ދުންތަރި މަނިކު ޓީޓީ މުބާރާތް އަންނަ ހުކުރު ދުވަހު ފަށަނީ..

ކިޔުމަށް ހޭދަވާނީ 1މ 36ސ
ދުންތަރި މަނިކު ޓީޓީ މުބާރާތް އަންނަ ހުކުރު ދުވަހު ފަށަނީ..

ދުންތަރި މަނިކުގެ ހަނދާނުގައި ބާއްވާ "ދުންތަރި މަނިކު 9 ވަނަ ޓީޓީ މުބާރާތް" އަންނަ ހުކުރުދުވަހުގެ ރޭ ފަށާގޮތަށް ޓީޓީ އެސޯސިއޭޝަނުން ނިންމައިފިއެވެ.
އެ އެ ސޯސިއޭޝަނުން ބުނީ މިމަހުގެ 9 ވާ ހުކުރު ދުވަހުގެ ރޭ ޓީޓީ ހޯލުގައި މި މުބާރާތް ފަށާނެ ކަމަށެވެ. އަދި ފައިނަލް އޮންނާނީ ޖޫން 13 ވާ އަންގާރަ ދުވަހުގެ ރޭ ކަމަށެވެ.

ޓީޓީ އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީ އިސްމާޢިލް ސުޖާޢު މިއަދުނޫހަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ މިއަހަރުގެ މުބާރާތް މިދިޔަ އަހަރާއި ތަފާތުވާނެ ކަމަށެވެ.
އެގޮތުން މިދިޔަ އަހަރު މުބާރާތް ބާއްވާފައިވަނީ އޮފީސް، ކުންފުނިތަކަށް ނަމަވެސް މިއަހަރުގެ މުބާރާތް ބާއްވަނީ ޓީޓީ ހޯލަށް ކުޅެންއަންނަ ކުޅުންތެރިންނަށް ހުޅުވާލައިގެން ކަމަށެވެ. އަދި ޓީމުތައް ހަދާނީވެސް އެ ކުޅުންތެރިން އަމިއްލައަށް ކަމަށާއި އޭގެ ތެރޭގައި ހުރިހާ ޢުމުރުފުރާއެއް ހިމެނޭނެ ކަމަށް ސުޖާޢު ވިދާޅުވިއެވެ.

"މިފަހަރު އަޅުގަނޑުމެން ޓީމުތައް މި ހަދަނީ ޓީޓީ ހޯލަށް ކުޅެން އަންނަ މީހުންގެ މެދުގަ. އޭގެ އުޅޭނެ ހުރިހާ އުމުރުފުރައެއްވެސް. މިސާލަކަށް ވެޓްރަންސް، ޖޫނިއަރ، ސީނިއަރ" ސުޖާޢު ވިދާޅުވިއެވެ.

ސުޖާޢު އިތުރަށް ވިދާޅުވީ ޓީމުތައް މިހެން އޮތް ނަމަވެސް، ކުޅޭނީ އެއްލެވެލެއްގެ ކުޅުންތެރިންގެ މެދުގައި ކަމަށެވެ.

"މިސާލަކަށް ވެޓްރަންސް ކުޅުންތެރިއަކާ، ޖޫނިއަރ ކުޅުންތެރިއެއް މުބާރާތުގައި ނުޖެހޭނެ. ޖެހޭނީ ވެޓްރަންސް ވިއްޔާ ވެޓްރަންސާ، ޖޫނިއަރ ވިއްޔާ ޖޫނިއަރ އެގޮތަށް" ސުޖާޢު ވިދާޅުވިއެވެ.

ދުންތަރި އިބްރާހިމް މަނިކުގެ ޢާއިލާ އާއި ޓީޓީ އެސޯސިއޭޝަން ގުޅިގެން ބާއްވާ މި މުބާރާތުގައި 8 ޓީމު ބައިވެރިވެފައިވާ ކަމަށާއި ކޮންމެ ޓީމެއްގައިވެސް 9 ކުޅުންތެރިން ހިމެނޭ ކަމަށް ސުޖާޢު ވިދާޅުވިއެވެ. އަދި މި 8 ޓީމު ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެ ސެމީއަށްދާނީ ކޮންމެ ގްރޫޕަކުންވެސް އެންމެ ގިނަ ޕޮއިންޓު ހޯދާ ދެޓީމެވެ.

ދުންތަރި އިބްރާހިމް މަނިކަކީ ރާއްޖޭގައި އުފެދުނު ހުނަރުވެރި ޓީޓީ ކުޅުންތެރިއެކެވެ.
މިއަދު އޮންލައިން