ހޮސްޕިޓަލަށް އެއްލާލާފައި ދަރިން ފިލީ، ހިތްދަތިކަން ދުވަހަކުވެސް ހިތުން ނުފިލާނެ- ގީތާ

ކިޔުމަށް ހޭދަވާނީ 2މ 18ސ
ހޮސްޕިޓަލަށް އެއްލާލާފައި ދަރިން ފިލީ، ހިތްދަތިކަން ދުވަހަކުވެސް ހިތުން ނުފިލާނެ- ގީތާ

ބޮލީވުޑްގެ ގިނަ ފިލްމުތަކެއްގައި ކުރިން އެކްޓުކޮށްފައިވާ ގީތާ ކަޕޫރު ބަލިވެގެން ހޮސްޕިޓަލުގައި އެޑްމިޓު ކުރުމުން، އޭނާގެ ދަރިން އެތަނަށް އޭނާ އެއްލާލާފައި ފިލައިފިއެވެ.
ކުރީގެ މަޝްހޫރު ފިލްމުތަކެއް ކަމަށްވާ "ޕަކީޒާ" އަދި "ރާޖާ ސުލްތާން" ގައި އެކްޓުކޮށްފައިވާ، އުމުރުން 58 އަހަރުގެ ގީތާ ކަޕޫރު، ގޮރެގައޮން ގެ ހޮސްޕިޓަލަކަށް ގެންދެވުނީ ލޭގެ ޕްރެޝަރ މާބޮޑަށް ދަށްވެގެން އަނބުރައިގަނެގެން ވެއްޓުމުންނެވެ. ހޮސްޕިޓަލާއި ހަމައަށް އޭނާ ގޮވައިގެން ދިޔައީ، އޭނާގެ ފިރިހެން ދަރިފުޅު ރާޖާއެވެ.

ނަމަވެސް ހޮސްޕިޓަލުގައި ގީތާ އެޑްމިޓުކޮށް ބިލްތަކަށް ފައިސާ ދައްކަން ބުނުމުން، އޭޓީއެމް އަށް ގޮސް ފައިސާ ނަގައިގެން އަންނާނެ ކަމަށް ބުނެ ރާޖާ ފިލީއެވެ. ފޯނަށް ޖަވާބު ނުދިނުމުގެ އިތުރުން ދިރިއުޅޭ ތަންވެސް ބަދަލު ކުރީއެވެ.

އުމުރުން ދުވަސްވީ އެއެކްޓަރުގެ ހޮސްޕިޓަލް ބިލްތައް ދައްކާދިނީ، ބޮލީވުޑްގެ ގިނަ ފިލްމުތަކެއް އުފައްދާފައިވާ އަޝޯކް ޕަންޑިތު އާއި ރަމޭޝް ޓައުރާނީ އެވެ. އަޝޯކް ބުނިގޮތުގައި، އޭނާ އާއި ރަމޭޝް އެހޮސްޕިޓަލަށް ދިޔައީ އުމުރުން ދުވަސްވީ އަންހެނަކު ހޮސްޕިޓަލަށް އެއްލާލާފައި އޭނާގެ ދަރިން ފިލައިފި ކަމުގެ ޚަބަރު ލިބިގެން އެއަންހެން މީހާއަށް އެހީވާށެވެ. ނަމަވެސް އެއީ ކުރީގެ މަޝްހޫރު އެކްޓަރު ގީތާ ކަޕޫރުކަން އެނގުނީ ހޮސްޕިޓަލަށް ގޮސް އެއް ލައްކަ އެއްހާ ރުޕީސް އެރި ބިލްތަކަށް ފައިސާ ދެއްކިފަހުން ކަމަށް ވެސް އަޝޯކް އިންޑިއާގެ ނޫސްތަކަށް މަޢުލޫމާތު ދިނެވެ.

މީގެ އިތުރުން އަޝޯކް ބުނީ ގީތާ ކަޕޫރަށް މިކަމުގެ ސަބަބުން ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން ވަރަށް ފުން އަސަރުތަކެއް ކޮށްފައިވާ ކަމަށެވެ. އެއްކަމަކަށް އަޝޯކް ބުނީ، ހޮސްޕިޓަލުގައި އޮތް އިރުވެސް ގީތާ ކަޕޫރަށް އޮތީ އަބަދުމެ ރޮވިރޮވި ކަމަށާއި އޭނާ ބުނަމުން ދިޔައީ "އަހަރެން ބަލިވުމުން އަހަރެންގެ ދަރިން ހޮސްޕިޓަލަށް އަހަރެން އެއްލާލާފައި ދިޔައީ" ކަމަށާއި "އެހިތްދަތިކަން ދުވަހަކު ވެސް ނުފިލާނެ" ކަމަށެވެ.

ގީތާ ކަޕޫރު ގެ ފަރާތުން އަޝޯކް ފާހަގަ ކުރި އަނެއް ކަމަކީ، އޭނާއާއި ބައްދަލު ކުރަން ކޮންމެ މީހަކު ދިޔަ ކަމުގައި ވިޔަސް، ނުޖަހާށޭ ބުނާކަހަލަ ގޮތަކަށް އަތް އުފުލާ އިތުރަށް ރޯން ފަށާކަމެވެ. އެއުމުރުގައި ގީތާ އާއި މެދު ވަރަށް އިހާނެތިކޮށް އޭނާގެ ދަރިން ކަންތައް ކޮށްފައިވާކަން، ވަރަށް ބޮޑަށް ޝައްކު ކުރެވޭކަމަށް އަޝޯކް ބުންޏެވެ.
މިމައްސަލަ ކަމާ ބެހޭ ފަރާތްތަކަށް މިހާރުވަނީ ހުށަހަޅާފައެވެ.

އަދި އަޝޯކް ބުނިގޮތުގައި، 'ނޯ އޮބްޖެކްޝަން ސެޓްފިކެޓް (އެންއޯސީ)' ގައި ރާޖާ ސޮއި ކުރަން އޭނާ ބޭނުންވެއެވެ.

އެއީ އުމުރުން ދުވަސްވީ މީހުން ބަހައްޓާ ގެއެއްގައި ގީތާ ބެހެއްޓުމަށް، ރާޖާގެ އެއްވެސް އިއުތިރާޒެއް ނެތްކަން ދެއްކުމަށްޓަކައި ކަމަށްވެސް އަޝޯކް ބުނެފައިވެއެވެ.

މިއަދު އޮންލައިން