މުޅި ދުނިޔެއަށް މަޝްހޫރު، އިންޑިއާގެ ދީނީ ޢިލްމުވެރިޔާ ޑރ.ޒާކިރް ނައިކް އަށް ސައުދީ އަރަބިއާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލް ޢަޒީޒް އަލްސައުދު، އެޤައުމުގެ ރަށްވެހިކަން ދެއްވައިފިއެވެ.
"ދަ މިޑްލް އީސްޓް މޮނިޓަރ" ގެ ރިޕޯޓުތަކުން ބުނާ ގޮތުގައި، ޑރ. ޒާކިރް ނައިކްއަށް ސަލްމާން ރަސްގެފާނު ސައުދި އަރަބިއާގެ ރަށްވެހިކަން ދެއްވީ، މިހާރު ޑރ. ޒާކިރް ނައިކް އާއި ދެކޮޅަށް ބަލަމުންދާ މައްސަލައިގެ ސަބަބުން އިންޓަރނޭޝަނަލް ޕޮލިސް ގްރޫޕް (އިންޓަރޕޯލް) އިން ދީފާނެ އަދަބަކުން ސަލާމަތްކޮށް ހިމާޔަތްކަން ދިނުމުގެ ގޮތުންނެވެ.
އުމުރުފުޅުން 51 އަހަރުގެ ޑރ. ޒާކިރް ނައިކް، އިސްލާމިކް ރިސަރޗް ފައުންޑޭޝަން (އައިއާރްއެފް) އުފެއްދުމުގެ އިތުރުން އިސްލާމްދީނާއި ބެހޭ އަގުހުރި މަޢުލޫމާތުތައް ގެނެސްދޭ "ޕީސް ޓީވީ" ވެސް އުފެއްދެވިއެވެ.
ބަންގްލަދޭޝް ގެ ޑާކާ ގައި ބަޔަކު ހިންގި ހަމަލާއެއްގައި ޑރ. ޒާކިރް ނައިކް ގެ އަތެއްވެސްވާ ކަމަށް އިންޑިއާ އިންވަނީ ތުހުުމަތުކޮށްފައެވެ. އެރިޕޯޓުގައިވަނީ، ޑާކާ އަށް ދިން ޓެރަރިސްޓް ހަމަލާއެއްގައި ހައްޔަރު ކުރެވުނު އެއް ޓެރަރިސްޓަކު، އޭނާ ޢަމަލުކުރީ ޑރ. ޒާކިރް ނައިކް ގެ ދަރުސްތަކުން އަޑު އިވުން ގޮތުން ބުނެ އޭނާ އުޅެނީ ޑރ. ޒާކިރް ނައިކް ކިޔާދެއްވި ގޮތަށް ކަމަށް ބުނި ކަމަށެވެ.
ޑރ. ޒާކިރް ނައިކް ސައުދީ އަރަބިއާގައި ހުންނެވީ އިންޑިއާއަށް އެނބުރި އަތުވެއްޖެނަމަ ހައްޔަރު ކުރާނެތީ ކަމަށްވެސް އެރިޕޯޓުގައި ބުނެފައިވެއެވެ. އަދި ސައުދީ ރަސްގެފާނު ޑރ. ޒާކިރް ނައިކްއަށް ސައުދީ އަރަބިއާގެ ރަށްވެހިކަން ދެއްވީ، އިންޑިއާގެ ކަމާއިބެހޭ ފަރާތްތަކުން، އޭނާ އަނބުރާ އިންޑިއާ އަށް ގެނައުމަށްޓަކައި، ޑރ. ޒާކިރް ނައިކްގެ ޕާސްޕޯޓު އުވާލަން މަސައްކަތް ކުރަނިކޮށް ކަމަށްވެސް ރިޕޯޓުތަކުން ހާމަވެއެވެ. ނަމަވެސް ސައުދީ އިން ޑރ. ޒާކިރް ނައިކް އަށް ރަށްވެހިކަން ދީފާނެކަމަށް އެއްވެސް ވަރަކަށް އިންޑިއާ އިން ހީނުކުރާ ކަމަށްވެސް ވެއެވެ.
މީގެއިތުރުން އެމައްސަލާގެ ފަހުން، ޔޫކޭ، ކެނެޑާ އަދި ބަންގްލަދޭޝްގައި "ޕީސް ޓީވީ" ދެއްކުން މަނާކުރިއެވެ. އަދި އަލްޤައިދާއަށް ސަޕޯޓު ކުރާކަމަށް ބުނެ 2012 ވަނަ އަހަރު، ޔޫކޭ އަށާއި ކެނެޑާއަށް ޑރ. ޒާކިރް ނައިކް އެރުން މަނާކުރިއެވެ.