ޓައިގާ ޝްރޮފް ބޮލީވުޑްއަށް ތަޢާރަފްވިތާ އަދި މާގިނަ ދުވަހެއް ނުވެއެވެ. މާގިނަ ފިލްމުތަކެއް އޭނާ އަދި ކުޅެފައި ނެތް ކަމުގައިވީ ނަމަވެސް، މިހާރުވެސް އޭނާއަކީ ބޮލީވުޑްގެ މަޝްހޫރުތަރިއެކެވެ.
ރީތި ހަށިގަނޑެއް ލިބުމުގެ އިތުރުން، އޭނާގެ ހުނަރުވެރި މޮޅުން ނެށުންތަކުން ގިނަ ބައެއްގެ ހިތްތައްވަނީ ކަތިލެވިފައެވެ. އޭނާގެ ކެރިއަރަށް އެންމެ ފަހުން ލިބުން އެއް ކުރިއެރުމަކީ، އިންޑިއާގެ މަޝްހޫރު މަޖައްލާ އެއް ކަމަށްވާ "ޖީކިއު އިންޑިއާ" ގެ ކަވަރަށް އެރުމެވެ. އަޅުގަނޑުމެންނަށް މިކަން އެހާ ޙާއްސަވަނީ، އެމަޖައްލާގައި ޖެހުމަށް ބޭއްވި ފޮޓޯޝޫޓް، ބާއްވާފައިވަނީ ރާއްޖޭގައި ކަމަށްވުމެވެ.
ޓައިގާ ގެ މިފޮޓޯޝޫޓު ނަގާފައިވަނީ ހއ. އަތޮޅުގައި އޮންނަ ރިސޯޓެއް ކަމަށްވާ ޖޭއޭ މަނަފަރު މޯލްޑިވްސް ރިސޯޓުގައެވެ.
ހޫނު މޫސުމުގެ މަންޒަރުތައް ދައްކުވާދޭ އެފޮޓޯޝޫޓުގައި، ސަރފް ބޯޑު ހިފައިގެން ޓައިގާ ޝްރޮފް ހުންނަތަނާއި އާއްމުކޮށް ހެދުންއަޅާފައި ހުންނަ ގޮތުގެ ފޮޓޯތަކެއްވެސް ހިމެނެއެވެ. ކޮންމެ ފޮޓޯ އެއްގައިވެސް ރާއްޖޭގެ ހިތްގައިމު ރީތި ގޮނޑުދޮށާއި މޫދު ފެންނަން ހުރެއެވެ.