އެކްސް ފުޓްސަލް މުބާރާތުގެ ގުރުއަތުލުން ބާއްވައިފި

ކިޔުމަށް ހޭދަވާނީ 1މ 58ސ
އެކްސް ފުޓްސަލް މުބާރާތުގެ ގުރުއަތުލުން ބާއްވައިފި
ޅ. ހިންނަވަރު އެކްސް ބޯއީސް އިން އިންތިޒާމުކޮށްގެން ބާއްވާ އެކްސް ފުޓްސަލް ޗެލެންޖު 2017 ގެ ގުރުއަތުލުން ރޭ ބާއްވައިފިއެވެ.

އެމްޕަވަރިންގ ކައިނެޓިކް ސޮސައިޓީ (އެކްސް ބޯއީސް) ގެ އޮފީސް ރެންޑަރގައި ރޭ ބޭއްވި ގުރުއަތުލުމުގެ ރަސްމިއްޔާތުގައި މުބާރާތުގައި ވާދަކުރާ ޓީމުތަކުން ވަނީ ބައިވެރިވެފައެވެ.

މިއަހަރުގެ މުބާރާތުގައި ބައިވެރިވި 11 ޓީމު ވަނީ ތިން ގްރޫޕަކަށް ބަހާލާފައެވެ.

އެގޮތުން ގްރޫޕް 1 ގައި އެފްސީ ބޮމްބާރޑް، ރިވަރސައިޑް، ޒޮމްބީސް، އަދި ބޮމްބާރޑް ޖޫނިއަރސް ހިމެނޭ އިރު، ގްރޫޕް 2 ގައި ހިމެނެނީ ޕޮލިސް، އަޔަން ބޯއީޒް، ޓޯރާބޯރާ އަދި ސްކޯޕިއަން ރިޓަރންސްއެވެ. އަދި ގްރޫޕް 3 ގައި ހިމެނެނީ އެފްސީ ފްރެންޑްސް، ލަންޑަން އެފްސީ އަދި ޓީމް ފަސްގަނޑެވެ.

މުބާރާތުގެ ސެމީފައިނަލަށް ދާނީ މި 3 ގްރޫޕުން އެންމެ ގިނަ ޕޮއިންޓު ހޯދާ 3 ޓީމަށް ސީދާ ސެމީފައިނަލުން ޖާގަ ލިބޭ ގޮތަށް ކަމަށެވެ. އަދި ސެމީގެ 4 ވަނަ ޖާގަ ލިބޭނީ ކޮންމެ ގްރޫޕަކުންވެސް ދެވަނައަށް އެންމެ ގިނަ ޕޮއިންޓު ހޯދާ 3 ޓީމުގެ މެދުގައި ލީގު އުސޫލުން އެއްބުރު ކުޅުމަށްފަހު، އެންމެ ގިނަ ޕޮއިންޓު ހޯދާ ޓީމަކަށެވެ.

ޖުމްލަ 21 މެޗު ކުޅުމަށް ތާވަލުކޮށްފައިވާ މި މުބާރާތުގެ ސެމީފައިނަލުގައި ޓީމުތައް ބައްދަލުކުރާނެގޮތް ކަނޑައަޅާނީ ސެމީއަށްދާ 4 ޓީމުގެ މެދުގައި ގުރުއަތުލައިގެންނެވެ.

މިއީ ހިންނަވަރުގެ ކުޅުންތެރިންނަށް ވީހާވެސް ބޮޑަށް ފުޓްސަލް ކުޅުމުގެ ފުރުޞަތު ފަހިކޮށްދީ، ކުޅުންތެރިންގެ ހުނަރު މިހާރަށްވުރެ އިތުރުކޮށް ރަށާއި އަތޮޅު ފެންވަރުގައި ފާހަގަކުރެވޭފަދަ ކުޅުންތެރިންނަށް ހެދުމުގެ މަޤުޞަދުގައި ބާއްވާ މުބާރާތެކެވެ.

މިދިޔަ އަހަރުގެ މުބާރާތުގައި ރަށުން ބޭރު ކުޅުންތެރިންނަށް ކުޅުމުގެ ފުރުޞަތުދީފައިވީ ނަމަވެސް މިއަހަރުގެ މުބާރާތުގައި ހަމައެކަނި ހިންނަވަރުގެ ރައްޔިތުންނަށް ކުޅެވޭގޮތަށް މުބާރާތު ޤަވާޢިދަށް ވަނީ ބަދަލުގެނެސްފައެވެ. ބަދަލު ގެނެސްފައިވީ ނަމަވެސް، އެރަށުން މީހަކާއި ކައިވެނިކޮށްގެން އުޅޭ މީހުންވެސް ހިމެނޭނީ ރަށު މީހުންގެ ގޮތުގައެވެ.

މި މަހުގެ 10 ވަނަ ދުވަހު ފެށުމަށް ތާވަލުކޮށްފައިވާ މި މުބާރާތުގެ ފައިނަލު މެޗު އޮންނާނީ ޖޫން 24 ވާ ހޮނިހިރު ދުވަހުގެ ރޭ 22:00 ގައެވެ. ނަމަވެސް މޫސުމަށް އަންނަ ބަދަލަކާއި ގުޅިގެން މުބާރާތުގެ ބައެއް މެޗުތައް ކުޅޭ ތާޜީޚަށް ބަދަލު ގެންނަން ޖެހުމަކީ އެކަށީގެންވާ ކަމެކެވެ.
މިއަހަރުގެ މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރއަކީ މިއަދުނޫހެވެ.


މިއަދު އޮންލައިން