މަންމަގެ އުނގުން ފެށިގެން ލިބޭ ތަޢްލީމް ހޯދާ ތިޔަކުދިން
......................މަންމަގެ އުނގުން ގޮސް ކަށްވަޅާހަމަޔަށް އުނގެނެމާ ތިޔަކުދިން
ހުރިހާ ފިލާވަޅުތައް ހަދައި އިތުރަށް ދިރާސާކޮށް ބަލައި
......................ކުރިމަގު އުޖާލާވާނެހެން ބަލަމުން އުޅޭށޭ ތިޔަކުދިން
ފަންނީ ތަފާތު މަސައްކަތާ އެކު ހުނަރުތައް ދަސްކޮށް ބަލައި
......................ހަންހާރަވެތި ހެޔޮ ދަރިޔަކަށް ގައުމުގެ ވަމާހޭ ތިޔަކުދިން
ދުރުހެލިވެގެން ތިބެ ފާފަޔާ ދީނުގެމަގުން ހިނގަމުން އަބަދު
......................ފުރުސަތުގެ ބޭނުން ހެޔޮގޮތަށް ހިފަމާހިނގާށޭ ތިޔަ ކުދިން
ފަސްނުޖެހި ކޮންމެމަކެއް ކުރަން ކުރިމަތިލުމަށް ޖޯޝާއެކީ
......................ދަސްކޮށް ލިބޭ އިބުރަތްތަކުން ހޯދާ ފިލާވަޅު ތިޔަކުދިން
ކިޔެވުމުގެ އިތުރުން ދުނިޔަވީ ހުރިހާ މަސްއަކަތް ދަސްކުރަން
......................ކިޔެވުމުގެ ދައުރާއެކު ވެވޭތޯ އުޅެލަމާހޭ ތިޔަކުދިން
ނޭނގޭ ކުދިންނަށް ބުނެދެމުން ހުރިހާ ކުދިން އެއްހިތްވެގެން
......................ނޭނގޭ ކުދިންވެސް މޮޅުކުރަން ހިތްވަރު ދެމާހޭ ތިޔަކުދިން
ދަރިއެއްކަމަށް ގައުމުގެ ފަޚުރުވެރި ވާނެހެން ކުރިމަގު ބަލާ
......................ދަރިއެއްގެ ވާޖިބު ވިސްނަމުން ރަނގަޅަށް އުޅޭށޭ ތިޔަކުދިން