ޤަތަރު އޮތީ އަރަބި ޤައުމުތަކުގެ ކަންބޮޑުވުންތައް އަޑުއަހަން ތައްޔާރަށް ކަމަށް ކުވައިތުން ބުނެފިއެވެ.
އަރަބި ޤައުމުތަކާއި ޤަތަރާއިމެދު އުފެދިފައިވާ ހަމަނުޖެހުންތައް ހައްލުކޮށް އެއްބައިވަންތަކަން ޤާއިމުކުރަން މަސައްކަތްކުރަމުން ކުވައިތުން މިމޭރުމުން ހާމކޮށްފައިވާއިރު ޤަތަރުގެ ޚާރިޖީ ވަޒީރުވެސް މިއަދު ވިދާޅުވެފައިވަނީ އަރަބި ޤައުމުތަކާއިއެކު މަޝްވަރާކުރުމުގެ ފުރުޞަތު އެބައޮތް ކަމަށެވެ.
އަރަބި ގިނަ ޤައުމުތަކަކުން ޤަތަރާއިއެކު ބާއްވަމުން އައި ގުޅުންތައް ކަނޑައިލުމުން ޤަތަރުގެ ގިނަ އަދަދެއްގެ ރައްޔިތުންނަށް ވަނީ ތަފާތު މައްސަލަތައް ކުރިމަތިވެފައެވެ. މީގެ ތެރެއިން އެންމެ ބޮޑަށް ފާހަގަކުރެވޭ އެއްކަމަކީ އެހެން ޤައުމުތަކުގައި ތިބި ޤަތަރުގެ އާއިލާތަކާއި ގުޅުން ކެނޑިފައިވުމެވެ.
ހަމައެއާއިއެކު ވިޔަފާރީގެ ދާއިރާގައިވެސް ޤަތަރަށް ވަނީ ބޮޑެތި މައްސަލަތަކެއް ކުރިމަތިވެފައެވެ.
ޤަތަރާއިއެކު ބާއްވަމުން އައި ގުޅުންތައް ކަނޑައިލި ޤައުމުތަކުންވެސް ބުނެފައިވަނީ ޤަތަރު އެނބުރި ޙައްޤަށް ރުޖޫއަވުން މުހިންމު ކަމަށެވެ. ހަމާސް އާއި މުސްލިމް ބްރަދަރހުޑަށް ދެމުންއަންނަ އެހީތައް ހުއްޓާލަން ޖެހޭ ކަމަށެވެ.