ޅ. ހިންނަވަރު އެކްސް ބޯއީސް އިން އިންތިޒާމުކޮށްގެން ބާއްވާ އެކްސް ފުޓްސަލް ޗެލެންޖު 2017 ގެ ސްޕޮންސަރުން އިޢުލާންކޮށްފިއެވެ.
މިއަހަރުގެ މުބާރާތުގެ ސްޕޮންސަރުންގެ ތެރޭގައި މެއިން ސްޕޮންސަރއަކަށް ޖޭއެފްއެމް ލިމިޓެޑް (އެކްޕެޓްރިއޭޓްސް) ހަމަޖައްސާފައިވާ އިރު، އޮފިޝަލް ބެވެރޭޖް ޕާޓނަރއަކީ ކޮކަކޯލާ ކޮމްޕެނީއެވެ.
މީގެ އިތުރުން ކޯ ސްޕޮންސަރުންގެ ތެރޭގައި ހިމެނެނީ ސެޓްލިންކް، ކޮމަންޑޫ ރިސޯޓް، އެކްސް-ޕެކްޓް، ހިންނަވަރު ޒުމްބާ ފިޓްނެސް، އާން ލައުންޗު، ސިޓީވޭ، ބީޗް ކްރޫޒަރ އެމްވީ، އެޗްއޯއެސް، ޖޮއިން އަސް ރެސްޓޯރެންޓް، މޯލްޑިވިއަން، ޔައްކި ޓޯރީ ހިމެނެއެވެ.
މިއަހަރުގެ މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރއަކީ މިއަދުނޫހެވެ. މީޑިއާ ޕާޓްނަރއަކީ ވީ މީޑިއާއެވެ.
ހިންނަވަރު އެމްޕަވަރިންގ ކައިނެޓިކް ސޮސައިޓީ (އެކްސް ބޯއީސް) އިން އިންތިޒާމުކޮށްގެން ބާއްވާ މި އަހަރުގެ މުބާރާތުގައި 11 ޓީމަކުން ބައިވެރިވެފައިވާ އިރު، މިއަހަރު ބައިވެރިވެފައިވަނީ އެފްސީ ފްރެންޑްސް، ލަންޑަން އެފްސީ، ޓޯރާ ބޯރާ، އެފްސީ ބޮމްބާރޑް، ރިވަރސައިޑް، ޓީމު ފަސްގަނޑު، ޕޮލިސް، ޒޮމްބީސް، އަޔަން ބޯއީސް، ސްކޯޕިއަން ރިޓަރންޒް އަދި ބޮމްބާރޑް ޖޫނިއަރސް އެވެ.
ތިން ގްރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި މުބާރާތުގެ ސެމީފައިނަލަށް ދާނީ މި 3 ގްރޫޕުން އެންމެ ގިނަ ޕޮއިންޓު ހޯދާ 3 ޓީމަށް ސީދާ ސެމީފައިނަލުން ޖާގަ ލިބޭ ގޮތަށް ކަމަށެވެ. އަދި ސެމީގެ 4 ވަނަ ޖާގަ ލިބޭނީ ކޮންމެ ގްރޫޕަކުންވެސް ދެވަނައަށް އެންމެ ގިނަ ޕޮއިންޓު ހޯދާ 3 ޓީމުގެ މެދުގައި ލީގު އުސޫލުން އެއްބުރު ކުޅުމަށްފަހު، އެންމެ ގިނަ ޕޮއިންޓު ހޯދާ ޓީމަކަށެވެ.
ސެމީފައިނަލުގައި ޓީމުތައް ބައްދަލުކުރާނެގޮތް ސެމީއަށްދާ 4 ޓީމުގެ މެދުގައި ގުރުއަތުލައިގެން ކަނޑައެޅުމަށް ނިންމާފައިވާ އިރު، މި މުބާރާތުގެ ފައިނަލު މެޗު އޮންނާނީ ޖޫން 24 ވާ ހޮނިހިރު ދުވަހުގެ ރޭ 22:00 ގައެވެ.
މި މުބާރާތް ފެށުމަށް ތާވަލުކޮށްފައިވަނީ މިރެއެވެ.