ހިދާޔަތް ލިބުމުން 20 އަހަރު އެކުގައި އުޅުނު ފިރިމީހާ ދޫކޮށް ހަމީދާ އިސްލާމްވީ ގޮތުގެ ވާހަކަ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 25ސ
ހިދާޔަތް ލިބުމުން 20 އަހަރު އެކުގައި އުޅުނު ފިރިމީހާ ދޫކޮށް ހަމީދާ އިސްލާމްވީ ގޮތުގެ ވާހަކަ
ހަމީދާ ދުބާއީގައި ދިރިއުޅެން ފެށީ 1999 ވަނަ އަހަރުއެވެ. ޤަވާއިދުން ފައްޅިއަށް ދިއުމުގެ އިތުރުން ކޮންމެ ދުވަހަކު ބައިބަލް ވެސް ކިޔައެވެ.

ހަމީދާ ބުނާގޮތުން އެކަންކަން އޭނާ ކުރި ނަމަވެސް އޭނާއަށް އަބަދުވެސް ބަންގި ވަރަށް ކަމުދާން ފެށިއެވެ. ހުކުރު ޚުޠުބާ އަޑުއަހަން ޝައުޤުވެރިވެވެން ފެށިއެވެ.

ހަމީދާ އަކީ ކްރިސްޓިއަނެކެވެ. ހަމީދާ ޤަވާއިދުން ކޮންމެ އާދީއްތަ ދުވަހަކު އާއިލާ އާއިއެކު ފައްޅިއަށްދެއެވެ. އެއްދުވަހަކު ފައްޅިއަށް ގޮސް ކާރު ޕާކުކުރާނެ ތަންކޮޅެއް ނުލިބުމުން އަންނަން ޖެހުނީ ގެއަށެވެ. އެދުވަހަށްފަހު ހަމީދާ ފައްޅިއަށް ދާހިތެއް ނުވިއެވެ. އަދި ޤަވާއިދުން ކިޔަމުން އައި ބައިބަލް ކިޔަންވެސް ފޫހިވާން ފެށިއެވެ. މަޑުމަޑުން ގޮސް އެކަން ވެސް ހުއްޓުނީއެވެ.

އޭނާއަށް އައި ބަދަލުތކުގެ ވާހަކަ ދުބާއީގެ މުސްލިމް ރަހްމަތްތެރިއަކަށް ކިޔައިދިނުމުން ރަހްމަތްތެރިޔާ އޭނާ ގެންދިއައީ މަޖިލީހަކަށެވެ. މަޖިލީހުގައި އިންނެވި ޝައިޚް ދެއްވި މައުލޫމާތުތައް ހަމީދާއަށް ވަރަށް ކަމުދިއައެވެ.

ހަމީދާ މަޑުމަޑުން ބަދަލުވާން ފެށިއެވެ. ދުވަސްކޮޅެއްފަހުން ހަމީދާ ނިންމީ ދީން ބަދަލުކޮށް އިސްލާމް ވުމަށެވެ. ހަމީދާގެ ނިންމުމަށް މައިން ބަފައިންނާއި ދަރިފުޅު ތާއީދުކުރިއެވެ. ހަމީދާ އިޚްތިޔާރުކުރި ދީނަށް ވަނުން ހުއްޓުވަން އެމިހުން ބޭނުމެއް ނުވިއެވެ.

ހަމީދާއަކީ މިހާރު އިސްލާމް ދީނަށް އަމަލުކުރާ މުސްލިމެކެވެ. އޭނާގެ ފިރިމީހާ، އޭނާގެ ދީން ބަދަލު ކުރަން ބޭނުން ނުވުމުން ހަމީދާ ނިންމީ ފިރިމީހާ އާއި ދުރުވުމަށެވެ. ހަމީދާގެ އުންމީދަކީ އެންމެ ފުރިހަމަ މުސްލިމެއްގެ ގޮތުގައި ހަޔާތުގެ ބާކީ ދުވަސްތައް ހޭދަކުރުމަށެވެ.

ހަމީދާއަށް މާތް ﷲ ހިދާޔަތް ދެއްވެވީ އެކަމަށް އޭނާ އެދުމުންނެވެ. ބަންގިއަށް ސަމާލުކަން ދިނުމާއި ޚުޠުބާތައް އަޑު އަހައި ވިސްނުމާއި މިފަދަ ކަންކަމުގެ ސަބަބުންނެވެ. ހަމީދާ ބުނީ އޭނާއަށް ﷲ ދެއްވި ހިދާޔަތް ދުވަހަކުވެސް ދޫނުކުރާނެ ކަމަށެވެ.
މިއަދު އޮންލައިން