އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ސޯނޫ ނިގަމް، ވަރަށް ފަހުން ވަނީ މުޅިން އެހެން ގޮތަކަށް މަޝްހޫރުވެފައެވެ. އޭނާގެ ލަވަކިޔުމުގެ ދާއިރާ ފެށީއްސުރެ އެންމެންގެ ލޯބި ލިބެމުން އައި ނަމަވެސް، ދާދި ފަހުން ކުރި އެންމެ ޓްވީޓެއްގެ ސަބަބުން ގިނަ ބަޔަކު ވަނީ އޭނާ ދެކެ ރުޅިއައިސް އޭނާއަށް ފާޑު ކިޔާފައެވެ.
ބަންގީ ގެ އަޑަށް އުނދަގޫވެގެން ޓްވިޓަރގައި އޭނާ ބުނެފައިވަނީ "ކަންކަމުގައި'ގުންޑާގަރްދީ'(ގަދަބާރުކުރުން)" ހުއްޓުމަށެވެ. ބަންގީގެ އަޑު އިވިގެން އުނދަގޫ ވެގެން އެފަދަ އެއްޗެއް ބުނުން ގިނަ މީހުން ބަލައެއް ނުގަތެވެ. އަދި އެކިއެކި މީހުންގެ ފާޑު ކިޔުންތަކަށް ޖަވާބުދާރީވަމުން ސޯނޫވެސް އުޅުނީ ވަރަށް ބިޒީ ކޮށެވެ.
ގިނަ ދުވަސްތަކެއްގެ ބަހުސަށްފަހު އެންމެ ފަހުން ސޯނޫ ނިގަމް ނިންމީ ޓްވިޓާރ އަށް އަލްވަދާއު ކިޔާށެވެ. ގާތްގަނޑަކަށް 7 މިލިއަނެއްހާ ފޮލޯވަރުން ހުރި ޓްވިޓަރ އައިޑީ ސޯނޫ ނިގަމް ފުހެލީ އެންމެ ފަހު ޓްވީޓުތަކެއްގެ ގޮތުން 13 ޓްވީޓު ކޮށްފައެވެ. ސޯނޫ ނިގަމް ބުނެފައިވަނީ މިހާރު އުޅޭ ގިނަ މީހުންނަކީ އިންސާނުން ނޫން ކަމަށާއި ކޮންމެވެސް ފަޚުރުވެރި ހިންދޫއެއް، މުސްލިމެއް، ޕާކިސްތާނީއެއް ނުވަތަ އިންޑިއަނެއް ކަމަށެވެ.
ސޯނޫ ނިގަމްގެ ވަދާއީ ޓްވީޓުތަކުގެ އެންމެ ފުރަތަމަ ޓްވީޓުގައި އެދިފައިވަނީ އޭނާ ކުރާ ޓްވީޓުތަކުގެ ސްކްރީންޝޮޓް އަވަހަށް ނެގުމަށެވެ. ސަބަބަކީ އިރުކޮޅެއް ފަހުން އެޓްވީޓުތައް ނުފެންނާނެތީ ކަމަށް ސޯނޫ ނިގަމް ބުންޏެވެ.
ދެވަނައަށް ކުރި ޓްވީޓުގައި އޭނާވަނީ އޭނާގެ ހަތް މިލިއަނެއްހާ ފޮލޯވަރުންނަށް މިއަދުން ފެށިގެން އަލްވަދާއު ކިޔަނީ ކަމަށް ބުނެފައެވެ. ސޯނޫ ބުނެފައިވަނީ މިއީ އޭނާ ދެކެ ރުޅިއަންނަ މީހުންނަށް ދޭ އުފާވެރި ޚަބަރެއް ކަމަށެވެ.
ތިންވަނަ ޓްވީޓުގައި ބުނެފައިވަނީ ހަރުބަހެއް ކަމެއް ނޭނގެއެވެ. ނަމަވެސް ބުނެފައިވަނީ ވޭތުވެދިޔަ ދުވަސްތަކުގައި އޭނާއަށް އެނގުނީ "ނިދާފައި އޮންނަ މީހެއް ހޭލެއްވި ދާނެ" ކަމަށާއި "ނަމަވެސް ނިދާ ކަމަށް ހަދައިގެން އޮންނަ މީހެއް ނުހޭލެއްވޭނެ ކަމަށެވެ.
