އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމް ސައުދީ އަރަބިއްޔާއަށް ވަޑައިގެންފިއެވެ.
އެމެރިކާގެ ރައީސްގެ ހައިޘިއްޔަތުން ޤައުމުން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި ޓްރަމްޕާއި އަނބިކަނބަލުން ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޟުގެ ބައިނަލްއަޤުވާމީ ވައިގެ ބަނދަރުން މަރުހަބާ ވިދާޅުވީ ސައޫދި ރަސްގެފާނު ސަލްމާން ބިން ޢަބުދުލް ޢަޒީޒު އަލް ސަޢުދުއެވެ.
ޓްރަމްޕްގެ މި ދަތުރުފުޅަށް ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޟުގެ ސަލާމަތީ ކަންތައްތައް ވަރަށް ވަރުގަދަކޮށްފައިވާ އިރު، ރިޔާޟުގެ މަގުތަކަށް ވަނީ ގިނަ ޢަދަދެއްގެ ފުލުހުން ނެރެފައެވެ. އަދި ޓްރަމްޕާއި ވަފުދު ތިއްބަވާ މުޅި ހިސާބުގަނޑުގައި ހެލިކޮޕްޓަރ ބޭނުންކޮށްގެންވެސް އަންނަނީ ސަލާމަތީ ކަންކަން ބަލަހައްޓަމުންނެވެ.
އެމެރިކާގެ ރައީސް ޓްރަމްޕްގެ މި ދަތުރުފުޅުގައި ސައުދީގެ އިސްބޭފުޅުންނާއެކު ބާއްވާ ބައްދަލުވުމަކާއި ގަލްފް ކޯޕަރޭޝަން ކައުންސިލުގެ 6 ޤައުމުގެ އޮފިޝަލުންނާއެކު ބާއްވާ ބައްދަލުމަކާއި އަރަބި އަދި އިސްލާމީ ވެރިންނާއެކު ބާއްބާ މެންދުރުގެ ފަރިއްކޮޅެއްގައި ބައިވެރިވެވަޑައިގަންނަވާގޮތަށް ވަނީ ނިންމަވާފައެވެ.
ޓްރަމްޕްގެ މި ދަތުރުފުޅުގައި ބެލްޖިއަމް، އިޒްރޭލް، ވެޓިކަން ، ސިސިލީ އަދި ފަލަސްތީނަށް ވަޑައިގަންނަވާ އިރު، މިއީ 8 ދުވަހުގެ ދަތުރުފުޅެކެވެ.