މާތްﷲ އަންގަވާފައިވާ ގޮތުގައި މަސައްކަތްކޮށް ލައިލަތުލްޤަދްރް ވިލޭރޭގެ މަތިވެރި ސަވާބާއި ދަރުމަ ލިބިގަންނަމުންދާ މީހަކު އުމުރުން 65 އަހަރު ވަންދެން ދުނިޔޭގައި ހުރެއްޖެ ނަމަ އެމީހަކަށް 4166 އަހަރާއި 8 މަސް ދުވަހު އަޅުކަންކުރި ކަމުގެ ސަވާބާއި ދަރުމަ މާތްﷲ ދެއްވަވާނެ ކަމަށް އައްޝައިޚް ޖައުފަރު ފާއިޒު ވިދާޅުވެއްޖެއެވެ.
މިއަދުގެ ޢަޞްރު ނަމާދަށްފަހު ވިޔަފާރިވެރިންގެ މިސްކިތުގައި ދަރުސް ދެއްވަވަމުން ޝައިޚް ޖައުފަރު ވިދާޅުވީ ކުރީގެ ޒަމާންތަކުގައި މީސްތަކުންގެ އުމުރު ވަރަށް ދިގު ކަމަށާއި ނޫޙޫގެފާނު ދީނަށް ގޮވައިލެއްވުމުގައި 900 އަށްވުރެ ގިނަ އަަހަރު ދެމިހުންނެވުމުން އެކަން ވަރަށް ރަނގަޅަށް ސާބިތުވެގެންދާ ކަމަށެވެ.
ޝައިޚް ޖައުފަރު ވިދާޅުވީ މުއިންމަތުގެ މީހުންގެ އުމުރު އެހައި ދިގުނޫން ކަމަށާއި 60 ގެ ތެރޭގައި އުމުރު އުޅުނު ނަމަވެސް އެ ކުރުކުރު އުމުރުގެ ތެރެއިންވެސް އެތައް ހާސް އަހަރެއްގެ ސަވާބާއި ދަރުމަ ލިބިގަނެވޭނެ ގޮތް މާތް ﷲ މިވަނީ މިންވަރުފުޅު ކުރައްވަވާފައި ކަމަށެވެ.
"ލައިލަތުލްޤަދްރް ވިލޭރެއައީ އެރެއެއްގައި އެކަނި 1000 މައްސަރުގެ ސަވާބާއި ދަރުމަ ހިމެނޭ ރެއެއް. އެއިގެ މާނައަކީ 83 އަހަރާއި 4 މަސް، ދެން ނިކަން ބައްލަވައިލައްވާ 4166.8 އަހަރު ލިބޭ ގޮތް.
މީހެއްގެ އުމުރުން 15 އަހަރުން ފެށިގެން ރޯދަ ހިފަމުންދާނަމަ، ލައިލަތުލްޤަދްރް ވިލޭރޭ ހޯދަން މަސައްކަތްކޮށް ލިބިގަންނަމުންދާނަމަ، 65 އަހަރު ފުރޭއިރު އެމީހަކަށް ވާނީ 50 މަހު ރޯދަ ހިފިފަ، 50 ލައިލަތުލްޤަދްރް ވިލޭރޭ ހާޞިލުކުރެވިފަ. އެމީހަކަށް އެވަނީ 4166 އަހަރާއި 8 މަސްދުވަހު އަޅުކަންކުރުމުގެ ސަވާބާއި ދަރުމަ ލިބިފަ."
ޝައިޚް ޖައުފަރު ވިދާޅުވީ އުމުރުން އަހަރެއް ފާއިތުވުމަކީ ލައިލަތުލޤަދްރް ވިލޭރޭގެ ބަރަކާތް ޙާޞިލުކުރެވޭނެ ކަމެއް ނޫން ކަމަށާއި ލައިލަތުލްޤަދްރް ވިލޭރޭގެ ބަރަކާތް ޙާޞިލުކުރެވޭނީ އެކަމަށް އެދި ގަދައަޅައި މަސައްކަތްކުރުމުން ކަމަށެވެ. އެހެންކަމުން މިރެއިން ފެށިގެން މިއަހަރުގެ ލައުލަތުލްޤަދްރް ވިލޭރޭގެ ސަވާބާއި ދަރުމަ ލިބިގަތުމަށްޓަކައި މަސައްކަތްކުރަން ފެށުމަށް ޝައިޚް ޖައުފަރު ވަނީ ގޮވާލައްވައިފައެވެ.
ޝައިޚް ޖައުފަރު ވިދާޅުވީ ފަހު 10 ގައި އިއުތިކާފަށް އިނުމަކީ މަތިވެރި ކަމެއް ކަމަށާއި އިއުތިކާފަށް ނުއިނދެވުނު ނަމަވެސް ރޭ އަޅުކަން ކުރުމުގައި ވީހައި ބޮޑަކަށް ހީވާގިވެރިވާންޖެހޭނެ ކަމަށެވެ. މަހުގެ ބާކީ މިއޮތް ދުވަސްކޮޅުގެ ރޭތަކުގައި ރޭ އަޅުކަންކޮށް ލައިލަތުލްޤަދްރް ވިލޭރޭގެ މަތިވެރި ސަވާބާއި ދަރުމަ ލިބިގަތުމަށް އެމީހަކަށް ވާން އޮން އެންމެ ވަރުގަދަ އަކަށް މަސައްކަތް ކުރުމަށް ޝައިޚް ޖައުފަރު ވަނީ ގޮވާ ލައްވައިފައެވެ.