ގެއިން ނެރެލީ ބައްޕަހާ މޮޅު މީހަކަށް ނުވީމަ

ކިޔުމަށް ހޭދަވާނީ 5މ 13ސ
ގެއިން ނެރެލީ ބައްޕަހާ މޮޅު މީހަކަށް ނުވީމަ
މިއީ އަތޮޅުތެރޭ ރަށެއްގައި ހިނގި ހާދިސާ އެކެވެ. މިކަން ކަމާބެހޭ ފަރާތްތަކަށް ނޭންގީ އާއިލާ ތެރޭގައި މިމައްސަލަ ޙައްލުވުމުންނެވެ.

ނަމަވެސް މިހާދިސާ ދިމާވި ފަރާތް "މިއަދުނޫހަށް" މިވާހަކަ ޙިއްސާ ކުރީ، މިކަމުގެ ސަބަބުން އޭނާއަށް ކުރި ފުން އަސަރު ކިޔުންތެރިންނާއި ހިއްސާ ކުރުމުގެ ގޮތުންނާއި އެފަދަ ކަންތައްތަށް ތަޖުރިބާ ކުރަމުންދާ އެހެން މީހުން ސަލާމަތް ކުރުމުގެ ނިޔަތުގައެވެ.

"އަހަންނަކީ އާބާދީ ބޮޑު ރަށެއްގައި އުފަންވެ އުޅެ ބޮޑުވި މީހެކެވެ. އުމުރުން މިހާރު 20 އަހަރު ފުރިއްޖެއެވެ. އަހަރެންގެ މައިންބަފައިންނަކީ ރަށުގެ އެންމެ ފުދުންތެރި މީހުންގެ ތެރެއިން ހިމެނޭ ދެމީހުންނެވެ. އާއިލާގައި ތިބެނީ އަހަރެންގެ އިތުރުން ދައްތައާއި ބޭބެ އެެވެ. އަހަންނަކީ އެންމެ ހަގެވެ.

އަހަރެންގެ ދައްތައާއި ބޭބެ އަކީ ތަޢުލީމަށް ވަރަށް މޮޅު ދެމީހުންނެވެ. އަހަރެން އަބަދުވެސް އެމީހުންނަށް ވުރެ ދަށެވެ. އެދެމީހުން އޭލެވެލް އިން ވެސް ޓޮޕް ޓެން ގައި ހިމެނުނެވެ. އެހެންކަމުން އެދެމީހުން ދެކެ ބައްޕަ ވަރަށް ބޮޑަށް ފަޚުރުވެރިވެއެވެ.

ކުޑައިރުވެސް އަހަންނަށް އެހާ ނުކިޔެވޭތީ ބައްޕަ ބުނަމުން އައީ ދައްތަ އާއި ބޭބެ އަށް ލިބިފައި ހުރީ ބައްޕަގެ ސިކުނޑި ކަމަށެވެ. އާނ އެކެވެ. ބައްޕަ އަކީ ވަރަށް މޮޅަށް ކިޔަވައިގެން ހުރި އަދި މާލޭގައި ޒިންމާދާރު ވަޒީފާ އެއް އަދާ ކުރުމަށްފަހު، ރަށުގައި ވެސް ރަނގަޅު ވަޒީފާއެއްގައި އުޅުމަށްފަހު މިހާރު ވިޔަފާރި ވެރިއެކެވެ. ކުޅިވަރުގެ މައިދާނުގައި ވެސް ބައްޕަ އެހާމެ މޮޅެވެ. ރަށުގެ ފުޓުބޯޅަ ޓީމަށް ކޯޗުކަން ކޮށްދީ އެއަހަރު އަތޮޅުތެރޭގެ މުބާރާތުން އެއް ވަނަ ވެސް ރަށު ޓީމަށް ލިބުނެވެ. އެންމެން ވެސް ޤަބޫލު ކުރީ އެއީ ބައްޕަގެ މޮޅު ކޯޗިންގ ގެ ސަބަބުން ލިބުނު ނަތީޖާއެއް ކަމަށެވެ.

