ސަޢުދީ ވިޔަފާރި ފޯރަމްގައި ފަނަރަ ބިލިއަން ޑޮލަރުގެ އެއްބަސްވުންތަކެއްގައި ސޮއިކޮށްފި

ކިޔުމަށް ހޭދަވާނީ 1މ 42ސ
ސަޢުދީ ވިޔަފާރި ފޯރަމްގައި ފަނަރަ ބިލިއަން ޑޮލަރުގެ އެއްބަސްވުންތަކެއްގައި ސޮއިކޮށްފި
ސަޢުދީ ވިޔަފާރި ފޯރަމްގައި ފަނަރަ ބިލިއަން ޑޮލަރުގެ އެއްބަސްވުންތަކެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުންތަކުގައި ސޮއިކޮށްފައިވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ސައުދީ އަރަބިއްޔާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅާ ދިމާކޮށް އިއްޔެ ބޭއްވި ވިޔަފާރި ފޯރަމްގައެވެ.

ސައުދީ އަރަބިއްޔާގެ އަރަބް ނިއުސް އިން ބުނީ އެމެރިކާގެ ޖެނެރަލް އިލެކްޓްރޯނިކްސް (ޖީއީ) އިން ސައުދީގެ ކުންފުނިތަކާއެކު ހެދި ވިޔަފާރީގެ އެއްބަސްވުންތަކުގެ އަގު 15 ބިލިޔަން ޑޮލަރަށް އަރާ ކަމަށެވެ.

ސައުދީ-ޔޫއެސް ސީއީއޯ ފޯރަމްގެ ނަމުގައި އިއްޔެ ބޭއްވި ފޯރަމްގައި އެމެރިކާގެ 50 ކުންފުންޏެއްގެ ވެރިންނާއި ސައުދީ އަރަބިއްޔާގެ 40 ކުންފުންޏެއްގެ ވެރިންނާއި ބައިނަލްއަޤުވާމީ 9 ކުންފުންޏެއްގެ ވެރިންނާއި ސައުދީ ސަރުކާރުގެ 9 އޮފިޝަލަކު ބައިވެރިވެވަޑައިގަންނަވާފައިވާ އިރު، ސައުދީ އަރަބިއްޔާގެ ޤައުމީ ތެޔޮ ކުންފުނި އާރަމްކޯ އާއި އެމެރިކާގެ ޖޭކޮބްސް ގުޅިގެން ޖޮއިންޓް ވެންޗަރ ކުންފުންޏެއް އުފެއްދުމުގެ އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ.

އެ އެއްބަސްވުމުގެ ދަށުން އުފައްދާ ކުންފުނިން ސައުދީ އަރަބިއްޔާ އާއި ގަލްފް ސަރަހައްދުގެ އެހެން ޤައުމުތަކުގައި އިންފްރާސްޓްރަކްޗަރ ބިނާ ކުރުމަށް ވަނީ ނިންމާފައެވެ.

މިއީ އެމެރިކާގެ ރައީސްގެ ޙައިޘިއްޔަތުން ޓްރަމްޕު ޤައުމުން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. އޭނާގެ މި ދަތުރުފުޅުގައި ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޟިގެ ވައިގެ ބަނދަރުން ޓްރަމްޕަށް މަރުޙަބާ ވިދާޅުވީ އެ ޤައުމުގެ ރަސްގެފާނު ސަލްމާން ބިން ޢަބުދުލް ޢަޒީޒު އަލް ސަޢުދެވެ.

ޓްރަމްޕް ސައުދީ އަރަބިއްޔާއަށް ކުރައްވާ ދަތުރުފުޅުގައި ސައުދީގެ އިސްބޭފުޅުންނާއެކު ބާއްވާ ބައްދަލުވުމަކާއި ގަލްފް ކޯޕަރޭޝަން ކައުންސިލްގެ 6 ޤައުމުގެ އޮފިޝަލުންނާއެކު ބާއްވާ ބައްދަލުމަކާއި އަރަބި އަދި އިސްލާމީ ވެރިންނާއެކު ބާއްބާ މެންދުރުގެ ފަރިއްކޮޅެއްގައި ބައިވެރިވެވަޑައިގަންނަވާނެއެވެ.
މިއަދު އޮންލައިން