މަދީނާގެ އަހުލުވެރިންނަކީ ޒަމާނުންސުރެ އެރަށަށް ޒިޔާރަތްކުރާ މެހްމާނުންނަށް މެހްމާންދާރީ އަދާކުރުމުގައި ވަރަށް ފުރިހަމައަށް ނަމޫނާ ދައްކަމުން އަންނަ ބައެކެވެ.
އެމީހުންނަކީ ކައުއިތުރު ރަސޫލާއަށާއި ޞަހާބީންނަށް މެހްމާންދާރީ އަދާކުރުމާއި ޚިދުމަތްކުރުމުގައި އެޒަމާނުގައިވެސް ނަމޫނާ ދެއްކި ފަޚުރުވެރިންނެވެ. މުޅި އަރަބިކަރައާއި ދެކޮޅަށް ތެދުވެ އިސްލާމް ދީން މަތިވެރިކުރުމުގައި އެންމެ އިސް ދައުރެއް އަދާކުރީ މަދީނާގެ އަހުލުވެރިންނެވެ. މަދީނާގެ ރައްޔިތުންނެވެ.
މިއަދާއި ހަމައަށް ވެސް އެމީހުން އެތިބީ ހަމަ އެގޮތުގައެވެ. މިއަދު އެމީޙުން ވާދަކުރަނީ މަދީނާއަށް ޒިޔާރަތްކުރާ މީހުންނަށް ޚާއްޞަކޮށް މަސްޖިދުއްނަބަވީއަށް ޒިޔާރަތްކުރާ މީހުންނަށް ކާން ދިނުމުގައެވެ.
ޢަޞްރު ނަމާދު ނިމުމާއިއެކު މަސްޖިދުއްނަބަވީގެ އެތެރެއާއި ބޭރުގައި މޭޒުތައް ޖަހައެވެ. ކާބޯތަކެތި އަތުރައެވެ. މޭޒުތަކުން ޖާގަ ނުލިބޭ މީހުންނަށް ހިލޭ ޕާެރުސަލްތައް ބަހައެވެ. ކާތަކެތީގެ އިތުރުން އެމީހުންނަށް ބޭނުންވާނެ ޖޫސްތަކާއި ބޯފެނާއި އެހެންވެސް ތަކެތި ބަހައެވެ.
މިކަމުގައި އަދިވެސް އެމީހުންގެ މެދުގައި އޮތީ މީގެ 1400 އަަހރުކުރިންވެސް އޮތް ވާދަވެރިކަމެވެ. އެކަކަށްވުރެ އަނެކަކު މީރުތަކެތި ބެހުމެވެ. މޮޅަށް ޚިދުމަތް ދިނުމެވެ. އޯގާތެރިވުމުގައި ވާދަކުރުމެވެ.