އެކްސް ފުޓްސަލްޗެލެންޖުގެ ކުޅުން މިރޭ ފަށާނެއެވެ.
މި މުބާރާތުގެ ފުރަތަމަ މެޗުގައި މިރޭ 21:30 ގައި ބައްދަލުކުރާނީ ބޮމްބާރޑް ޖޫނިއަރސް އާއި ޒޮމްބީ އެވެ. 22:30ގައި ކުޅޭ ދެވަނަ މެޗުގައި ބައްދަލު ކުރާނީ ޕޮލިސް އާއި އަޔަން ބޯއީޒް އެވެ.
މުބާރާތެއްގައި ކޮންމެ ޓީމަކުންވެސް ބައިވެރިވާނީ ޢަޒުމުތަކެއް ކަނޑައަޅައިގެންނެވެ. އެހެންކަމުން މި މުބާރާތުގެ ފުރަތަމަ ދެމެޗުގައި ބައްދަލުކުރާ 4 ޓީމުގެ ކޯޗުންގެ ބަހަކީ ކޮބައިތޯ ބަލާލަމާތޯއެވެ.
ޕޮލިސް ޓީމު ކޯޗު ޢަލީ ނަޞީރު ބުނީ ޓީމު އޮތީ ވަރަށް ރަނގަޅަށް ތައްޔާރުވެފައި ކަމަށާއި ޓީމު ނުކުންނާނީ އެކަތިގަނޑެއްގެ ގޮތުގައި ކަމަށެވެ. އަދިއިދިކޮޅު ޓީމުގެ ހުރިހާ ކުޅުންތެރިންނަކީވެސް ސަމާލުވާން ޖެހޭ ކުޅުންތެރިން ކަމަށާއި މުބާރާތެއްގައި ބައިވެރިވާނީ ވަރުގަދަ ޓީމުތައް ކަމަށްވާތީ އިދިކޮޅު ޓީމުގެ ހުރިހާ ކުޅުންތެރިންނަށްވެސް ސަމާލުވާނެ ކަމަށެވެ.
އަޔަން ބޯއީޒްގެ ކޯޗު ޢަބްދުﷲ ޙަސަން ބުނީ ޓީމު އޮތީ ރަނގަޅު ފައިޓެއް ދެވޭވަރަށް ތައްޔާރުވެފައި ކަމަށާއި ނަމަވެސް މުބާރާތަށް ތައްޔާރުވުމަށް އެކަށީގެންވާވަރަށް ވަގުތު ނުލިބުނު ކަމަށެވެ. އެކަމަކުވެސް އިދިކޮޅު ޓީމަށް ދޫނުދޭނެ ކަމަށާއި އިދކޮޅު ޓީމާއި ބެލުންތެރިން ހައިރާންކޮށްލާނެ ކަމަށެވެ.
"އަސްލު އެންމެ އެކަށީގެންވާ ވަރަށް ތައްޔާރުވާން ވަގުތެއް ނުލިބުނު އިނގޭ. ގިނައީ ރަށުން ބޭރުގައި ވަޒީފާ އަދާކުރާ ކުދިންވީމަ އެންމެ އުނދަގޫވީ. އެކަމަކު ބުނަން. އަހަރުމެންވެސް ވަކި ދުލެއް ނުދޭނަން އިނގޭ. އަޔަން ބޯއީޒް އަކީ ކޮބައިކަން ދައްކާލާނަން" ހިނިގަނޑެއް ޖަހާލަމުން ޢަބްދުﷲ ޙަސަން ބުންޏެވެ.
އެފްސީ ބޮމްބާރޑު ޖޫނިއަރސް އިން ބުނީ އިދިކޮޅަށް ނުކުންނަ ޒޮމްބީސް ޓީމަކީ ވަރަށް ރަނގަޅަށް ދަންނަ ޓީމެއް ކަމަށާއި އެހެންކަމުން އުނދަގޫތަކެއް ކުރިމަތިވާނެ ކަމަށެވެ. އަދި ކޮންމެވެސް ވަރަކަށް އިންޖަރީގައި ކުޅުންތެރިން ތިބިނަމަވެސް މެޗު ނިންމާފަ ފައިބާނީ މޮޅުވެގެން ކަމަށެވެ.
ޒޮމްބީސް ޓީމުގެ ކޯޗު ޢަބްދުﷲ ޝައިފާން ބުނީ ކުޅޭނީ މޮޅުވާން ކަމަށާއި އެޓީމަކީ (ބޮމްބާރޑް) ވަރަށް ޔަންގ ޓީމެއް ނަމަވެސް ޖެހިލުން ނުވާ ކަމަށެވެ.
ޅ. ހިންނަވަރު އެކްސް ބޯއީސް އިން އިންތިޒާމުކޮށްގެން ބާއްވާ އެކްސް ފުޓްސަލް ޗެލެންޖު 2017 ގެ މެއިން ސްޕޮންސަރއަކަށް ޖޭއެފްއެމް ލިމިޓެޑް (އެކްޕެޓްރިއޭޓްސް) ހަމަޖައްސާފައިވާ އިރު، އޮފިޝަލް ބެވެރޭޖް ޕާޓނަރއަކީ ކޮކަކޯލާ ކޮމްޕެނީއެވެ.
ކޯ ސްޕޮންސަރުންގެ ތެރޭގައި ސެޓްލިންކް، ކޮމަންޑޫ ރިސޯޓް، އެކްސް-ޕެކްޓް، ހިންނަވަރު ޒުމްބާ ފިޓްނެސް، އާން ލައުންޗު، ސިޓީވޭ، ބީޗް ކްރޫޒަރ އެމްވީ، އެޗްއޯއެސް، ޖޮއިން އަސް ރެސްޓޯރެންޓް، މޯލްޑިވިއަން، ޔައްކި ޓޯރީ ހަމަޖައްސާފައިވާ އިރު، އޮންލައިން މީޑިއާ ޕާޓްނަރއަކަށް މިއަދުނޫސް،މީޑިއާ ޕާޓްނަރއަކަށް ވީ މީޑިއާ ވަނީ ހަމަޖައްސާފައެވެ.