އޮލިމްޕިކް ސޮލިޑަރިޓީ ގޭމްސްގައި ރާއްޖޭގެ ދުވުންތެރިން މިއަދު ދުވާނެއެވެ.
އެގޮތުން ފިރިހެނުންގެ 100 މީޓަރު ދުވުމުގެ ރައުންޑް 1 އިން ހީޓު އެކެއްގައި ރާއްޖޭގެ ބާރު ދުވުންތެރިޔާ ޙަސަން ސާއިދު މިއަދު ދުވާނެއެވެ.
އަޒަރުބައިޖާންގެ ބަކޫގައި މިހާރު ކުރިޔަށްދާ 4 ވަނަ އިސްލާމިކް ސޮލިޑަރިޓީ ގޭމްސްގައި އޭނާ ދުވާނީ ރާއްޖޭގަޑިން މިއަދު 11:45 ގައެވެ. އަދި މި ހީޓުން އެންމެ އަވަހަށް ނިންމާ 4 ދުވުންތެރިން 100 މީޓަރުގެ ސެމީފައިނަލަށް ދަތުރުކުރާނެއެވެ.
މި ހީޓުގައި ސާއިދު އާއި ވާދަކުރަނީ ބުރުނާއި، ޕާކިސްތާން، ތުރުކީ، ޔުއޭއީ، ޕަޕުއާ ނިއުގިނީ ގެ ދުވުންތެރިންނާއެވެ.
މީގެ އިތުރުން މިއަދު 12:03ގައި ރާއްޖޭގެ ސަރީޝް އަޙްމަދު 100 މީޓަރު ދުވުމުގެ 4 ވަނަ ހީޓުގައި ވާދަކުރާނެއެވެ. މި ހީޓުގައި ވާދަކުރާ ދުވުންތެރިންނާއި ވާދަކޮށް ސަރީޝް ގެ ޓައިމިން އަށް ބެލުމަށްފަހު ސެމީފައިނަލަށް ދިއުމުގެ އުއްމީދު ބޮޑެވެ. މި ހީޓު ފަށާނީ ރާއްޖެގަޑިން މެންދުރު 12:03 ގައެވެ.
ހަމަމިއާއެކު 5000 މީޓަރު ފައިނަލުގައި ރާއްޖޭގެ ދެ ދުވުންތެރިން ކަމަށްވާ ހުސައިން ފަޒީލް ހާރޫން އާއި ޒައިދު ޝަރީފްވެސް މިއަދު ވާދަކުރާނެއެވެ. މި ދެ ދުވުންތެރިންގެ ދުވުން ފަށާނީ ރާއްޖެގަޑިން 19:35 ގައެވެ.
މިމަހުގެ 12އިން 22 ގެ ނިޔަލަށް ކުރިއަށްދާ މި މުބާރާތުގައި ވާދަކުރާ ޤައުމީ އެތުލެޓިކްސް ޓީމުގައި ހިމެނެނީ ޙަސަން ސާއިދު އާއި އަޒްނީމް އަހްމަދާއި ސަރީޝް އަހުމަދާއި ޙުސައިން ފަޒީލް ހާރޫން އާއި ޒައިދު ޝަރީފް އެވެ. މިޓީމުގެ ކޯޗުންނަކީ އެތުލެޓިކްސް އެސޯސިއޭޝަންގެ ސްޕްރިންޓް ހެޑް ކޯޗް އަމަދު ފާއިލް އާއި ހުސައިން ހަލީމް އެވެ.
މި މުބާރާތުގައި ރާއްޖޭގެ އެތުލީޓުން ވާދަކުރާނީ ފިރިހެނުންގެ 100 މީޓަރާއި 200 މީޓަރާއި 1500 މީޓަރު އަދި 5000 މީޓަރު ދުވުމާއި 400 މީޓަރު ރިލޭގައެވެ.
އެތުލެޓިކްސްގެ އިތުރުން މިފަހަރުގެ ގޭމްސްގައި ސްވިމިންގ، ޓޭބަލް ޓެނިސް، ޓެނިސް އަދި ޝޫޓިންގ ގައިވެސް ރާއްޖެއިން ބައިވެރިވެއެވެ.
އެތްލެޓިކްސް އެސޯސިއޭޝަނުން ބުނީ އެހެން ޤައުމުތަކުގެ ދުވުންތެރިންގެ ޓައިމިންގ އާއި އަޅާބަލާއިރު، ރާއްޖޭގެ ދުވުންތެރިންގެ ދުވުމުގެ ޓައިމިންގ ރަނގަޅުކަމަށާއި އެހެންކަމުން ސެމިފައިނަލަށް ދިއުމުގެ ފުރުޞަތު ބޮޑު ކަމަށެވެ.