ޔަމަނުގައި ކޮލެރާ އަދިވެސް ފެތުރެމުންދާއިރު ކޮލެރާ ޖެހުނު މީހުންގެ އަދަދު ލައްކައަކަށްވުރެ މައްޗަށް އަރައިފި ކަމަށާއި ތިން ލައްކައަށް އަރައިފާނެކަމަށް ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާ، ޑަބްލިޔޫއެޗްއޯ އިން ބުނެފިއެވެ.
ޑަބްލިޔޫއެޗްއޯ އިން ބުނީ ކުރީ ހަފްތާގައި ޞިއްޙީ ޚިދުމަތްދޭ ބައެއް މަރުކަޒުތަކަށް ރިޕޯޓްކުރި އަދަދު 3651 ކަމަށާއި މިހަފްތާގައި ރިޕޯޓްކޮށްފައިވަނީ 3432 މީހުން ކަމަށެވެ. އެހެންކަމާއިއެކުވެސް ރިޕޯޓް ނުކުރާ އަދަދުތަކެއްވެސް ހުންނާނެ ކަމަށެވެ.
އެ ޖަމިއްޔާއިން ބުނީ ޤައުމުގެ އާބާދީގައި 28 މިލިއަން މީހުން ހިމެނޭއިރު އެއިގެ ތެރެއިން 19 މިލިއަން މީހުން ބަނޑަށްޖެހިފައިވުމާއިއެކު ކޮލެރާގެ ސަބަބުން ބޮޑެތި މައްސަލަތައް ކުރިމަތިވެފައިވާ ކަމަށެވެ.
ޤައުމަށް ކުރިމަތިވެފައިވާ މާލީ މައްސަލަތަކުގެ ސަބަބުން ޞިއްޙީ ދާއިރާގެ މުވައްޒިފުންނަށް މުސާރަ ނުދޭތާ 8 މަސްދުވަހަށްވުރެ ގިނަ ވެއްޖެއެވެ.