މިއަދަކީ ބަދުރު ހަނގުރާމަ ކުރެވުނު ދުވަހެވެ. ބަދުރު ަހަނގުރާމަ ކުރެވުނީ ހިޖުރައިން 2 ވަނަ އަހަރުގެ ރަމަޟާން މަހުގެ 17 ވަނަ ދުވަހު ބަދުރުގެ މައިދާނުގައެވެ. މިދުވަހަށް ކީރިތި ޤްރްއާނުގައި މާތް ﷲ ނަން ދެއްވަވާފައިވަނީ "ޔައުމުލްފްރްޤާން"ގެ ނަމުންނެވެ.
މިލިޔުމަކީ އިސްލާމީ ޔުނިވަރސިޓީގެ ޗާންސެލަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ހުށަހަޅުއްވައި ދެއްވަމުން ގެންދަވާ "ރަޙްމަތުގެ ނަބިއްޔާ" ގެ މިއަދުގެ ޕްރޮގްރާމުގެ މައްޗަށް ބަލައި ލިޔެފައިވާ ލިޔުމެކެވެ.
ބަދުރު ހަނގުރާމައަކީ ހައްޤާއި ބާޠިލް ވަކިކޮށްދިން އަދި މުސްލިމުންނަށް ވަރަށް ފުރިހަމަ ނަޞްރެއް މާތްﷲ ދެއްވެވި ހަގުރާމައެކެވެ. ބަދުރު ހަނގުރާމައަކީ މުސްލިމުންގެ މަދު މީސްކޮޅެއް ހަމަ އެހައިމެ މަދު ވަސީލަތްތަކަކާއިއެކު ކުރި ހަނގުރާމައެކެވެ.
މިހަނގުރަމައިގެ ޝަރަފަކީ މި ހަނގުރާމައަކީ މުސްލިމުންގެ ދިފާއުގައި ކުރެވުނު އެންމެ ފުރަތަ ހަނގުރާމައަށް ވުމެވެ. އަދި އެހައިމެ މަދު މީސްކޮޅެއް ނުކުމެ އެހައިމެ މަދު ވަސީލަތްތަކެއްގެ ބޭނުންކޮށްގެން ކުރެވުނު އެންމެ ވަރުގަދަ ހަނގުރާމައަށް ވެގެން ދިއުމެވެ. "މި ހަނގުރާމަ ހިނގި ދުވަހަކީ ހައްޤާއި ބާޠިލް ވަކިވެގެން ދިއަ ދުވަސް ކަމަށް މާތްﷲ ވަނީ ކަނޑައަޅުއްވަވާފަ. އެ ހަނގުރާމަ ހިނގި ދުވަހަށް ކީރިތި ޤްރްއާނުގައި ޔައުމުލްފްރްޤާންގެ ނަމުން މާތްﷲ ވަނީ ނަން ދެއްވަވާފަ."
"މި ހަނގުރާމަ އަކީ ކައު އިތުރު ރަސޫލާ މުޙައްމަދު (ﷺ)ގެ ޢިޔާދަތުގައި ކުރެވުނު ފުރަތަމަ ހަނގުރާމަ. ކާފަރުންގެ ވެރިއަކަށް ހުރީ އަބޫޖަހުލު. މިހަނގުރާމަ ހިނގައި ދިއައީ މައްކާ އާއި މަދީނާގެ މެދުގައިވާ ބަދްރް ކިޔާ ސަރަހައްދެއްގަ. މި ހަނގުރާމަ ކުރެވުނީ މުސްލިމުންގެ ދިފާއުގައި ހަނގުރާމަކުރުމުގެ އިިޒުނަ މާތް ދެއްވެވުމުން މުސްލިމުންގެ ދިފާޢުގައި ކުރެވުނު ހަނގުރާމައެއްގެ ގޮތުގަ."
މި ހަނގުރާމައަށް މައްކާގެ މުޝްރިކުންގެ 1300 އަށްވުރެ ގިނަ މީހުން ކުރިމަތިލީ ހަނގުރާމައަކަށް ފުރިހަމައަށް ތައްޔާރުވެގެން ވަސީލަތްތަކާއިއެކުގައެވެ. އެމީހުންގެ ބޭނުމަކަށް ވެފައި އޮތީ ކައު އިތުރު ރަސޫލާ މުޙައްމަދު (ﷺ) ޝަހީދުކޮށް އިސްލާމް ދީނުގެ ވަސްވެސް ނައްތައިލުމެވެ.
