އަފްޞާނިސްތާނުގެ ވެރިރަށް ކާބުލްގައި އެންމެ ވަރުގަދައަށް ސެކިޔުރިޓީ ބަލަހައްޓަމުން ގެންދާ ޑިޕޮލޮމެޓިކް ސަރަހައްދެއްގައި ގިނަ އަދަދެއްގެ ބަޑިބޭސް އަރުވައިގެން ދިއަ ލޮރީއެއް ގޮއްވާލުމުން 80 މީހުން މަރުވެ 350 މީހުން ޒަޚަމްވެއްޖެއެވެ.
މިހަމަލާދީ ދީފައިވަނީ ޖާނުން ފިދާވެގެން މިއަދު ހެނދުނުގެ ވަގުތެއްގައެވެ. ބާރުގަދަ އަޑެއް މުޅި ސަރަހައްދަށް ވަނީ އިވިފައެވެ. އަރައިގެން ދިއަ ދުންތަކުގެ އަސަރުވަނީ އެތައް ހިސާބަކަށް ކޮށްފައެވެ.
ހެލްތް މިނިސްޓްރީން ބުނީ ވަޒީރު އަކްބަރު ޚާން އޭރިއާގައި ދިން މި ހަމަލާގައި މަރުވެ އަދި ޒަޚަމްވެފައިވަނީ ގިނަ އަދަދެއްގެ ޢާންމު ރައްޔިތުން ކަމަށާއި އެއިގެތެރޭގައި އަންހެނުންނާއި ކުޑަކުދިންވެސް ހިމެނޭ ކަމަށެވެ.
މިއީ އެޤައުމުން ބޭރުގެ ބާރުތައް 2014 ވަނަ އަހަރު ފޭބިފަހުން މިހައިތަނަށް ދީފައިވާ އެންމެ ވަރުގަދަ ހަމަލާއެވެ.
މި ހަމަލާގައި ޖަރުމަން ، ޖަޕާން އަދި ޕާކިސްތާން އެމްބަސީޓަކަށް ވަނީ ގެއްލުންތަކެއް ލިބިފައެވެ. އަދި އެމްބަސީތަކުގެ ބައެއް މުވައްޒިފުންނަށް ވަނީ އަނިޔާވެފައެވެ.
ބީބީސީ އިން ބުނީ އެތަނުގެ ބްރޯޑްކާސްޓަރަކު މަރުވެ 4 ޖަރނަލިސްޓަކަށް އަނިޔާވެފައިވާ ކަމަށެވެ.