ލެޖެންޑުންގެ ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ މެޗު ލެޖެންޑު ބީ ޓީމުން ކާމިޔާބުކޮށްފި

ކިޔުމަށް ހޭދަވާނީ 1މ 26ސ
ލެޖެންޑުންގެ ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ މެޗު ލެޖެންޑު ބީ ޓީމުން ކާމިޔާބުކޮށްފި


ކޮންމެ ރަމަޟާން މަހަކުވެސް ބާއްވަމުން އަންނަ ލެޖެންޑް ފުޓްބޯޅަ މުބާރާތް ނުވަތަ ވެޓްރަންސް ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ މެޗު ލެޖެންޑު ބީ ޓީމުން ކާމިޔާބުކޮށްފިއެވެ.

ޓާރފް އެއްނަމްބަރު ދަނޑުގައި އިއްޔެ ފެށި މި މުބާރާތް އެ ޓީމުން ކާމިޔާބުކުރި 4-1 ލަނޑުންނެވެ.

މި މެޗުގައި ޤައުމީ ޓީމުގެ ފުރަތަމަ ކެޕްޓަން އިބްރާހިމް އިސްމާއިލްގެ ކެޕްޓަންކަމުގެދަށުން ކުޅުނު ލެޖެންޑް ބީ ޓީމުގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ވިކްޓަރީގެ ކުރީގެފޯވަރޑް އަބްދުﷲ މުފީދު (އޯވަރހެޑް މުފީދު) އާއި މުހައްމަދު ހަމީދު (އެމްސީ ހަމިއްޓެ) އަދިމުހައްމަދު ހަލީމް (ބޮޑުޖަޑާ) އެވެ. މީގެތެރެއިން މުފީދު ވަނީ ދެލަނޑު ޖަހާފައެވެ.

ނޫރައްދީނުގެ ކެޕްޓަންކަމުގެ ދަށުން ކުޅުނު ލެޖެންޑް އޭ ޓީމުގެ ހަމައެކަނި ލަނޑު ޖަހައިދިނީ އިބްރާހިމް ޝަރީފް (ގަރޭ) އެވެ.

1970 ވަނަ އަހަރުން ފެށިގެން 1990 ވަނަ އަހަރާއި ހަމައަށް ފުޓްބޯޅަ ކުޅެ، ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ގިނަ ކުޅުންތެރިން ވަނީ ފެނިގެން ގޮސްފައެވެ.
އޭގެތެރޭގައި ސ. ފޭދޫ ޑީއެންސީގެ މައި ތަނބު ކަމަށްވާފޯވަރޑް ޢަބްދުﷲ މުފީދު (އުދުހޭ މުފީދު) އާއި މިސްރާބު ސައީދު އާއި ނިއުގެކުރީގެ މަސްއޫލުވެރިޔާ ކާމިނީޕޫލް ހަސަން މަނިކު އާއި މަޢުރޫފު އަހުމަދު (މާއްޓޭ) އާއި މޯނިންގސަން މޫސާ މަނިކު (ކުޑަމޫސަ) ފަދަ ކުޅުންތެރިން ހިމެނެއެވެ.

މި މެޗުގައި ރެފްރީކަން ކޮށްފައިވަނީ މައްލާ ޅަތުއްތު، އަޙްމަދު ޢަބީރު، މުޙައްމަދު ނަސީމް (އައިނޯ) މުޙައްމަދު ސަޢީދު (ފިފާ ސަޢީދު) އެވެ.
މި މެޗު ޝަރަފްވެރިކޮށްދެއްވީ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލްޖަލީލާއި އޭނާގެ ބައްޕަ އަދީލް ޖަލީލް އާއި ނިއުގެ ބާނީ ކުއީން އަޙްމަދުވަހީދެވެ.


މިއަދު އޮންލައިން