އަހަންނަށް ކުޅިވަރެއް ކުޅޭކަށްވެސް ނޭނގެއެވެ. އެކަންވެސް ބައްޕައަށް ވީ ބޮޑު ލަދަކަށެވެ. އަހަންނާއި ދިމާލަށް "ގަމާރު"، "ގުންބޯލި"، އަދި "އެއް ކަމެއްވެސް ނުކުރެވޭ ކުއްޖާ" އޭ ބައްޕަ ވަރަށް ގިނައިން ކިޔައެވެ. ޙަޤީޤަތުގައި ކިޔަވަން އަހަރެން ވަރަށް މަސައްކަތް ކުރީމެވެ. މަންމަ ބުނިހެން، ބޮލަށް އެއްޗެއް ވަދޭތޯ ފަތިހު ވެސް ފިލާވަޅު ދަސްކުރަމެވެ. ނަމަވެސް އަބަދުމެ އަހަރެންގެ ކަންފަތުގައި ހަރުލާފައި ހުންނަނީ ބައްޕަގެ ރަޙުމު ކުޑަ ބަސްތަކެވެ.

ހަނދާންވަނީ ޓެސްޓެއްގެ ނަތީޖާ ލިބޭ ކޮންމެ ފަހަރަކު ވެސް، އަހަންނަށް ކާން ނުދީ ބަހައްޓަން ބައްޕަ ކުރާ އަމުރެވެ. އަދި އެއަމުރަށް މަންމަ ކިޔަމަންތެރިވާ މަންޒަރެވެ. އަހަރެންގެ ހިތައް ތަޢުލީމުގެ އެއްވެސް އެއްޗެއް ނުވަދެއެވެ.
ދުވަހަކު އޭ ރިޕޯޓެއް ނުލިބުން ކަމުގައި ވިޔަސް އަހަންނަށް ވެސް އޭ ލެވެލް ކިޔެވޭ ވަރުވިއެވެ. އެކަމާއި އަހަރެން ވަރަށް އުފާވިއެވެ. ހީކުރީ އަހަރެންގެ ސިކުނޑިއަށް އެއްޗެހި ވަންނަވަރު ބައްޕައަށް ޤަބޫލު ކުރެވި އަހަންނާއި މެދުވެސް ފަޚުރުވެރިވާނެ ކަމަށެވެ.

ނަމަވެސް ކަންތައްވީ އަހަރެން އުއްމީދު ކުރި ގޮތާއި މުޅިން ޚިލާފަށެވެ. އޯ ލެވެލް އިން އަހަންނަށް ލިބުނު ނަތީޖާ ފެނިފައި ބައްޕަ އިންތިހާއަށް ރުޅިއައެވެ. އޯ ލެވެލް ފަދަ "ކުޑަކުޑަ" އިމްތިހާނަކުން ވެސް ހުރިހާ މާއްދާއަކުން "އޭ" ފާސް ނުގެނެވޭ މީހަކީ ބޭކާރު މީހެކޭ ބައްޕަ އަހަންނާއި ދިމާލަށް ބުންޏެވެ. އަދި އޯ ލެވެލް ގެ ޓޮޕް ޓެން ގައި ނުހިމެނުނު މީހަކަށް އޭ ލެވެލް ޓޮޕް ޓެން އަކަށް ވެސް ނުދެވޭނޭ ބައްޕަ ބުންޏެވެ.

އަހަންނަށް ރޮވުނެވެ. އަދި ބޭއިޚްތިޔާރުގައި ބައްޕަ އާއި ދިމާލަށް ތަންކޮޅެއް ބާރަށް ހަޅޭލަވައި ގަނެވުނެވެ. ބައްޕާއޭ، ބައްޕަހާ މޮޅު މީހަކަށް އަހަންނަކަށް ނުވެވޭނެއޭ، އަހަރެން ވަރަށް ބޮޑަށް މަސައްކަތް ކުރީމޭ އެކަމަކު ހަމަ ނުވަނީ އޭ ނުވެވޭނެއޭ ބުނީމެވެ. އެހެން ބުނުމުން ބައްޕަ ވަރަށް ބޮޑަށް ރުޅިއައެވެ. އަދި އަތުގަ ހިފާ ދަމާފައި ގެންގޮސް އަހަރެން ގެއިން ބޭރަށް ލިއެވެ. ގެއިން ބޭރަށް ލަމުން ބައްޕަ ބުނީ 'ގަމާރުންނަށް އަހަރެންގެ ގެއަކު ޖާގައެއް ނެތް' މިހެންނެވެ.

އެދުވަހު ރޮވުނު ވަރެއްވެސް އަހަންނަކަށް ނޭނގެއެވެ. މަންމަ އާއި ވަކިވުމުން ދެރަވިއެވެ. ނަމަވެސް ގެއަށް ވައްދާށޭ އަހަރެން ނުބުނަމެވެ. ސަބަބަކަށްވީ، އެތަނުން ސަލާމަތްވާން ޚުދު އަހަރެންވެސް ބޭނުންވެފައި ހުރުމެވެ.
ގެއިން ބޭރަށް ލާފައި ހުރިތަން އަވައްޓެރިންނަށް ފެނުނެވެ. އެމީހުން ބުނީ ކައުންސިލް އޮފީހަށް ގޮސް މައްސަލަ ޖެއްސުމަށެވެ. އެތަނަށް ދާން އަހަރެން ހިނގައިވެސް ގަތީމެވެ. ނަމަވެސް އެދުވަހު އަހަރެން ހުއްޓުވީ އަހަރެންގެ މަންމަ ފަރާތު ބޮޑު ދައިތައެވެ.

