ރަމަޟާންމަހު މަސްޖިދުއްނަބަވީގައި އަޅުކަންކުރަން ތިބޭ މީހުންނަށް ކަންކަން ވީހައި ލުއި ފަސޭހަކޮށްދޭން މަދީނާގެ ގަވަރުނަރު ޕްރިންސް ފައިސަލް ބިން ސަލްމާން އަމުރުފުޅު ކުރައްވައިފިއެވެ.
ޕްރިންސް ފައިސަލް ވަނީ އިއުތިކާފަށް ތިބޭ މީހުންނަށް ގޮދަޑި ދިނުމަށާއި އެމީހުންނަށް ބޭނުންވާނެ ހުރިހާ ޚިދުމަތްތަކެއް ވީހައި ފުރިހަމައަށް ފޯރުކޮށްދިނުމަށް މަސްޖިދުއްނަބަވީގެ ކަންކަން ބަލަހައްޓަވާ ފަރާތްތަކަށް އަމުރުފުޅު ކުރައްވައިފައެވެ.
އިއުތިކާފަށް ތިބޭ މީހުންނަށް ގޮދަޑިއަޅައިދީ ކަންކަން ފަސޭހަކޮށްދީފައިވަނީ މަސްޖިދުއްނަބަވީގެ "ރޫފްޓޮޕް" ގައެވެ. ޒަމްޒަމް ފެނާއި ކާނާ ވެސް ރޭގަނޑުގެ ވަގުތުތަކުގައި ލިބޭނެ އިންތިޒާމުތައް ވަނީ ޕްރިންސް ފައިޞަލް ހަމަޖައްސަވައިދެއްވައިފައެވެ.
މަސްޖިދުއްނަބަވީގެ ސަލާމަތީ ކަންތައްތައްވެސް މިއަހަރު ވަނީ އިތުރަށް ވަރުގަދަކޮށްފައެވެ. އަދި މަގުދައްކައި އެހީތެރިވެދޭނެ ގިނަ ބައަކުވެސް ވަނީ ހަމަޖައްސަވައިދެއްވައިފައެވެ.