ދެން ހަތަރުވަނަ ޓްވީޓެވެ. އޭގައި ސޯނޫ ނިގަމް އެއްޗެހި ގޮވާފައިވަނީ މީޑިއާ އަށެވެ. ބުނެފައިވަނީ މީޑިއާ އޮތީ ބެހިފައިކަމަށެވެ. ބައެއް މީހުން (ނޫސްވެރިން) ޤައުމީވެފައި ތިބިއިރު އަނެއް ބަޔަކީ ހަމަ ހިތައް އެއްވެސް އެއްޗެއް ނާރާ މީހުންކަމަށް ބުނެފައިވެއެވެ.
އެއަށްފަހު ދެން ކުރި ޓްވީޓުގައި ދައްކާފައިވަނީ މުޅިން އެހެން ވާހަކައެކެވެ. ބުނެފައިވަނީ އެކި ކަންކޮޅުތަކުން ލޯބި އުތުރި އަރާތަން އެނާއަށް ފެންނަ ކަމަށެވެ. އެއާއިއެކު ރަޙުމެއްނެތް ކަންތައްތަކެއް އޭގެ އަނެއް ކޮޅުން ފެންނަ ކަމަށްވެސް ސޯނޫ ނިގަމް ބުންޏެވެ.
ހަވަނަ ޓްވީޓަކީ ފަސްވަނަ ޓްވީޓުގެ ބައެކެވެ. ބުނެފައިވަނީ އެއްބަޔަކު ހެޔޮ ދުޢާ ކޮށްދޭއިރު އަނެއް ބަޔަކު ތިމާގެ މަރަށް އެދޭ ކަމެވެ. އަދި ޓެރަރިސްޓުން ފަދައިން ކުޑަކުދިންނާއި ޒުވާނުންވެސް އުޅޭ މަންޒަރު ފެންނަ ކަމަށް ބުންޏެވެ.
ހަތްވަނަ ޓްވީޓުގައި އޭނާވަނީ ބޮލީވުޑްގެ ޒަމާންވީ ކޮމެޑީ އެކްޓަރ އަދި މިހާރު އިންޑިއާގެ ބީޖޭޕީ ޕާޓީގެ އެމްޕީ ޕަރޭޝް ރަވާލް އަށް ހިތްވަރުދީފައެވެ. ވަރަށް ފަހުން ޕަރޭޝް ރަވާލް އާއި އަރުންދަތީ ރޯއީ ނަމަކަށް ކިޔާ އަންހެނަކާއި ވަނީ މައްސަލަތަކެއް ޖެހިފައެވެ. އެކަމަށް އަލިއަޅުވާލާފައި ސޯނޫ ނިގަމް ބުނެފައިވަނީ އަންހެނަކަށް އަސްކަރީ ޖިޕެއް ކުރިމަތީގައި ގޯތަމް ގަމްބިރް ގެ ފޮޓޯއެއް ހިފައިގެން ހުރެވިދާނެ ކަމަށެވެ. ނަމަވެސް ޕަރޭޝް ރަވާލް އެކަން ކުރުމުން، މީހުން އޭނާއަށް ފާޑުކީކަން ސޯނޫ ވަނީ ފާހަގަ ކޮށްފައިވެއެވެ.
ދެން އިން ޓްވީޓުގައި އަރުންދަތީ ގެ ވާހަކައެވެ. ބުނެފައިވަނީ އަރުންދަތީ އަށް ކަޝްމީރާއި ބެހޭގޮތުން ޙިޔާލުފާޅު ކުރުމުގެ ޙައްޤު އޮތް ފަދައިން ދެން ތިބި ބިލިއަނެއްހާ އިންޑިއަނުންނަށް ވެސް އެކަމާއި ޙިޔާލު ތަފާތުވުމުގެ ޙައްޤު އޮތް ކަމަށެވެ.