ހަނުރާމައިގައި ބައިވެރިވީ މުސްލިމުންގެ އެންމެ 314 ވަރަކަށް ބޭކަލުންނެވެ. ވަސީލަތްތައް އެހައިމެ މަދުއިރު މުސްލިމުން ތިބީ އެފަދަ ހަނގުރާމައަކަށް ތައްޔާރުވެގެނެއްވެސް ނޫނެވެ. މަދީނާއިން ނުކުތީ ވެސް އެފަދަ ހަނގުރާމައެއް ކުރުމަކަށް ނޫނެވެ.
ބަދުރުގެ މައިދާނުގައި ތިބިރޭ ކައު އިތުރު ރަސޫލާ މުޙައްމަދު (ﷺ) މުސްލިމުނނަށް ނަޞްރު ދެއްވެވުން އެދިވަޑައިގެން ﷲ ގެ ޙަޟްރަތުގައި އެތަކެއް ފަހަރު ދުޢާ ދެންނެވިއެވެ. ލޯފުޅުން ކަރުނަފޮދު އޮހޮރުއްވެވިއެވެ. އަދި މުސްލިމުން ވެސް ﷲ ގެ ޙަޟްރަތުގައި ދުޢާ ދަންނަވަމުން ގެންދެވިއެވެ.
މާތް ﷲ މުސްލިމުންނަށް ނަޞްރު ދެއްވަވާނެ ކަމުގެ އުފާވެރި ޚަބަރު ކައުއިތުރު ރަސޫލާ މުޙައްމަދު (ﷺ) އަށް ލިބިވަޑައިގެންނެވިއެވެ. މުސްލިމުންނަށް ނަޞްރު ދެއްވެވުމަށްޓަކައި 1000 މަލާއިކަތް ބޭކަލުން ފައިބައިވަޑައިގަންނަވާނެކަމުގެ އުފާވެރި ޚަބަރުވެސް ލިބިވަޑައިގެންނެވިއެވެ.
ހަނގުރާމައިގައި މަލާއިކަތް ބޭކަލުން ބައިވެރިވެވަޑައިގަތުމުގެ ނަތީޖާއަކަށްވީ މުޝްރިކުންގެ ތެރެއިން އަބޫޖަހުލާއި އެމީހުންގެ ބޮޑުންގެ ގިނަ ބައަކާއިއެކު 70 މީހުން މަރުވެ 70 މީހުން އަސީރުވުމެވެ.
މުސްލިމުންގެ ތެރެއިން ޝަހީދުވީ 14 ބޭކަލުންނެވެ. އެއިގެ ތެރޭގައި 6 މުޖާހިރުންނާއި 8 އަންޞާރުން ހިމެނިެއެވެ. މުސްލިމުންގެ ސަފުތަކަށް ލިބުނު ގެއްލުންތައް އެހައިމެ ކުޑައެވެ.
ލިބިވަޑައިގެންނެވި ނަޞްރާއިއެކު ކައު އިތުރު ރަސޫލާ މުޙައްމަދު (ﷺ) އަސީރުންނާއިމެދު އަމަލުފުޅު ކުރެއްވެވީ އެހައިމެ ދީލަތި ކަމާއިއެކުގައެވެ. ފިދުޔަ ނެންގެވުމަށްފަހު ގިނަ ބައަކަށް މަޢާފް ދެއްވެވިއެވެ. ލިޔަން ކިޔަން ދަންނަ މީހުންނަށް މަދީނާގެ ކުޑަކުދިންނަށް ލިޔަންކިޔަން ދަސްކޮށްދިނުން ޝަރުޠުކުރައްވައި މަޢާފް ދެއްވެވިއެވެ. މިކަމުން އެނގިގެން ދަނީ ތައުލީމަށް ކައު އިތުރު ރަސޫލާ މުޙައްމަދު (ﷺ) ދެއްވެވި ސަމާލުކަމެވެ.
މި ހަނގުރާމައިން އެނގިގެން ދިއައީ މާތް ﷲ މުސްލިމުން ބަލިކަށިނުކުރައްވަވާނެ ކަމެވެ. އިސްލާމް ދީން ފޮހެވިގެން ދިއުމަށް މިންވަރުފުޅު ނުކުރައްވަވާނެ ކަމެވެ. ހަމައެއާއިއެކު ކައު އިތުރު ރަސޫލާގެ ޙިކުމަތްތެރިކަމެވެ. ލަޝްކަރުގެ މީހުންނާއި ކޮމާންޑަރުގެ މެދުގައި އޮތް ގުޅުމުގެ ބަދަހިކަމެވެ. ކޮންމެ ކަމެއްގައިވެސް މާތް ﷲ ނަޞްރު ދެއްވަވަނީ މާތް ﷲ އަށް ވަކީލުކުރާ އަދި އީމާންތެރިކަން ވަރުގަދަ މީހުންނަށެވެ.