އަމްސާ ކަޕް 2017 ގައި ބައިވެރިވުމުގެ ފުރުޞަތު އާންމުކޮށް ހުޅުވާލައިފި

ކިޔުމަށް ހޭދަވާނީ 1މ 19ސ
އަމްސާ ކަޕް 2017 ގައި ބައިވެރިވުމުގެ ފުރުޞަތު އާންމުކޮށް ހުޅުވާލައިފި
މުޅިރާއްޖެއަށް އަމާޒުކޮށްގެން ބާއްވާ ކޮންމެ އަހަރެއްގެވެސް ފިތުރު އީދު ބަންދާއި ގުޅިގެން އއ. މަތިވެރި އަމްސާ ޖަމިއްޔާއިން އިންތިޒާމްކޮށް ބާއްވަމުން އަންނަ އަމްސާކަޕް ފުޓްސަލް މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލައިފިއެވެ.

މިއީ މަތިވެރި ޒުވާނުންނާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ޒުވާނުންނަށް ވާދަވެރި ފުޓްސަލް މުބާރާތެއްގައި ބައިވެރިވުމުގެ ފުރުޞަތު ހޯދައިދިނުމާއި އެކުވެރިކަމާއި އެއްބައިވަންތަކަން ޤާއިމުކުރުމުގެ މަޤުޞަދުގައި ބާއްވާ މުބާރާތެކެވެ.

ފާއިތުވެދިޔަ އަހަރުތަކުގައިވެސް މުބާރާތުގައި ބައިވެރިވުމަށް ކައިރި ރަށްތަކުގެ ޓީމުތަކުންނާއި މާލޭގެ ނަން މަޝްހޫރު ބައެއް ޓީމްތަކުންވަނީ މަތިވެރިއަށް ޒިޔާރަތްކޮށް މިމުބާރާތްތަކުގައި ވާދަކޮށްފައެވެ.

ދެ ދުވަހަށް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި އަހަރުގެ މުބާރާތުގައި ޗެމްޕިއަން ޓީމަށް 12000 ރުފިޔާ، ރަނަރއަޕް ޓީމަށް 4000 ރުފިޔާ އަދި ފެއަރ ޕްލޭޓީމަށް 1500 ރުފިޔާ ދިނުމަށް ހަމަޖެހިފައިވެއެވެ.

އަދި މުބާރާތުގެ އެންމެ މޮޅު 5 ކުޅުންތެރިން ހޮވުމަށް ނިންމާފައިވާ މި މުބާރާތުގައި ބައިވެރިވާން އެދޭ ފަރާތްތަކުން އެކަމަށްއެދޭ ފޯމު ފުރިހަމަކުރުމަށްފަހު، މި މަހުގެ (ޖޫންމަހުގެ) 15 ވަނަ ދުވަހުގެ ކުރިން އަމްސާއަށް ހުށަހަޅަން ޖެހެއެވެ.

މިއަހަރު މުބާރާތުގެ އިންތިޒާމްތައް އިތުރަށް ރަނގަޅު ކުރުމަށްޓަކައި ރަށުން ބޭރުން ބައިވެރިވާ ޓީމްތަކަށް މަތިވެރީގައި ތިބުމަށް ޚާއްޞަ ޕެކޭޖްތަކެއް މުބާރާތް ހިންގާފަރާތުން ވަނީ ހަމަޖައްސާފައެވެ.

މުބާރާތާއި ގުޅޭ އެންމެހާ މައުލޫމާތުތައް މުބާރާތުގެ ފޭސްބުކު ޕޭޖު AMSA CUP އިން ލިބެން ހުންނާނެ ކަމަށް އަމްސާއިން މަޢުލޫމާތު ދެއެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ‎7794089 ނަންބަރާ ގުޅުއްވުމަށް އަމްސާ އިން އެދެއެވެ.
މިއަދު އޮންލައިން