26 އަހަރަށްފަހު އަމީތާބު ވީ ރިޝީ ގެ ބައްޕައަށް
ބޮލީވުޑްގެ ފިލްމުތަކުގެ ތެރެއިން އަށްޑިހައިގެ އަހަރުތަކުގައި ނިކުތް ފިލްމުތަކުގެ ތެރެއިން، ބެލުންތެރިންނަށް އެންމެ ކަމުގޮސްފައިވަނީ އެއް ފިލުމުތަކަކީ،އަމީތާބް ބަޗަން އާއި ރިޝީ ކަޕޫރު އެކުގައި ކުޅެފައިވާ ފިލްމުތަކެވެ.
"އަމަރު އަކްބަރު އެންތަނީ"، "ކަބީ ކަބީ"، "ނަސީބު" އަދި "ކޫލީ" އަކީ މިކުޅަދާނަ ދެތަރިންގެ ހުނަރުވެރި މޮޅު އެކްޓިންގ ދައްކުވާދިން، އަދި އެފިލްމުތަކަކަށް ބެލުންތެރިން ވެސް ހޫނު ތަރުޙީބެއް ދީފައިވާ ފިލްމުތަކެކެވެ.
އޭގެ ފަހުން ދެތަރިން އެކުގައި ފިލްމެއް ނުކުޅޭތާ 26 އަހަރު ފަހުން، އަނެއްކާވެސް މިދެތަރިން އެކުގައި ފިލްމަކުން ފެންނާނެ ކަމުގެ އުފާވެރި ޚަބަރު މިވަނީ ދީފައެވެ.
އުމޭޝް ޝުކްލާ ޑައިރެކްޓު ކުރާ ފިލްމު "102 ނޮޓް އައުޓް" ގައި އަމީތާބު ބަޗަން އާއި ރިޝީ ކަޕޫރު ފެނިގެންދަނީ އުމުރުން ދުވަސްވީ ދެމީހެއްގެ ރޯލުންނެވެ. ނަމަވެސް މިފިލްމު މިދެތަރިންގެ އެހެން ފިލްމުތަކާއި ވަރަށް ތަފާތެވެ. އެއީ މިފިލްމުގައި އަމީތާބު ކުޅެނީ ރިޝީގެ ބައްޕަގެ ރޯލެވެ.
"102 ނޮޓް އައުޓް" ގައި ދައްކުވާދެނީ އުމުރުން 102 އަހަރު ފުރިފައިވާ އަމީތާބާއި އޭނާގެ، އުމުރުން 75 އަހަރު ފުރިފައިވާ ދަރިފުޅު ރިޝީގެ ޙަޔާތުގެ ވާހަކައެވެ. ރިޝީއަށް ވުރެ އަމީތާބު އުމުރުން މާދުވަސްވެފައިވީ ނަމަވެސް، އަމީތާބުގެ ޙަޔާތް މާކާމިޔާބުވެފައި އުފާވެރިއެވެ. އެކަން ރިޝީ އަށް ވަނީ ހަޖަމް ކުރަން އުނދަގޫ ކަމަކަށެވެ.
އެހާ ދިގު މުއްދަތަކަށް ފަހު އަމީތާބާއި އެކު އަނެއްކާވެސް މަސައްކަތް ކުރުމުގެ ފުރުސަތު ލިބުމުން ރިޝީ ކަޕޫރު ބުނެފައިވަނީ، އެކުގައި މަސައްކަތް ނުކުރާތާ 26 އަހަރު ވެފައިވާހެން ހީވެސް ނުވާ ކަމަށާއި ދެމީހުންވެސް ވަރަށް ފަސޭހައިން އެކަކު އަނެކަކާއި ގުޅުން ކަމަށެވެ. އަދި އަމީތާބާއި އެކު އަލުން މަސައްކަތް ކުރުމުގެ ފުރުސަތު ލިބުނީތީ ވަރަށް އުފާވާ ކަމަށާއި އެކަމަށް އަމީތާބަށް ޝުކުރުވެރިވާ ކަމަށް ވެސް ރިޝީ ކަޕޫރު ބުންޏެވެ.
"102 ނޮޓް އައުޓް" ގެ ފުރަތަމަ ފޮޓޯ އާއްމުވެފައިވީ ނަމަވެސް، މިފިލްމާއި ބެހޭ އިތުރު ތަފްސީލެއް އަދި ހާމަ ކޮށްފައެއް ނުވެއެެވެ.