އިސްލާމް ދީން ފުނުޑުފުނޑުވެގެންދާނީ ޖާހިލިއްޔަތު ނުދަންނަ މުސްލިމުންގެ ތެރެއިން އުފަންވާ ބައެއްގެ ސަބަބުން ކަމަށް ކައުއިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ހަދީޘްފުޅު ކުރައްވަވާފައިވާ ކަމަށް އައްޝައިޚް އާދަމް ޝަމީމް ވިދާޅުވެއްޖެއެވެ.
ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމަށް އިސްލާމިކް މިނިސްޓްރީން ކުރިއަށް ގެންދާ އިހްޔާ ޕްރޮގްރާމްގެ ތެރެއިން އިސްލާމީ މަރުކަޒުގައި މިރޭ ބޭއްވި ފޯރަމްގައި ޝައިޚް އާދަމް ޝަމީމް ވިދާޅުވީ ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ދުނިޔެ ދޫކުރެއްވެވިއިރު އިސްލާމް ދީން އޮތީ ހަމައެކަނި އަރަބި ކަރައިގެ ތެރޭގައި ކަަމަށެވެ. އެހެންނަމަވެސް ޢުމަރުގެފާނުގެ ޚިލާފަތުގައި މިޞުރާއި ފާރިސްކަރަ ފަދަ ޤައުމުތައް މުސްލިމުންގެދަށަށް އައި ކަމަށެވެ. އަދި އެކަންކަން އެގޮތަށް ވާނެ ކަމުގެ ޚަބަރު ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ވަނީ ދެއްވަވާފައި ކަމަށެވެ.
އައްޝައިޚް އާދަމް ޝަމީމް ވިދާޅުވީ މިފަދަ އުފާވެރިކަމުގެ ޚަބަރުތައް ދެއްވެވުމަށްފަހުގައިވެސް ވަރަށް ބޮޑަށް ކަންބޮޑުވާންޖެހޭ ޚަބަރުތަކެއްވެސް އިތުރު އެކަލޭގެފާނު ދެއްވަވާފައިވާ ކަމަށެވެ.
އެކަން ބަޔާންކުރައްވައި ޝައިޚް އާދަމް ޝަމީމް ވަނީ ކައު އިތރު ރަސޫލާގެ ހަދީޘްފުޅެއް ވިދާޅުވެފައެވެ. "އިސްލާމް ދީނުގެ އުޅައްތައް އުޅަކަކުން ބިނދިގެން ދާނެ ދުވަސް އެބަ ކައިރިވެއޭ. އެއީ އިސްލާމްދީނުގައި އުފަންވެ، މިދީނުގައި އުޅެ ބޮޑުވާ ބައެއްގެ އަތުންނޭ ޖާހިލިއްޔަ ޒަމާން ނުދަންނަ."
ޝައިޚް އާދަމް ޝަމީމް ވިދާޅުވީ އިސްލާމް ދީން ފިޔަވައި އެހެން ހުރިހާ އެއްޗަކީ ނުވަތަ ދީންތަކަކީ ޖާހިލިއްޔަތު ކަމަށެވެ. "އިސްލާމް ދީނަކީ މާތް ﷲ ގެ ވަހީ. އެހެން ހުރިހާ އެއްޗަކީ ޖާހިލިއްޔަތު. މިދީން ހަލާކުވާނީ ޖާހިލިއްޔަތު ނުދަންނަ ބައެއްގެ ސަބަބުން."
ޝައިޚް އާދަމް ޝަމީމް ވިދާޅުވީ އިސްލާމް ދީނަކީ އެންމެ މަތިވެރި، އެންމެ މާތް ދީން ކަމަށާއި އެހެން ނަމަވެސް އެކަން އެނގޭނީ ޖާހިލިއްޔަތު އެނގުމުން ކަމަށެވެ. ޖާހިލިއްޔަ ޒަމާނުގައި ކަންކަން ހިނގައިދިއަ ގޮތް ވެސް އެނގުމުން ކަމަށެވެ.