ޔުނައިޓެޑް އެއަރލައިންގެ ކޮކްޕިޑްގެ ސެކިއުރިޓީ ޕާސްކޯޑް ލީކްވެއްޖެއެވެ.
ދި އިންޑެޕެންޑެންޓުގައި ބުނެފައިވާ ގޮތުގައި އެ އެއަރލައިންގެ ކޮކްޕިޑްގެ ޕާސްކޯޑު ލީކު ކޮށްލާފައިވަނި އެ އެއަރލައިންގައި މަސއްކަތްކުރާ ފްލައިޓް އެޓެންޑެންޓެކެވެ. އަދި އޭނާ ވަނީ ޕާސްކޯޑް ސޯޝަލް މީޑިއާގައި ޢާންމުކޮށްފައި ކަމަށެވެ.
މިކަމާއިގުޅިގެން ޔުނައިޓެޑް އެއަރލައިން އިން ބުނެފައިވަނީ މިއީ ވަރަށް ހިތާމަކުރާ ކަމެއް ކަމަށާއި މިފަދަ ކަންކަމުގެ ސަބަބުން އެ އެއަރލައިނުން ދަތުރުކުރާ ފަރާތްތަކުން އެ އެއަރލައިނާމެދު ކުރާ އިތުބާރު ގެއްލޭނެ ކަމަށެވެ.
އެ އެއަރލައިންގެ ހުރިހާ ފްލައިޓެއްގެ ކޮކްޕިޑްގެ ސެކިއުރިޓީ ޕާސްކޯޑް ބަދަލު ކުރަމުން އަންނަ ކަމަށާއި ކޮކްޕިޑަށް ކޮންމެ މީހަކު ވަނަސް އެއީ ކާކުތޯ ފްލައިޓުގެ ކެޕްޓަނުން މިހާރުވެސް ބަލަމުން އަންނަ ކަމަށްވެސް ބުންޏެވެ. އަދި އެއީ ޕާސްކޯޑުގެ އެހީގައި ވަން މީހަކަށްވިޔަސް ފްލައިޓުގެ ކެޕްޓަނުން އެކަން ކުރާ ކަމަށްވެސް ބުންޏެވެ.
މީގެ އިތުރުން އެ އެއަރލައިނުން ބުނީ ކަސްޓަމުންގެ ސަލާމަތާއި ރައްކާތެރިކަމަށް އަބަދުވެސް އިސްކަންދޭނެ ކަމަށާއި އެއްވެސް ކަސްޓަމަރަކު އެކަމާއި ޝައްކުކުރާނެ އެއްވެސް ފުރުޞަތެއް ނުދޭނެ ކަމަށެވެ.