ރޭޕް ކޮށްފަ ދަރިފުޅު ވެސް މަރާލީ، އާއިލާ ކައިރިއަށް ދިޔައީ މަރުވެފައިވާ ދަރިފުޅު ކޮނޑަށް ލައިގެން

ކިޔުމަށް ހޭދަވާނީ 2މ 52ސ
ރޭޕް ކޮށްފަ ދަރިފުޅު ވެސް މަރާލީ، އާއިލާ ކައިރިއަށް ދިޔައީ މަރުވެފައިވާ ދަރިފުޅު ކޮނޑަށް ލައިގެން
އިންޑިއާ އަކީ އެންމެ ރޭޕް ގިނަ އެއް ޤައުމޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ދުވަސްކޮޅު ކޮޅުން މިފަދަ ހާދިސާތަށް އެޤައުމުގައި ހިނގާ އިރު، މިފަދަ ކަންތައްތަކަށް ދާއިމީ ޙައްލެއް ވެސް ލިބިފައި ނުވާކަން ފާހަގަވެއެވެ.

ވަރަށް ފަހުން ހިނގި ހާދިސާއެކެވެ. މެއި މަހުގެ 30 ވަނަ ދުވަހު މެޓްރޯ އޮޓޯއެއްގައި، އުމުރުން 19 އަހަރުގެ އަންހެނެއް އޭނާގެ އުމުރުން އަށް މަހުގެ ތުއްތު ދަރިފުޅު ކޮނޑަށް ލައިގެން އިނެވެ. ބަސްހުއްޓިފައި އެއަންހެން މީހާ އިން އިރު، އޭނާގެ ތުއްތު ދަރިފުޅުގެ ވެސް އެއްވެސް ހަރަކާތެއް ނެތެވެ. ނޭވާ ވެސް ނުލައެވެ.

އެއަންހެން މީހާގެ ޙަޔާތް ބަރުބާދުވީ 29 މެއި ވަނަ ދުވަހުގެ ރެއެވެ. ފިރިމީހާ ވެސް އެރޭ އޮފީހުން ތަންކޮޅެއް ލަހުން ނިމޭތީ، އޭނާ ތުއްތު ދަރިފުޅު ގޮވައިގެން ނިކުތީ، އޯލްޑް ގަލްގާއޮންގެ ހާންދްސާ ރޯޑުގައި ހުންނަ އޭނާގެ ފިރިމީހާގެ އާއިލާ އުޅޭ ގެއަށް ދިއުމަށެވެ. އަމިއްލަ ގޭގައި އެެރޭ މަޑު ކުރަން ބޭނުން ނުވީ ވެސް، ފިރިމީހާވެސް ނެތް އިރު އެހިސާބުގަނޑު ރައްކާތެރި ނޫންކަމަށް އިޙުސާސް ކުރެވިގެންނެވެ.

އޮޓޯ އެއް ފުރަތަމަ ނުލިބިގެން އޭނާ އެރީ އެންއެޗް-8 މަގުން ބޮޑް ޓްރަކަކަށެވެ. ނަމަވެސް ޓްރަކް ދުއްވަން އިން ޑްރައިވަރު މަސްތުގެ ހާލަތުގައި އިނދެ އޭނާއަށް ފުރައްސާރަ ކުރަން ފެށުމުން އޭނާ އަވަހަށް އެޓްރަކުން ފޭބިއެވެ.

ދެން ގޫގޫރާމް އަށް ދިޔަ އޮޓޯއެއް އޭނާ ހުއްޓުވިއެވެ. އޮޓޯއަށް އޭނާ އެރި އިރު، ޑްރައިވަރުގެ އިތުރުން ފަހަތުގައި އެހެން ދެ ފިރިހެނުން ތިއްބެވެ. ދަތުރު ހަމަ އާދައިގެ ވަރަކަށް ގޮސްގޮސް ހުއްޓާ، ކުއްލިއަކަށް ހައިވޭ އިން ޔޫ-ޓަރން އެއް ޑްރައިވަރު ނެގިއެވެ.

