އެކަނިވެރި ބައްޕައަކަސް، ތުޝާރު ދަރިފުޅު ބަލަނީ ވަރަށް ފުރިހަމަކޮށް
ކުރީގެ ބޮލީވުޑް ފިލްމުތަކުގައި ވަރަށް ނަން ވިދާލި އެކްޓަރ ޖީތެންދްރަ ކަޕޫރުގެ ފިރިހެން ދަރިފުޅު ތުޝާރު ކަޕޫރަށް ވަނީ ދާދި ފަހުން ފިރިހެން ދަރިއެއް ލިބިފައެވެ.
ނަމަވެސް ގިނަ ބަޔަކު ހައިރާންވި އެއްކަމަކީ، ކައިވެންޏެއް ނުކޮށް އަދި ކައިވެނީގެ ޙިޔާލެއް ވެސް ނުކޮށް، ދަރިއެއް ހޯދަން ތުޝާރު ކަޕޫރު ނިންމުމުންނެވެ.
މިއަހަރު ކުރީކޮޅު އޭނާގެ ފިރިހެން ދަރިފުޅު "ލަކްޝްޔަ" އުފަންވެފައިވަނީ ސަރޮގެސީ އިންނެވެ. ތުޝާރު ބުނިގޮތުގައި، ދަރިއަކު ހޯދުމުގެ ޙިޔާލު އޭނާ ކުރާތާ ފަސް އަހަރު ވެއްޖެއެވެ. ނަމަވެސް ކައިވެންޏެއް ނުކޮށް ހުރުމުން، ދަރިއެއް ހޯދުމުގެ އުއްމީދު އޭނާއަށް ކުޑަވި ކަމަށް ވެސް ތުޝާރު ބުންޏެވެ. އެއުއްމީދު އޭނާއަށް އައުވީ ޑައިރެކްޓަރ ޕްރަކާޝް ޖާ އާއި ދެއްކި ވާހަކައަކަށް ފަހުއެވެ.
"އެއީ މީގެ ދެއަހަރު ކުރިން. އަހަރެން އެއިރުވެސް ހުރީ ދަރިއެއް ބޭނުން ވެގެން އެކަމާއި ވަރަށް ބޮޑަށް ހާސްވެފައި. ދިރިއުޅުމުގައި ރަނގަޅަށް ފައިތިލަ ސާބިތު ނުކޮށް ހުރުމުން ކައިވެންޏެއް ނުކޮށް ހުރީ. އެހެންވެ އަވަހަށް ދަރިއެއް ނުހޯދޭނެކަން އަހަންނަށް އެނގުން. އެކަމާއި ކަންބޮޑުވެފައި ހުއްޓާ ޕްރަކާޝް ޖާ އާއި ދިމާވީ. އޭނާ އަހަންނަށް ސަރޮގަސީ އާއި ބެހޭ ހުރިހާ މަޢުލޫމާތެއް ކިޔާދިން. އަދި ކައިވެންޏެއް ނުކުރިޔަސް ސަރޮގަސީ އިން ދަރިއެއް ހޯދިދާނެކަން ވެސް ކިޔާދިނުމުގެ އިތުރުން ޑރ. ފިރޫޒާ ޕާރިކް އަށް އަހަރެން ތަޢާރަފް ކޮށްދިން. ސަރޮގަސީ ގެ ޕްރޮސީޖަރ އިންނަ ގޮތް އަހަންނަށް ދެން ކިޔާ ދިނީ ޑރ. ފިރޫޒާ. އެހެން ކަމުން އަހަރެން އެއަށްފަހު އެމަސައްކަތް ފެށިން"
ތުޝާރު ބުނި ގޮތުގައި، ސަރޮގަސީ އިން ދަރިއެއް ހޯދަން އުޅުމުގެ ކުރިން އޭނާ ހާސްވި އެންމެ ބޮޑު އެއްކަމަކީ، އާއިލާއިން ދަރިފުޅު ބަލައިި ނުގަނެފާތީ އެވެ. ނަމަވެސް އެވާހަކަ އާއިލާއާއި ހިއްސާ ކުރުމުން، އާއިލާއިން ވަނީ އެކަމަށް ފުރިހަމައަށް ތާއީދު ކޮށްފައެވެ. ލަކްޝްޔަ އުފަންވުމުން ތުޝާރުގެ ދައްތަ އެކްތާ ކަޕޫރު ވަނީ ޓްވިޓާ މެދުވެރިކޮށް އެއުފާވެރި ޚަބަރު އެންމެންނާއި ހިއްސާ ކޮށްފައެވެ. އަދި ބޮލީވުޑްގެ ގިނަ ތަރިންތަކެއް ވަނީ ތުޝާރުއަށް ދަރިއެއް ލިބުމުގެ އުފަލުގައި ތަހުނިޔާ ވެސް ކިޔާފައެވެ. އޭގެ ތެރޭގައި އަބީޝޭކް ބަޗަން، ރިތޭޝް ދޭޝްމުކް، ކަރަން ޖޯހަރް ގެ އިތުރުން ފަރާ ޚާން ވެސް ހިމެނެއެވެ.
އެކަނިވެރި ބައްޕައަކަށްވެ ހުރެ ދަރިފުޅު ބަލަމުން އަންނަ ގޮތުގެ ފުރިހަމަ ކަމުން ގިނަ ބަޔަކު ވަނީ ތުޝާރު ކަޕޫރަށް ވަރަށް ތަޢުރީފު ކޮށްފައެވެ.