ހިތާމައިން ފޯވެގެން ކަރުނުން ދެލޯ ތެމެމުން މިއަދު މިދަނީ
.......................ހިތާމައިން ހިތް ހަލާކުވެގޮސް ދުޢާކުރުމަށް ދެއަތް ނެގެނީ
ހިތާ ނަފްސާ ނަޖާކުރުމަށް މިތާ ތައުބާވަމޭ މި އަޅާ
.......................ހިތާނަފްސާއި ޠޯހިރުކޮށް ސަޢާދާ މަޢުފިރާ އެދެނީ
މިތާ އިހުމާލުވީ ޒިއްމާތަކަށް ވިސްނާ ފިކުރު ކުރަމުން
.......................ހިތާ ޢަމަލުން މަޢާފު އަދާ ޒިކުރު ތަސްބީޙަތައް ކިޔަނީ
ކުރެވިފައިވާ ކުށާއަދި ފާފަޔާ ގިނަގުނަ ޢަދަދު ނުވެވޭ
.......................ކުރެވިދިޔަ ފާފައިން މިއަޅާ ސަލާމަތްއެދި ދުޢާކުރަނީ
ދެވުނުހާ އަނދިރި މަގުތަކަކުން އެޅުނުހާކަތި އެގޯޅިތަކުން
.......................އެނބުރި ސީދާމަގަށް ވެ ރުޖޫޢަ ކޮށަމުން މަގުއަމާން ކުރަނީ
ޢަޒާބުން ދިންނެވުން އެދިގެން ޖަޒާހެޔޮ އެދި ދެދުނިޔޭގާ
.......................ފަޒާގެ ތެރޭ ރުކުރުވާލާ ދުޢާގެ އަޑޭ ފެތުރި ެއދަނީ
ހިޔާ ޖަންނަތުގެ ލިބުމަށްއެދި ނިޔާމަ އެދެން ކުރާ ދަތުރަށް
.......................ޤިޔާމަތްދުވަހު ރަޙުމަތް އެދި ކިޔާނަޞްރުގެ ދުޢާ ފެށެނީ
ހަވާނަފުސާ ދުރުގަހުރެގެން ސަވާބަށް އެދި ސަޖިދަކުރަމުން
.......................ހަވާގެތެރޭ މިފަތުރާލާ ޢިބާދާތުގެ އަޑޭ އިވެނީ
ހިތުގެ ލޭނާރުތަކުގައިވާ ކިލާކަން ފިލުވުމަށް އެދިގެން
.......................ސިތުރަ ތިޔަ މާތް ޙަޟުރަތުން ނިޢުމަތާ ހެޔޮކަން ލިބުންއެދެނީ
ޙަޔާތުގެ މަންޒިލުން ތެދުމަގު ނުފެނިވިޔަކަސް މިައަދު މިއަޅާ
.......................ގަޔާވެވިގެން ތަވައްޖުހުގައި އިލާހުގެ ހަނދުމަ އާކުރަނީ
ކިޔާ އެވަހީގެ ބަސްފުޅުތައް ހިޔާ ސީރަތުގެ ލިބިގެން އަދު
.......................ޚިޔާލާ ވިސްނުމާ ފިކުރާ އަލިވެނޫރުން އެ ދިއްލިލަނީ
އަޅާ އަދު މަރުހަނދުމަކުރަމުން ވަމޭ މިޙުރާބުގައި ރޮވިފާ
.......................އަޅާ ތައުބާގެ ދޮރުއެދިގެން ދެއަތް އުފުލާ ދުޢާ ކުރަނީ