ރާއްޖޭގެ ޤައުމީ ސީނިއަރ އެތުލެޓިކްސް ޓީމް ތަމްރީންތަކެއް ފުރިހަމަ ކުރުމަށް އިންޑިއާއަށް ފުރައިފިއެވެ.
އިންޑިއާގެ ބެންގަލޫރުގައި މި ޓީމު ކޭމްޕުކޮށް ތަމްރީންތައް ފުރިހަމަކުރުމަށް ނިންމާފައިމިވަނީ 22 ވަނަ އޭޝިއަން ޗެމްޕިއަންޝިޕަށް ތައްޔާރުވުމުގެ ގޮތުންނެވެ.
މިފަހަރުގެ އޭޝިއަން ޗެމްޕިއަންޝިޕް އޮންނާނީ އަންނަ ޖުލައި މަހުގެ ހަޔަކުން ނުވަޔަކަށް އިންޑިޔާގެ ބުބްނެސްވަރުގައެވެ.
އެތުލެޓިކްސް އެސޯސިއޭޝަނުން ބުނީ މިފަހަރުގެ މުބާރާތުގައި 10 އެތުލީޓުން ވާދަކުރާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ ފިރިހެން 7 އެތްލީޓުންނާއި އަންހެން 3 އެތުލީޓުން ކަމަށެވެ.
ބެންގަލޫރުގައި ތަމްރީން ހަދަމުން އަންނަ ޤައުމީ އެތުލެޓިކްސް ޓީމްގައި ހިމެނެނީ ރާއްޖޭގެ އެންމެބާރު ދުވުންތެރިޔާ ހަސަން ސާއިދު އާއި އަޒްނީމް އަހުމަދު (އައްޒަ) އާއި ސަރީސް އަހުމަދާއި ރާއްޖޭގެ އެންމެ ބާރު އަންހެން ދުވުންތެރިޔާ އަފާ އިސްމާއިލް އާއި އަހުމަދު ހަސަން އާއި ހުސެއިން ފަޒީލް ހާރޫނާއި ޒައިދު ޝަރީފް އެވެ.
ރާއްޖޭގެ އެތުލެޓިކްސް ޓީމުން ބެންގަލޫރުގައި ކޭމްޕުކޮށްފައި މިވަނީ، އިންޑިއާ ސަރުކާރުން ދިން އެހީއެއްގެ ދަށުންނެވެ.
ޤައުމީ އެތުލެޓިކްސް ޓީމް އެނބުރި މާލެ އަންނާނީ އޭޝިއަން ޗެމްޕިއަންޝިޕް ނިންމުމަށްފަހު ކަމަށް ވެސް އެތުލެޓިކްސް އެސޯސިއޭޝަނުން މައުލޫމާތު ދެއެވެ.