ސައުތު އޭޝިއަން ޖޫނިއަރ އެންޑް ކެޑޭޓް ޓީޓީ ޗެމްޕިއަންޝިޕްގައި ބައިވެރިވާ ރާއްޖޭގެ ޓީމު ސްރީލަންކާއަށް މިއަދު ހެދުނު ފުރައިފިއެވެ.
މިއަހަރުގެ މުބާރާތުގައި ސާކު ސަރަހައްދުން 6 ޤައުމުން ވާދަކުރާ އިރު، ޖޫނިއަރ ކެޓަގަރީގައި ވާދަކުރަނީ 18 އަހަރުން ދަށުގެ ކުޅުންތެރިންނެވެ. ކެޑޭޓް ކެޓަގަރީގައި ވާދަކުރަނީ 15 އަހަރުން ދަށުގެ ކުޅުންތެރިންނެވެ.
މި މުބާރާތުގައި ރާއްޖޭގެ ފަރާތުން ދެ ކެޓަގަރީގައިވެސް ބައިވެރިވެއެވެ.
މި މަހުގެ 19 އިން 21 އަށް ސްރީލަންކާގައި ކުރިއަށްދާ މި މުބާރާތުގައި ރާއްޖޭގެ ފަރާތުން ބައިވެރިވާ ޓީމުގެ އިސް-އޮފިޝަލެއްގެ ގޮތުގައި ވަޑައިގަންނަވަނީ ޓީޓީ އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީ އިސްމާޢިލް ސުޖާޢު އެވެ.
މިދަތުރުގެ ކަންތައް ހަމަޖެއްސުމުގައި މިނިސްޓްރީ އޮފް ޔޫތް އެންޑް ސްޕޯޓްސް އިން ވެދެއްވި އެހީތެރިކަން ފާހަގަކޮށް ޓީޓީ އެސޯސިއޭޝަނުން ސަރުކާރަށް ޝުކުރުއަދާކުރައްވާފައިވާ އިރު، ކޮމިޝަނަރ އޮފް ސްޕޯޓްސް އަޙްމަދު ނަޝީދު ވަނީ ޓީމާއި ބައްދަލުކުރައްވާ ހޮތްވަރު ދެއްވާފައެވެ.
ރާއްޖޭގެ އަންހެން ޓީމުގައި ހިމެނެނީ ޢައިޝަތު ރަފާ ނާޒިމް، ލައިޝާ ފަތުޙުﷲ އިސްމާޢިލް، އާމިނަތު މަލީޝާ މުއާޒް، ފާތުމަތު މަލޫޝާ މުއާޒު އަދި ފާތުމަތު ޝަދާ މަމްދޫހު އެވެ.
ފިރިހެން ޓީމުގައި ހިމެނެނީ މުޙައްމަދު ޝައްފާން އިސްމާޢިލް، ކުމާލް ޝަނޫން، މުޙައްމަދު ތާބިން ސުޖާޢު، އިބްރާހިމް އައުޒަމް ޢަޒީމް އެވެ.
މި ޓީމުތަކަށް އިރުޝާދުދޭނީ ޤައުމީ ކޯޗު ޗަމިންދަ ރޮޑްރިގޯ އެވެ.
މި ޓީމުތައް އެނބުރި މާލެ އަންނާނީ މި މަހުގެ 22 ވަނަ ދުވަހުއެވެ.
ޚަބަރާއިގުޅޭ އިތުރު ލިޔުން:
ސައުތް އޭޝިއަން ޖޫނިއަރ އެންޑް ކެޑޭޓް ޓީޓީ ޗެމްޕިއަންޝިޕްގައި ބައިވެރިވާ ޓީމާ ކޮމިޝަނަރ އޮފް ސްޕޯޓްސް ބައްދަލު ކުރައްވައިފި