެވެ.
ކޮންމެ ދުވަހަކު ފިރިމީހާ ކައިރިއަށް ހޮސްޕިޓަލަށް އައިސް ފިރިމީހާއަށް ޚިދުމަތްކުރަން އެތައް ގަޑިއިރެއް ހޭދަކުރެއެވެ، ފިރިމީހާގެ ހަށިގަނޑުގައި ފާރުކޮޅެއް ޖެހިއަ ނުދިނުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ދިއައީ ކުރަމުންނެވެ.
އެއްވެސް ފޫހިކަމެއް ނެތި ފިރިމީހާއަށް ޚިދުމަތްކުރަމުން ގެންދާތާ 19 އަހަރުވީފަހުން އަނބިމިހާ އަށާއި ހުރިހާ ޑޮކްޓަރުންނަށް ލިބުނީ ކުއްލި ސިހުމެކެވެ. ކުއްލިއަކަށް ލޯ ހުޅުހުޅުވާލުމުންނެވެ. ހިނިތުންވެލާފައި ވާހަކަ ދައްކަން މަސައްކަތްކުރަން ފެށުމުންނެވެ.
ޖޭންގެ ވިސްނުމާއި ހުރިހާ ކަމެއްވެސް ހަމަ ފުރިހަމައެވެ. އޭނާ ކޯމާއަށް ދިއައިރު ތިބީ 4 ދަރިންނެވެ. ގެއަށް ދިއުމުން ބައްދަލުވީ 4 ދަރިންނާއި 11 ކާފަދަރިންނާއިއެވެ.
ޤައުމަށް ބެލިނަމަ އޭނާ ކޯމާއަށް ދިއައިރު ޕޮލަންޑަކީ ކޮމިޔުނިސްޓް ޤައުމެކެވެ. ނަމަވެސް ހޭއެރިއިރު ޤައުމުގެ ހާލަތު ވަނީ ބަދަލުވެފައެވެ. އީޔޫގެ މެންބަރަކަށްވެ ދިރިއުޅުމުގެ ކަންކަން މުޅިން ބަދަލުވެފައެވެ.
ޖޭން އޭނާގެ އަނބިމީހާގެ މޫނަށް ބަލައިލިއެވެ. ހާދަ މުސްކުޅިއެވެ. ކުރިމަތީގައި ހުރި ބޮޑު ލޯގަނޑަކުން ބަލައިލިއިރު އޭނާ މާމުސްކުޅިއެވެ. 19 އަހަަރަށްފަހު ދެމަފިރިން ވަނީ 4 ދަރިންނާއި 11 ކާފަދަރިންނާއިއެކު މުޅިން އައު ހަނީމޫނެއް ފަށާފައެވެ.
ޖޭން ކޯމާއަކަށް ދިއައީ 1988 ވަނައަަހަރުއެވެ. ހޭއެރީ 2007 ވަނަ އަހަރުއެވެ. ޖޭންގެ އަނބިމީހާއަށް ހަމަ އައްސަރިބަހާއި ސާބަހެވެ. ޖޭންގެ އަނބިމީހާއަށް ލާމަސީލު ލޯބިވެރިޔާގެ އައްޑަނަ ހައްޤެވެ.