ކުވައިތުގެ އާބާދީގެ 69% ބިދޭސީން- މައްސަލަތައް ފުނިޖެހި އުތުރިއަރަަނީ!
އަރަބި ޤައުމުތަކުގެ ތެރޭގައި ހިމެނޭ ކުވައިތުގައި 3 މިލިއަނަށްވުރެ ގިނަ ބިދޭސީން އެބަތިއްބެވެ، އެއީ ޤައުމުގެ އާބާދީއަށް ބަލައިފިނަމަ 69%އަށްވުރެ މަތީ އަދަދެކެވެ.
ޓީޗަރުންގެ ގޮތުގައި 71،000 މީހުން ތިބިއިރު އެއިގެތެރޭގައި 25،000 އަށްވުރެ ގިނައީ ބިދޭސީންނެވެ.
މާތްﷲ ދެއްވެވި ތަނަވަސްކަމުގެ ބޭނުން ނަހަަމގޮތުގައި ހިފައި އެއްވެސް މަސައްކަތެއް ކުރަން ބޭނުން ނުވާ ގިނަ ބައަކު އަރަބި ޤައުމތަކުގައި އެބަތިއްބެވެ، އަރަބި ޤައުމުތަކުގައި ބިދޭސީންގެ އަދަދު އިތުރުވަމުން އަންނަނީ މިފަދަ ސަބަބުތަކަށްޓަކައެވެ.
ހަމައެއާއިއެކު މަސައްކަތް ނުކުރުމުގެ ޘަޤާފަތަށް ދަނީ ބަދަލުތަކެއް އަންނަމުންެވެ. ދިރިއުޅެވޭވަރަށް ފައިސާ ނުލިބޭތީ މަސައްކަތްކުރަން ބޭނުންވާ މީހުންގެ އަދަދު ވެސް އަންނަނީ އިތުރުވަމުންނެވެ.
ކުވައިތުގެ ޤާނޫނީ ވަކީލަކު ގެންދަނީ ކުވައިތުގައި ތިބި ހުރިހާ ބިދޭސީ ޓީޗަރުން ޤައުމުން ބޭރުކުރަން ގޮވާލައި ކެންޕޭނެއް ހިންގަމުންނެވެ. އޭނާ ބުނަނީ 25،000 ބިދޭސީ ޓީޗަރުން ޤައުމުން ބޭރުކޮށް އެ ވަޒީފާތައް ކުވައިތުގެ ރައްޔިތުންނަށް ދީފިނަމަ ގިނަ ބައަކަށް ވަޒީފާ ލިބޭނެ ކަމަށެވެ.