ޕްރިޔާންކާ ޗޯޕްރާ އަކީ ބޮލީވުޑްގެ އެހެން އަންހެން ތަރިންނަށް ހުރި ލާމަސީލު ނަމޫނާއެއްކަމާއި މެދު ޝައްކެއް ނެތެވެ. ނުހަނު ބުރަކޮށް މަސައްކަތް ކުރަމުންވެސް އާއިލާއާއި ރަޙްމަތްތެރިންނަށް ވަގުތު ދެނީ ނުހަނު ހަމަހަމަ އަށެވެ. ޕްރިޔާންކާގެ މިހިތްވަރު ގަދަކަމަށްޓަކައި ގިނަ ބަޔަކު އޭނާދެކެ ލޯބިވެއެވެ.
ނަމަވެސް މިފަހަކަށް އައިސް، ޕްރިޔާންކާ އަށް ކުރެވޭ ކުދިކުދި ކަންތައްތަކާއި ހެދި ގިނަ ބަޔަކު ވަނީ އޭނާ ދެކެ ވަރަށް ބޮޑަށް ނުރުހުން ފާޅު ކޮށްފައެވެ. ނިމިގެން ދިޔަ މެއި މަހުގެ 30 ވަނަ ދުވަހު ޖަރުމަނުގެ ބަރލިންގައި ޕްރިޔާންކާ ވަނީ އިންޑިއާގެ ޕްރައިމް މިނިސްޓަރ ނަރެންދްރަ މޯދީ އާއި ބައްދަލު ކޮށްފައެވެ. ނަމަވެސް އެބައްދަލުވުމުގައި ކުރުހެދުމެއް ލައިގެން، ޕީއެމް ގެ ކުރިމަތީގައި ފައިދައްކައިގެން އިނުމުން ގިނަ ބަޔަކު ވަނީ ޕްރިޔާންކާ އަށް ނުރުހުމުގެ ބަސްތަކުން ހަމަލާދީފައެވެ. ޕީއެމް މޯދީ އަކީ އުމުރުން ދޮށީ މީހެއް ކަމަށާއި އޭގެ އިތުރުން އިންޑިއާގެ ޕްރައިމް މިނިސްޓަރ ކަމަށްވާތީ ކޮންމެވެސް ވަރެއްގެ އިޚްތިރާމެއް ދެއްކުމަށް އެމީހުންވަނީ ގޮވާލާފައެވެ.
އެކަންތައްގަނޑުގެ ޖަވާބަކަށް ޕްރިޔާންކާ ލީ އޭނަގެ މަންމަ އާއިއެކު ނަގާފައިވާ ފޮޓޯ އެކެވެ. އެފޮޓޯގައި ދެމައިންވެސް ލާފައި ހުރީ ކުރުހެދުމެވެ. ޕްރިޔާންކާ ހާމަކޮށްދޭން ބޭނުންވީ އެއީ އެަރު މައްސަލައެއް ނޫން ކަމަށެވެ.އެމައްސަލަ އެއްކޮށް ނުހިނދިގެން އުޅެނިކޮށް، ޕްރިޔާންކާ ޗޯޕްރާ އަށް މިވަނީ އަނެއްކާ އަނެއް ކަންތައް ކުރެވިފައެވެ. މިފަހަރު ނެގުނީ ސެލްފީތަކެކެވެ. އެވެސް ނުބަައިތާކު ހުރެއެވެ.
ހިޓްލަރުގެ ޒަމާނުގައި ހަ މިލިއަނެއްހާ ޔަހޫދީން މަރާފައިވާ ސަރަޙައްދުގައި، ބޭބެ ސިދާތު އާއި އެކު ޕްރިޔާންކާ ސެލްފީ ނެގީ، އެއްވެސް ބަޔަކަށް ބޭއިޚްތިރާމް ކުރުމުގެ ނިޔަތަކު ނޫނެވެ. ނަމަވެސް "ހޮލޯކޯސްޓް މެމޯރިއަލް" ގައި ޕްރިޔާންކާ އޭނާގެ ބޭބެ އާއިއެކު ސެލްފީ ނަގާ، އެފޮޓޯތައް ޓްވިޓަރ އަށް ލުމުން، ގިނަ ބަޔަކު ވަނީ އެކަމާއި ވަރަށް ބޮޑަށް ފާޑު ކިޔާފައެވެ.
"އެފަދަ ތަނެއްގައި ސެލްފީ ނެގުމުން ހާމަކޮށްދެނީ ޕްރިޔާންކާ ޗޯޕްރާ އަކީ ވަރަށް ރަޙުމެއް ނެތް މީހެއް ކަމަށް" އެކަކު ލިޔެފައިވާ ޓްވީޓެއްގައި ބުނެފައިވެއެވެ. އެހެން މީހަކު އަހާފައިވަނީ، ހޮލޯކޯސްޓް މެމޯރިއަލްގައި ސެލްފީ ނެގީ އާއްމުންގެ ސަމާލުކަން ހޯދަންތޯ ކަމަށެވެ. މިފަދަ ވަރަށް ގިނަ ނެގަޓިވް ކޮމެންޓުތަކެއް ލިބެން ފެށުމުން، ޕްރިޔާންކާވަނީ އޭނާ ނެގި އެސެލްފީތައް ޓްވިޓަރުން ފުހެލާފައެވެ.