ބުނެވުނު ބަސްތަކަކުން މީރާ ރާޖްޕުތު ދެކެ ގިނަ ބަޔަކު ރުޅި އައިސްފި

ކިޔުމަށް ހޭދަވާނީ 2މ 5ސ
ބުނެވުނު ބަސްތަކަކުން މީރާ ރާޖްޕުތު ދެކެ ގިނަ ބަޔަކު ރުޅި އައިސްފި
ބޮލީވުޑްގެ އެކްޓަރ ޝާހިދު ކަޕޫރުގެ އަންހެނުން މީރާ ރާޖްޕުތު އަށް ފަހަކަށް އައިސް ވަރަށް ގިނަ އަންހެނުންގެ ފާޑުކިޔުންތަކާއި ނުރުހުން ވަނީ ލިބިފައެވެ. އަންހެނުންގެ ދުވަހު މީރާއަށް ބުނެވުނު އެއްޗަކުން އިންޑިއާގެ ގިނަ އަންހެނުންނާއި އެމީހުންގެ ގާތް މީހުންވަނީ މީރާ ދެކެ ވަރަށް ރުޅިއައިސްފައެވެ.

އަންހެނުންގެ ދުވަހު މީޑިއާއަށް ދިން ބަސްދީގަތުމެއްގައި މީރާ ބޮޑަށް ވާހަކަ ދައްކާފައިވަނީ ވަޒީފާ އަދާކުރާ އަންހެނުންނާއި ބެހޭ ގޮތުންނެވެ. ވަޒީފާއަކަށް ނުގޮސް ގޭގައި ހުންނަ ސަބަބު މީރާ ކިޔާ ދިނެވެ.

އޭނާ ބުނެފައިވަނީ "އަހަރެން ބޭނުމެއް ނޫން ދަރިފުޅާއިއެކު އެއްމެ ގަޑީރެއް ހޭދަކޮށްލާފަ އަވަސް އަވަހަށް ވަޒީފާއަށް ދާކަކަށް. ކީއްކުރަން އަހަރެން ދަރިފުޅު (މީޝާ) ހޯދީ؟ އެއީ ކުޑަ ޕަޕީއެއް ނޫން ދޯ. އަހަރެން ބޭނުންވަނީ އަބަދުވެސް ދަރިފުޅަށްޓަކައި ދަރިފުޅު ކައިރީގަ ހުންނަން" މިހެންނެވެ.

މީރާ ރާޖްޕުތުގެ މިވާހަކަތަށްވީ ވަޒީފާ އަދާކުރާ ވަރަށް ގިނަ އަންހެނުންގެ މޫނުމަތީގައި ޖެހުނު ވާހަކަތަކަކަށެވެ. އެމީހުން ވަޒީފާ އަދާކުރަނީ ދަރިންނަށް ވަގުތު ނުދޭން ވެގެން ނޫން ކަމަށާއި ދަރިންނަށްޓަކައިކަން ގިނަ މީހުން ބުނެފައިވެއެވެ. އަދި މީރާއަކީ އެހެން މީހުންނަށް ފާޑުކިޔާ މަލާމަތް ކުރާ މީހެއް ކަމަށް ވެސް އެއްބަޔަކު ވަނީ ބުނެފައެވެ.

ލޯބިވާ އަންހެނުން ސަލާމަތް ކުރުމަށްޓަކައި ޝާހިދު ވަނީ އޭނާާގެ ދިފާއުގައި އެމީހުންނަށް ރައްދު ދީފައެވެ. ޝާހިދު ބުނެފައިވަނީ މީރާ އެހެން ބުނީ އެއްވެސް މީހަކާއި ދިމާލަށް ނޫން ކަމަށާއި މީރާ އެދެއްކީ ހަމައެކަނި މީރާގެ ވާހަކަ ކަމަށެވެ.

މިކަންތަކާއި މެދު އިތުރަށް އެއްވެސް އެއްޗެއް ނުބުނެ ހުރުމަށްފަހު ދާދި ފަހުން މީރާ ވެސް ވަނީ އެމީހުންނަށް ރައްދު ދީފައެވެ.

މީރާ ބުނިގޮތުގައި އޭނާ އެދުވަހު ބުނީ ހަމައެކަނި އޭނާ ހިތައް އެރި އެއްޗެކެވެ. އެހެން އޭނާ ބުނީ އެއްވެސް މީހަކު ދެރަކޮށް ރުޅިއަރުވަން ނޫން ކަމަށާއި އޭނާ ވަޒީފާއަކަށް ނުދާ ސަބަބު ކިޔާދިނުމަށްޓަކައި ކަމަށްވެސް އޭނާ ބުންޏެވެ. ބުނަން ބޭނުންވި ބަސްތަށް ތަންކޮޅެއް ރަނގަޅަށް ބުނެވުނީސް ކަމަށް މީރާ ވެސް ޤަބޫލުކުރިއެވެ. ނަމަވެސް އޭނާއަކީ އެކްޓަރެއް ނޫން ކަމަށާއި އެހެންކަމުން ބަސްތަށް ބޭނުން ކުރަންވީ ރަނގަޅު ގޮތް ނޭންގުނީ ކަމަށް ވެދާނެ ކަމަށް ވެސް ޝާހިދު ކަޕޫރުގެ އަންހެނުން ބުނެފައިވެއެވެ.

ދެން ކުރިއަށް އޮތްތާނގައި އަނގައިން ބުނެވޭ ބަސްތަކާއި މެދު ވިސްނާނަންތޯ ސުވާލު ކުރުމުން މީރާ އަނެއްކާވެސް ބުނެފައިވަނީ އޭނާއަކީ އެކްޓަރެއް ނޫން ކަމަށާއި އެހެން ކަމުން ނުރަނގަޅު އެއްޗެހި ބުނުމުގެ މިނިވަންކަން އޭނާއަށް އޮތް ކަމަށެވެ.
މިއަދު އޮންލައިން