ނުވަވަނަ ޓްވީޓުގައި އޮތީ އަނެއްކާވެސް ދީނާއި ގުޅުން ހުރި ވާހަކައެކެވެ. ބުނެފައިވަނީ އިންސާނުން ފަދައިން އުޅުން ގިނަ މީހުން ހުއްޓާލައިފި ކަމަށާއި، މިހާރު ހަމައެކަނި ތިބީ އަމިއްލައަށް ފަޚުރުވެރިވެ ބޮޑާވެފައިވާ މުސްލިމުންނާއި ހިންދޫއިންނާއި ޕާކިސްތާނީންނާއި އިންޑިއަނުން ކަމަށެވެ. އަދި އެއެންމެން ފޮނިކަން ދައްކަނީ ނުހަނު ޖާހިލު ވެގެން ތިބެ ކަމަށްވެސް ބުންޏެވެ.
ވަރަށް ފަހުން ދިމާވި މައްސަލައެއްގައި އަބީޖީތު ބަޓަޗަރްޔާ ހަޑިހުތުރު ބަހުން ވާހަކަ ދައްކައިގެން މީހުން އޭނާއާއި ދިމާލަށް އެއްޗެހިކީކަން ސޯނޫ ނިގަމް ވަނީ ފާހަގަ ކޮށްފައެވެ. ސޯނޫ ކޮށްފައިވާ ސުވާލަކީ އަބީޖީތު ހަޑިހުތުރު ބަހުން ވާހަކަ ދެއްކީމަ އެކަން މައްސަލައަކަށް ވީގޮތަށް ބީޖޭޕީ ގައި ޖިންސީ ކަންތައްގަނޑެއް ހިނގާކަމަށް ބުނެ ސެހެލާ ދެއްކި ވާހަކަތައް މައްސަލައަކަށް ނުވީ ކީއްވެތޯއެވެ.
އެއާއި ގުޅުވާފައި އެގާރަވަނަ ޓްވީޓުގައި ބުނެފައިވަނީ އަބީޖީތުގެ ޓްވިޓަރ އެކައުންޓު ފުހެލިގޮތަށް ސެހެލާގެ އެކައުންޓު ވެސް ފުހެނުލީ ކީއްވެތޯ އެވެ.
ކަންކަމުގައި ހަމަހަމަކަން ކޮބާތޯ ސޯނޫގެ ވަދާއީ ޓްވީޓޫ ތަކުގެ ބާރަވަނަ ޓްވީޓޫގައި އަހާފައިވެއެވެ. އަދި ޓްވިޓާގައި އެންމެން އެވަރަށް ރުޅިގަދަ ވެގެން އުޅެނީ ކީއްވެތޯ ވެސް ސުވާލު ކޮށްފައިވެއެވެ.
ވަދާއީ ޓްވީޓުތަކުގެ އެންމެ ފަހު ޓްވީޓުގައި ބުނެފައިވަނީ އެހުރިހާ ކަމަކުން ވެސް ދޭހަވަނީ ބައެއް އިންސާނުންނަށް ކުއްލިއަކަށް ބާރެއް ލިބުމުން އެބާރު ހަޖަމް ކޮށް ރަނގަޅަށް ބޭނުން ކުރަން ނޭނގޭ ކަމަށެވެ. އަދި އެފަދަ މީހުން ހިފަހައްޓަން ވާގަނޑެއް ބޭނުންވާ ކަމަށް ވެެސް ސޯނޫ ބުނެފައިވެއެވެ.
ސޯނޫ ނިގަމް ދެއްކި ހުރިހާ ވާހަކައަކަށް ބަލާނަމަ، އޭނާ ޓްވިޓަރ ބޭނުން ކުރުން ހުއްޓާލީ، ހަމަހަމަކަން ނެތުމުގެ ސަބަބުން ކޮށްފައިވާ އަސަރެއްގެ ބޮޑުކަމުންނެވެ. ނަމަވެސް އޭނާގެ އެޓްވީޓުތަކަށް މީހުން އޭނާއަށް ދެން ރައްދު ދޭނީ ކިހިނެއް ކަމެއް ނޭނގެއެވެ.