ނުކުޅެދުންތެރިކަމަކީ އަމިއްލައަށް އިޙްސާސްކުރާ ކަމެއްކަން ރެކްޝާ ދުއްވާ އިންޑިއާގެ މި މީހާ ކިތަންމެ ރަނގަޅަކަށްވެސް ހާމަކޮށްދީފިއެވެ.
ޢުމުރުން އެންމެ 12 އަހަރުގައި ދިމާވި ހިތާމަވެރި ހާދިޘާއެއްގައި އޭނާގެ ކަނާތުފައި ބުރިކޮށްލިއެވެ. އަދި މީގެ 5 އަހަރު ކުރިން ކަނާއަތްވެސް ބުރިކޮށްލިއެވެ. ނަމަވެސް އެ ސަބަބު އޭނާ ހާމަކޮށް، އެވާހަކަ ދައްކާކަށް މިއަދު ބޭނުމެއް ނޫނެވެ. އަދި އޭނާގެ ވަނަވަރުވެސް ހާމަކުރާކަށް ބޭނުމެއް ނުވިއެވެ.
ހަމައެކަނި އޭނާ ބުނީ "ރެކްޝާ ބާއީ" އޭ ބުނުމުން ފުދޭ ކަމަށެވެ.
ނަމަވެސް އޭނާގެ ދިރުއުޅުމާއި ބެހޭގޮތުން ބައެއް ވާހަކަތައް ވަނީ ހިއްސާކޮށްފައެވެ.
އޭނާ ބުނީ ރެކްޝާ ދުއްވާތާ މިހާރު 2 އަހަރުވެފައިވާ ކަމަށާއި އާމްދަނީގެ ގޮތުގައި ދުވާލަކު އެއްހާސް ނުވަތަ ދެހާސް ރުފިޔާ ލިބޭ ކަމަށެވެ. އަދި އެއްފައިން އަނބުރަމުން ރެކްޝާ ދުއްވުމުގައި އެއްވެސް ދަތިކަމެއްނެތް ކަމަށާއި ބައެއް ފަހަރު އެހެން މީހުންނަށްވެސް އެހީވާކަމަށް ބުންޏެވެ.
ކޮންމެ ދުވަހަކުވެސް ހެނދުނު ފަށާގޮތަށް ރޭގަނޑުގެ އަނދިރިކަމަށް މަސައްކަތް ނިންމާ އިރު، ކޮންމެ ދުވަހަކުވެސް 40 ނުވަތަ 50 ކިލޯމީޓަރ ދުއްވޭ ކަމަށް އޭނާ ބުންޏެވެ. އަދި އޭނާ ގެ އެއްފަޔާއި އެއް އަތް ނެތީމަ، ބައެއް މީހުން ހައިރާންވެ ސުވަލު ކުރާ ކަމަށާއި ރެކްޝާ ދުއްވުން ފަދަ ކަމެއް ކުރެވޭތޯ ސުވާލުކުރާކަމަށްވެސް ބުންޏެވެ.
އެފަދަ ސުވާލު ކުރާ މީހުންނަށް އޭނާ ދެނީ ވަރަށް ކުރު، ސާދާ ޖަވާބެކެވެ. "ނުކުޅެދުންތެރިކަމަކީ އަމިއްލައަށް ކުރާ އިހްސާސެއް" އޭނާ ބުންޏެވެ. އަދި އެއްފަޔާ އެއްއަތް ނެތަސް ރެކްޝާ ދުއްވައިގެން އޭނާ ބަލު ނުކުރެވޭނެ ކަމަށްވެސް އޭނާ ބުންޏެވެ.
އެންމެ ފުރަތަމަ ކޮންމެވެސް ވަރަކަށް އުނދަގޫވިޔަސް މިހާރު އެއްވެސް އުނދަގުލެއް ނެތް ކަމަށް އޭނާ ބުންޏެވެ.
ރެކްޝާއެއް ކުއްޔަށް ހިފައިގެން ރެކްޝާ ދުއްވުމުގެ މަސައްކަތް ފެށި ނަމަވެސް މިހާރު އޭނާ ގެންގުޅެނީ އަމިއްލަ ރެކްޝާއެކެވެ. ލިބޭ އާމްދަނީން ދެ ދަރިންގެ ސްކޫލް ކަންތަކާއި ގޭތެރޭގެ ކަންތައް ހަމަޖެއްސައިގެން އެއްކުރި ފައިސާއިންނެވެ.
"އަހަރެން މިކަން ކުރަނީ ކުރާނެ އެހެންކަމެއް ނެތީމަ. އަހަންނަށް މަޖުބޫރު މިކަން ކުރަން. އަހަރެންގެ ދަރިންނަށްޓަކައި. ކާކު އެމީހުންނަށް އެހީވާނީ، ކާންދޭނީ އަހަރެން ނޫނީ" މީގެ 2 އަހަރު ކުރިން އަންހެނުން މަރުވުމުން ޢާއިލާގެ ހުރިހާ ކަމެއް ބަލަހައްޓަމުން އަންނަ ރެކްޝާ ބާއީ ބުންޏެވެ.
މީގެ އިތުރުން އޭނާ ބުނީ "މަސައްކަތް ކުރުމުގައ ދުވަހަކުވެސް ފަސްނުޖެހޭނެ" ކަމަށާއި "ފުރާނަ ހުރިހާ ހިނދަކު ރެކްޝާ ދުއްވުމުގައި ދެމިހުންނާނެ" ކަމަށެވެ.
އާއެކެވެ.އޭނާއަކީ ހިތްވަރު ގަދަކަމުގެ ނަމޫނާއެކެވެ. ލާމަސީލު ބައްޕައެކެވެ. ހީވާގި ރެކްޝާ ދުއްވުންތެރިއެކެވެ.
ނުކުޅެދުންތެރިކަމަކީ އަމިއްލައަށް ކުރާ އިހްސާސެއްކަން ހަމަރަނގަޅަށްވެސް "ރެކްޝާ ބާއީ" އެ އަންނަނީ ދައްކައިދެމުންނެވެ.