މުސްލިމް ލީޑަރުންނަށް ތަޤްރީރް ކުރަމުން ޓްރަމްޕް ބުނީ ހައްދުފަހަނައަޅައި ދިއުމާއި ނުދިއުމުގެ ތަފާތަކީ ރަނގަޅު ގޮތާއި ޝައިޠާނީ އަމަލުގެ ހުރި ތަފާތުކަމަށާއި އެހެންކަމުން މުސްލިމް ޤައުމުތަކުން ހައްދުފަހަނައަޅައި ގޮސްގެން ނުވާނެ ކަމަށެވެ. އަދި ޓެރަރިޒަމާއި ދެކޮޅަށް މަސައްކަތްކުރުމުގައި މުސްލިމް ޤައުމުތަކުން ތިބެންޖެހޭނީ ކުރީސަފުގައި ކަމަށެވެ.
މުސްލިމުން ރަނގަޅު ގޮތުގައި ކުރިއަށް ދާން ނުވަތަ ޞުލްހައިގެ ފެށުން ވަނީ މިސަމިޓާއި ގުޅިފައި" ކަމަށްވެސް ޓްރަމްޕް ވަނީ ބުނެފައެވެ.
ނަމަވެސް މުސްލިމުން ޤަބޫލުކުރާ ގޮތުގައި މުސްލިމުން ރަނގަޅު ގޮތުގައި ކުރިއަށް ދާން ފެށުމާއި ޞުލްޙައިގެ ފެށުން ގުޅިފައިވަނީ އިސްލާމް ދީނުގެ ފެށުމާއިއެވެ. އެކަން ގުޅިފައިވަނީ ޓްރަމްޕަކާ ނޫނެވެ. ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) އާއިއެވެ.
އެއްވެސް ޤައުމަކުން ޓެރަރިޒަމަށް ޖާގަ ނުދިނުމަށާއި ޤައުމުގެ އެންމެ ބިންކޮޅެއްވެސް ޓެރަރިސްޓުންނަށް ނުދިނުމަށް ޓްރަމްޕް ވަނީ ގޮވާލައިފައެވެ.
ނަމަވެސް ޓްރަމްޕުގެ ކުރިމަތީގައި ޓެރަރިޒަމަކީ މުސްލިމުންކުރާ ކަންކަމެވެ. އިޒްރޭލުން ހިންގާ ޓެރަރިޒަމްގެ ކޮންމެ އަމަލަކީ ދިފާއީ ކަންކަމެވެ.
ޓްރަމްޕް ބުނީ އިރާނު ފަދަ ޓެރަރިޒަމަށް ހިއްވަރުދޭ ޤައުމުތައް އެކަހެރިކުރަންޖެހޭނެ ކަމަށެވެ. "ޓެރަރިޒުންގެ ހަމައެކަނި އަމާޒަކީ މެރުން. އެކަން ހުއްޓުވަންޖެހޭ،"
ޓްރަމްޕް ވަނީ ޓެރަރިޒަމާއި ހައްދުފަހަނައަޅައި ދިއުމާއި ދެކޮޅަށް ސައުދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށް ތައުރީފް ކުރައްވައިފައެވެ.
ފަލަސްޠީނުގެ ރައީސް މަޙްމޫދު ޢައްބާސް އާއި އިޒްރޭލުގެ އަނިވާވެރި ބޮޑުވަޒީރު ނަތަޔާންހޫ އާއި މިދަތުރު ނިންމުމުގެ ކުރިން ބައްދަލުކުރާނެ ކަމަށްވެސް ޓްރަމްޕް ބުނެފައިވެއެ. އިތުރު ތަފްޞީލެއް ނުދެއެވެ.