ދިވެހި ޤައުމީ ބެޑްމިންޓަން ޓީމު މޮރިޝަސްއަށް ފުރަން ނިންމާފައިވާ ކަމަށް ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް) އިން ބުނެފިއެވެ.
މިއީ މި މަހު އޮންނަ މޮރިޝަސް ބެޑްމިންޓަން ސީރީސްގައި ބައިވެރިވުމަށް ކުރާ ދަތުރެކެވެ.
ބީއޭއެމް އިން ބުނީ މި މަހު 15 އިން ފެށިގެން 18 ގެ ނިޔަލަށް ކުރިއަށްދާ މި މުބާރާތުގައި ވާދަކުރާ ޓީމުގައި ހިމެނެނީ ފިރިހެން 4 ކުޅުންތެރިންނާއި އަންހެން 6 ކުޅުންތެރިން ކަމަށެވެ.
މި ޓީމުގައި ހިމެނޭ ފިރިހެން ކުޅުންތެރިންނަކީ ޒުވާން ދެ ކުޅުންތެރިން ކަމަށްވާ ނިބާލް އަހުމަދާއި މުހައްމަދު އަރްސަލާން އާއި ޓީމުގެ ސީނިއަރ ދެ ކުޅުންތެރިން ކަމަށްވާ ޒަޔާން ޒަކީ އާއި މުހައްމަދު އަޖުފާން އެވެ.
އަންހެން ކުޅުންތެރިންނަކީ ނީލާ ނަޖީބާއި ނަފްހާ ނަސްރުﷲ އާއި މައިސާ ފަތުހުﷲ އާއި އައިމިނަތު ޝަހުރުނާޒް އަދި ދެބެން ކަމަށްވާ ފާތިމަތު ނަބާހާ އާއި އައިމިނަތު ނަބީހާ އެވެ.
ބީއޭއެމުން ބުނީ މީގެ ތެރެއިން 5 ކުޅުންތެރިއަކަށް އެސޯސިއޭޝަނުން ހުރިހާ ޚަރަދެއް ކުރާ ގޮތަށް ނިންމާފައިވާ ކަމަށާއި އެހެން ކުޅުންތެރިންނަށް ޚަރަދުގެ އެއް ބައި ދޭނެ ކަމަށެވެ. އެގޮތަށް ނިންމީ އެސޯސިއޭޝަނުން ޢަމަލުކުރަމުން އަންނަ ކްރައިޓީރިއާގައި ޤައުމީ ޓީމުގެ ފަރިތަކުރުންތަކުގެ ޙާޟިރީ އާއި އެހެން ކަންތައްތަކަށް ބެލުމަށް ފަހު ކަމަށް ބީއޭއެމުން ބުނެއެވެ.
އެ އެސޯސިއޭޝަނުން ބުނީ ކުރީ އަހަރުތަކުގައި ދިވެހި ކުޅުންތެރިން އެފްރިކާ މުބާރާތްތަކުގައި ނެރެފައިވާ ނަތީޖާތަކަށް ބަލާއިރު މި ފަހަރު މެޑެއްޔަކަށް އުއްމީދުކުރާ ކަމަށެވެ. އަދި މި މުބާރާތުގައި ރަނގަޅު ނަތީޖާތަކެއް ނެރެގެން ބެޑްމިންޓަން ވަރލްޑް ރޭންކިންގގައި ދިވެހި ކުޅުންތެރިންނަށް ކުރިއަށް ޖެހިލުމުގެ ބޮޑު ފުރުޞަތެއް އެބައޮތް ކަމަށެވެ.
މޮރިޝަސް ކޮމަރޝަލް ބޭންކުން ސްޕޮންސަރކޮށްފައިވާ ދިވެހި ޤައުމީ ބެޑްމިންޓަން ޓީމު މޮރިޝަސްއަށް ދިއުމަށް ފުރާނީ މި މަހު 12 ވަނަ ދުވަހުއެވެ.