ބޮޑު ދައިތަ އަހަރެން އެގެއަށް ގެންދިޔައެވެ. އަދި އެއްވެސް މައްސަލައެއް ނުޖެއްސުމަށް ބުންޏެވެ. އެފަދަ ކަމެއް ކޮށްފިނަމަ އަހަރެންގެ މަންމަ އެކަމާއި ވަރަށް ހިތާމަ ކުރާނެކަން ވެސް ބޮޑު ދައިތަ ވިސްނާދިނެވެ. އެހެންކަމުން އަހަރެން ނިންމީ އެފަދަ ކަމެއް ނުކުރުމަށެވެ.

ބޮޑުދައިތަމެން ގޭގައި އަހަރެން ދެ އަހަރު އުޅުނީމެވެ. އެގޭ މީހުން އަހަންނަށް ވަރަށް ރަނގަޅެވެ. ހިތުގަ ޖެހޭ އެންމެ ބަހެއް ވެސް ނުބުނެއެވެ. އަހަރެންގެ މަންމައާއި ދައްތަ އަދި ބޭބެ ވެސް އެގެއަށް އަހަންނާއި ބައްދަލު ކުރަން ދިޔައެވެ.

އެގޭގައި ހުރި ދުވަސްކޮޅު އަހަރެންގެ ކިޔެވުން ވަރަށް ބޮޑަށް ރަނގަޅުވިއެވެ. ކިޔެވުމަކީ އުނދަގޫ ކަމަކަށް އަހަންނަކަށް ނުވިއެވެ. ނަތީޖާ އެއްގެގޮތުން އޭލެވެލް ނިމި، އޭލެވެލް ގެ ޓޮޕް ޓެން ގައި ވެސް އަހަރެން ހިމެނުނެވެ. އެޚަފްލާއަށް އަހަންނާއި އެކު މަންމަ އާއި ބޮޑުދައިތަ މާލެ ދިޔައެވެ. ބައްޕަވެސް ދިޔައެވެ. ނަމަވެސް އަހަރެން ބައްޕައާއި ވާހަކަ ނުދައްކަމެވެ.

އޭލެވެލް ގެ ނަތީޖާ ރަނގަޅުވުމުން ބައްޕަ ބޭނުންވީ އަހަރެން އެގެއަށް އަނބުރާ ދާށެވެ. އެހެންކަމުން އަހަރެން ބަލާ މަންމަ ފޮނުވިއެވެ. މަންމަގެ އެހީތެރިކަމަކާއި ނުލާ އަހަރެން ގެއިން ބޭރުކޮށްލުވުނު އިރު، ގެއަށް އަނބުރާ ގެންދަން މަންމަގެ އެހީތެރިކަން ބޭނުންވީ ކީއްވެ ހެއްޔެވެ.

އެގެއަށް އަނބުރާ ނުދާނަމޭ އަހަރެން ބުނީމެވެ. މަންމަ ބުނީ ބޮޑުދައިތަމެން ގޭގައި އަބަދު އުޅެންޏާ އެމީހުންނަށް އުނދަގޫވާނެ ކަމަށެވެ. މަންމަ އަށްވެސް އަބަދު ބައްޕަ ނޫން މީހެއް ނުފެންނާތީ އަހަރެން ރުޅިއައެވެ. އެކަމަކު އެއްޗެއް ނުބުނެ އަހަރެން ބުނީ، އަހަރެން އުޅެނީ އިތުރަށް ކިޔަވަން މާލެ ދާން ކަމަށެވެ. ހުންނާނީ ބޮޑުދައިތަގެ ދޮށީދަރިފުޅުގެ އެޕާޓްމެންޓުގައި ކަމަށާއި، މާލެއިން ވަޒީފާ އެއް ވެސް ހޯދާނެ ކަމަށް ބުނީމެވެ.

އޭގެ ފަހުން މަންމަ އަހަރެން ގެއަށް ގެންދަން ނާދެއެވެ. އަދި އަހަރެން އައީ މާލެއެވެ."
މިއަދު އޮންލައިން