ލީބިޔާގައި މިހާރު އުފެދިފައިވާ ތިން ސަރުކާރެއްގެ ބާރުގެބޭނުމަށްޓަކައި، އެޤައުމުގައި އުފެދިފައިވާ ހަމަނުޖެހުންތަކުގެ ސަބަބުން، އެޤައުމުގެ ވަރަށް ގިނަ ރައްޔިތުން ރަހީނުވެ ހުރިހާ ރައްޔިތުންހެން ބިރުވެރިކަމަކަށް ވެއްޓިއްޖެއެވެ.
އެގޮތުން ބީބީސީ ނޯތު އެފްރިކާގެ ކޮރެސްޕޮންޑެއް ކަމަށްވާ ރާނާ ޖަވާދު ވަނީ ލީބިޔާ ގެ ބައެއް ރައްޔިތުންނާއި ވާހަކަ ދައްކާ އެމީހުންގެ އިޙުސާސްތައް އޮޅުން ފިލުވާފައެވެ.
"އަހަރެންގެ ބައްޕަ އިއްޔެ ވަނީ ރަހީނުކުރެވިފައި" އޭގެ ތެރެއިން އެއް އަންހެން ކުއްޖަކު ނުހަނު ހިތާމައާއި އަސަރާއިއެކު ކިޔާދިނެވެ.
ހުކުރު ދުވަހު ސާމިޔާ އަށް ލިބުނު މެސެޖެއްގައި އެކުވެރި ރަހުމާ ބުނެފައިވަނީ ބަޔަކު މީހުން އޭނާގެ ބައްޕަ ރަހީނު ކޮށްފިކަމަށެވެ. ސާމިޔާއަށް ލިބުނު ޝޮކެއްގައި އަވަހަށް ރަހުމާގެ ގެއަށް ދިޔައީ އެމެސެޖަކީ އޮޅުމަކުން ފޮނުވިފައިވާ މެސެޖެއް ކަމުގެ އުއްމީދުގައެވެ.
ރަހުމާގެ ބައްޕަ، އުމުރުން 68 އަހަރުގެ ޔުނިވަރިސިޓީ ޕްރެފެސަރ ސަލީމް ބައިތުމާލު އަކީ ހަކުރުބައްޔަށް ބޭސް ކުރާ މީހެކެވެ. ބައްޕަ ހޯދޭތޯ ފަހަރަކު ފޯނު ކޯލެއް ކުރަމުން، ފޯނު ކޯލުތަކަށް ޖަވާބު ދެމުން ރަހުމާ ދިޔައިރު އޭނާ އިނީ ވަރަށް ހާސްވެފައިކަމަށް ސާމިޔާ ބުންޏެވެ.
ރަނާ އަށް މަޢުލޫމާތު ދެމުން ސާމިޔާ ބުނީ، ރަޙުމާގެ ބައްޕަ ރަހީނު ކުރީ ކޮން ބައެއްކަން އަދިވެސް އެނގިފައި ނުވާ ކަމަށާއި ލީބިޔާ ގެ ކެޕިޓަލް ޓްރިޕޮލީ ގެ މަގެއްގެ އެއްފަރާތުގައި، ރަޙުމާގެ ބައްޕަ ދުއްވި ކާރު ބާއްވާފައި އޮއްވާ ފެނުން ކަމަށް ވެސް ސާމިޔާ ބުންޏެވެ.
ލީބިޔާގައި މީހުން ރަހީނު ކުރުން އާއްމުވެފައިވީ ނަމަވެސް، އެމައްސަލަ ކަމާއި ބެހޭ ފަރާތްތަކަށް ރިޕޯޓު ކުރާ މީހުން ވަރަށް މަދެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި، މީހަކު ރަޙީނު ކުރުމަށްފަހު، އެމީހެއްގެ އާއިލާއަށް ގުޅާ ބޭނުންވާ ކަމެއްގެ ވާހަކަ ބުނުމަށްފަހު އާއިލާގެ މީހުން ބިރު ދައްކައެވެ. ކަމާއި ބެހޭ ފަރާތެއް އަންގައިފިނަމަ ރަހީނު ކުރި ފަރާތަށް ގެއްލުމެއް ދޭނެ ކަމުގެ ބިރެވެ.