ޅ. ހިންނަވަރު އެމްޕަވަރިންގ ކައިނެޓިކް ސޮސައިޓީ (އެކްސް ބޯއީސް) އިން އިންތިޒާމުކޮށްގެން ބާއްވާ "އެކްސް ފުޓްސަލް ޗެލެންޖު 2017" ގައި ބައިވެރިވުމުގެ ފުރުޞަތު ހަމަވާން ބާކީ 5 ދުވަހަށް ވެއްޖެއެވެ.
މުޅި ހިންނަވަރަށް ހުޅުވާލައިގެން، ރަމަޟާން މަހުގެ މުނާސަބާއާވެސް ގުޅުވައިގެން ކުރިއަށް ގެންދާ މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން ޓީމު ލިސްޓު ހުށަހަޅަންޖެހޭ ސުންގަޑިއަކީ ޖޫން 1 ވާ ބްރާސްފަތި ދުވަހުގެ 23:00 އެވެ.
ހިންނަވަރު ފުޓްސަލް ދަނޑުގައި ކުޅުމަށް ހަމަޖެހިފައިވާ މި މުބާރާތުގެ ޓީމު ލިސްޓު ހިންނަވަރުގައި ހުންނަ ޒުވާނުންގެ މަރުކަޒަށް ހުށަހަޅަންޖެހޭ އިރު، ކޮންމެ ލިސްޓެއްގައިވެސް ގިނަވެގެން 10 ކުޅުންތެރިން ހިމެނޭ އިރު، މަދުވެގެން ހިމެނޭނީ 8 ކުޅުންތެރިންނެވެ. އަދި ތިން އޮފިޝަލުން ހިމަނަން ޖެހޭ އިރު، ލިސްޓާއެކު ހުރިހާ ކުޅުންތެރިންނާއި އޮފިޝަލުންގެ އައިޑީ ކާޑު ހުށަހަޅަންޖެހެއެވެ.
އެކްސް ބޯއީސް އިން ބުނީ މިއަހަރުގެ މުބާރާތުގައި ރަށުންބޭރު ކުޅުންތެރިންނަށް ނުކުޅެވޭނެ ކަމަށާއި ނަމަވެސް އެރަށުގެ ރައްޔިތަކާއި ކައިވެނިކޮށްގެން އުޅޭ މީހެއްނަމަ، ބަލާނީ އެރަށުގެ ރައްޔިތެއްގެ ގޮތުގައި ކަމަށެވެ.
މީގެ އިތުރުން މުބާރާތުގައި ބައިވެރިވުމަށް އެއްހާސް ރުފިޔާގެ ފީއެއް ނަގާނެ ކަމަށާއި ޓީމު ލިސްޓާއެކު އެ ފީވެސް ހުށަހަޅަން ޖެހޭނެ ކަމަށް ބުންޏެވެ. އަދި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމު ހިންނަވަރު ޒުވާނުންގެ މަރުކަޒު ހުޅުވިފައި ހުންނަ ގަޑިތަކުގައި ލިބެން ހުންނާނެ ކަމަށާއި އިތުރު މަޢުލޫމާތު ހޯދުމަށް 7644499 ނުވަތަ 7879799 އަށް ގުޅުމަށްވެސް އެކްސް ބޯއީސް އިން އެދޭ ކަމަށް ބުންޏެވެ.
މި މުބާރާތް ބޭއްވުމަށް މިހާރު ތާވަލުކޮށްފައިވަނީ އަންނަ ޖޫން މަހުގެ 10 ވަނަ ދުވަސް ކަމަށްވިޔަސް މޫސުމަށް އަންނަ ބަދަލަކާއި ގުޅިގެން ތާރީޚަށް ބަދަލު ގެންނަން ޖެހުމަކީ އެކަށިގެންވާ ކަމެއް ކަމަށްވެސް ބުންޏެވެ.
މިއަހަރުގެ މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރއަކީ މިއަދުނޫހެވެ.