ލަންޑަން ޓަވަރުގެ ގިނަ ބައެއްގެ ފުރާނަ ސަލާމަތްކުރީ ރޯދަވެރިން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 17ސ
ލަންޑަން ޓަވަރުގެ ގިނަ ބައެއްގެ ފުރާނަ ސަލާމަތްކުރީ ރޯދަވެރިން!
ރޭ ފަތިހު އިނގިރޭސިވިލާތުގެ މަޝްހޫރު ލަންޑަން ޓަވަރުގައި ހިނގައިދިއަ އަލިފާނުގެ ހާދިސާގައި ގިނަ ބައެއްގެ ފުރާނަ ސަލާމަތްވީ ތަވަރުގައި ދިރިއުޅޭ ރޯދަވެރިންގެ ސަބަބުންނެވެ.

ހާދިސާ ހިނގައިދިއަ ވަގުތަކީ މުސްލިމުން ހާރު ކެއުމަށް ހޭލައި އުޅުނު ވަގުތެވެ. ދުންތައް ފެނުމާއިއެކު މުސްލިމުން ވަނީ ހާރުކެއުން ދޫކޮށް ބޭރަށް ނުކުމެ މީހުން ހޭލައްވައިފައެވެ. އަދި އެވަގުތަކީ ދަމު ނަމާދަށްފަހު ގިނަ ބައަކު އެނބުރިއައި ވަގުތުކަމުން ގިނަ އަދަދެއްގެ މުސްލިމް ޒުވާނުން ވަނީ މީހުން ހޭލައްވައި ސަލާމަތްކުރުމަށް މަސައްކަތްކޮށްފައެވެ.

މުސްލިމުން އެގޮތަށް މަސައްކަތް ނުކުރިނަމަ މަރުވި މީހުންގެ އަދަދު އެތައް ގުނައަކަށް އިތުރުވާނެ ކަމަށް ވަނީ ބެލެވިފައެވެ.

"މުސްލިމުން މަރުން ސަލާމަތްވީ ރޯދައިގެ ސަބަބުން. އެއީ މާތްﷲ މިންވަރުފުޅު ކުރެއްވެވި ވަރަށް ބޮޑު ރަޙްމަތެއް."

ޓަވަރުގައި ދިރިއުޅޭ މީހުން ބުނެފައިވަނީ އެ ސަރަހައްދަކީ ގިނަ އަދަދެއްގެ މުސްލިމުން ވަރަށް އެއްބައިވަންތަކަމާއިއެކު ދިރިއުޅޭ ސަރަހައްދަކަށްވާތީ މަގުމަތިވެސް ވަރަށް އަމާން ސަރަހައްދެއް ކަމަށެވެ. މީހުންނަށް ބިރެއް ނެތި ރޭގަނޑުވެސް މަގުމަތީގައި އުޅެވޭ ސަރަހައްދެއް ކަމަށެވެ.

މުސްލިމުން ވަނީ ހާލުގައި ޖެހުނު މީހުންނަށް ވަރަށް ފުރިހަމައަށް އެހީތެރިކަން ފޯރުކޮށްދީފައެވެ. މިކަންކަމުގެ ސަބަބުން އެހެން ދީންތަކުގެ މީހުންނާއި މުސްލިމުންގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެއެވެ.

މިއަދު އޮންލައިން