ޤަތަރު އޮތީ އަރަބި ޤައުމުތަކަށް އަމާންދޭ ގޮތަށް ނޫން ކަމަށާއި އަރަބި ޤައުމުތަކަށް ދުވަހަކުވެސް އަމާން ނުދޭނެ ކަމަށް ޤަތަރުން ބުނެފިއެވެ.
ޚާރިޖީ ވަޒީރު މުޙައްމަދު ބިން ޢަބްދުއްރަހްމާން އަލްސާނީ ވިދާޅުވީ ޤަތަރުގެ ބޮލުގައި އަރަބި ޤައުމުތަކުން އަޅުވަނީ ދޮގު އިލްޒާމުތަކެއް ކަމަށެވެ. އެހެންކަމުން އަރަބި ޤައުމުތައް ރުއްސުވަން އެއްވެސް މަޝްވަރާއެއް ކުރަން ބޭނުންފުޅުނުވާ ކަމަށެވެ.
ޚާރިޖީ ވަޒީރު ވިދާޅުވީ ޤަތަރުން އަމަލުކުރާ އެ ޤައުމުގެ ޚާރިޖީ ސިޔާސަތު ބަދަލު ނުކުރާނެ ކަމަށެވެ. އަދި އެމެރިކާގެ ރައީސް ޓްރަމްޕް ދީފައިވާ ދައުވަތު ޤަބޫލުކޮށް ވައިޓް ހައުސްއަށް ވެސް ޤަތަރުން ނުދާނެ ކަމަށެވެ.
ޚާރިޖީ ވަޒީރު ވިދާޅުވީ އަރަބި ޤައުމުތަކުން އެ ޤައުމު އެކަހެރިކޮށް ދޮރުތައް ބަންދުކުރި ނަމަވެސް އެކުވެރި އެހެން ޤައުމުތައް އެބަހުރި ކަމަށާއި ރައްޔިތުންނަށް އަސަރު ނުކުރާނެ ގޮތަށް ޤައުމުގެ ކަންކަން ހަމަޖައްސާނެ ކަމަށެވެ.