ދަތުރުގެ މަގު ބަދަލު ކޮށްލުމާއިއެކު ފަހަތުގައި ތިބި ދެފިރިހެނުން އޭނާއަށް ޖިންސީ ފުރައްސާރަ ކުރަން ފެށިއެވެ. އޭނާގެ ދަރިފުޅު ރޯން ފެށުމުން އެމީހުން ގާތަށް ރުޅިއައިސް، ދުއްތުރާތައް އިތުރު ކުރިއެވެ. އަދި މީހުން ނޫޅޭ ދިމާލަކަށް މަޑު ކުރަން އެމީހުން ޑްރައިވަރަށް އަމުރުކުރިއެވެ.

އައިއެމްޓީ ސެކްޓަރުގައި މަޑު ކުރުމަށްފަހު އޭނާ އޮޓޯއިން ނެރިފައި ފަހަރަކު މީހަކު އޭނާ ރޭޕް ކުރިއެވެ. އެވިޔާނުދާ ޢަމަލުގައި ޑްރައިވަރުވެސް ބައިވެރިވިއެވެ. އެއިރު އޭނާގެ ތުއްތު ދަރިފުޅު އޮތީ އެމީހުންގެ އަތުގައެވެ.

އެކަމެއް ކޮށްނިންމާފައި އެރަޙުމު ކުޑަ ވިޔާނުދާ ތިން ފިރިހެނުން އޭނާގެ ދަރިފުޅު ޕޭވްމެންޓް މައްޗަށް އެއްލާލާފައި ދިޔައީއެވެ. އެއިރު މެންދަމު ގަޑިން 2 ޖަހާ ބޮޑުވެއްޖެއެވެ.

"އަހަރެން އޮތީ މުޅިގައި ހުއްޓުން އަރާފަ. ދަރިފުޅުގެ ބޯ ޕޭވްމެންޓުގެ ގައުގަނޑުގައި ޖެހުންތަން އަހަންނަށް ފެނުން." ފުލުހުންނަށް ބަޔާން ދެމުން އޭނާ ބުންޏެވެ.

ވަރަށް ހިތްވަރާއިއެކު ތެދުވެ ތުއްތު ދަރިފުޅު ނަގާ ކޮނޑަށް ލިއެވެ. އަދި ހިނގަމުން ދަނިކޮށް ޕެންސިލް އިލެކްޓްރޯ ނަމަކަށް ކިޔާ ފެކްޓަރީ އެއް ފެނިގެން އެތަނަށް ގޮސް މަދަދަށް އެދި ގޮވުމުން، އެތަނުގައި ހުރި ގާޑު ބުނީ ފަތިސްވުމުގެ ކުރިން އެތަނުން ނުދިޔުމަށެވެ. ފަތިސް ވުމުން އޮޓޯއަކަށް ލާފައި އަންހެން މީހާގެ ފިރިމީހާގެ އާއިލާ ކައިރިއަށް ފޮނުވާލިއެވެ.

އޭނާގެ ފުރަތަމަ އިސްކަމަކަށްވީ ދަރިފުޅަށް ވެފައިވާގޮތެއް ހޯދުމެވެ. އާއިލާއާއި އެކު ހޮސްޕިޓަލަށް ދިޔައިރު، ޑޮކްޓަރު ބުނީ ދަރިފުޅުގެ ފުރާނަ ނެތް ކަމަށެވެ. ޤަބޫލު ކުރަން ދަތި ވިޔަސް، އެތުއްތު ކުއްޖާވަނީ، އެމީހުން އެއްލާލުލުމުގެ ސަބަބުން ބޯ ޖެހިގެން މިދުނިޔެ ދޫކޮށް ގޮސްފައެވެ.

އިންޑިއާ ފުލުހުން ވަނީ މިމައްސަލައިގެ ތަޙުޤީޤު ފަށާފައެވެ. އަދި އެތިން މީހުންގެ ސްކެޗް ވެސް ވަނީ މިހާރު ހަދާފައެވެ.


މިއަދު އޮންލައިން