7 އަހަރުން ފެށިގެން ނަމާދުކުރުވާނަމަ 10 އަހަރުވީމާ މަޖުބޫރުކުރާކަށް ނުޖެހޭނެ: ޝައިޚް ނަޝީދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 29ސ
7 އަހަރުން ފެށިގެން ނަމާދުކުރުވާނަމަ 10 އަހަރުވީމާ މަޖުބޫރުކުރާކަށް ނުޖެހޭނެ: ޝައިޚް ނަޝީދު
ދަރިންނަށް ނަމާދުކުރަން ދަސްކޮށްދީ ނަމާދުކުރުވުމަކީ މައިން ބަފައިންގެ މައްޗަށް އޮތް ދީނީ ވާޖިބަކަށްވާއިރު ދަރިންގެ އުމުރުން 7 އަހަރުވުމުން ޤަވާއިދުން ނަމަދުކުރުވަމުން އަންނަނަމަ އުމުރުން 10 އަހަރުވުމުން ނަމާދުކުރަން މަޖުބޫރުކުރަން ނުޖެހޭނެ ކަމަށް އައްޝައިޚް މުޙައްމަދު ނަޝީދު އާދަމް ވިދާޅުވެއްޖެއެވެ.

ރަމަޟާންމަހުގެ ރޭތައް އިހްޔާ ކުރުމަށް އިސްލާމިކް މިނިސްޓްރީން ބާއްވަމުން ގެންދާ އިޙްޔާ ފޯރަމްތަކުގެތެރެއިން އިސްލާމީ މަރުކަޒުގައި މިރޭ ބޭއްވި އިހްޔާ ފޯރަމްގައި ޝައިޚް ނަޝީދު ވިދާޅުވީ ދަރިންނަށް ހަމައެކަނި ނަމާދުކުރާއިރު ކިޔާ ތަކެތި ދަސްކޮށްދިނުމުން ނުފުދޭ ކަމަށާއި ނަމާދުކުރުމަށް އަހުލުވެރިކުރުވަންވެސް ޖެހޭނެ ކަމަށެވެ.



ޝައިޚް ނަޝީދު ވިދާޅުވީ ނަމާދުކުރުމަށް އަހުލުވެރި ކުރުވޭނީ އިސްލާމް ދީނުގެ މައުލޫމާތާއި އިސްލާމީ ތާރީޚުވެސް ދަރިންނަށް ދަސްކޮށްދީ އިސްލާމް ދީނަށް ދަރިން ޝައުޤުވެރިކުރުވައިގެން ކަމަށެވެ. އެއީ ގަދަބާރުކުރުވޭނެ ކަމެއް ނޫން ކަމަށާއި އެކަން ކުރެވޭނީ މައިން ބަފައިން ގަދައަޅައި ތުއްތު އިރުންސުރެ އެކަމަށް މަސައްކަތްކޮށްގެން ކަމަށެވެ. މިރޭގެ ޕްރޮގްރާމުގައި ވަނީ ދަރިން ލިބުމުން ތަރުބިއްޔަތުކުރުމުގައި ސަމާލުކަން ދޭންޖެހޭ ގިނަ ކަންތައްތަކެއް ފާހަގަކުރައްވައިފައެވެ. ދަރިންނަށް ޚަރަދުކުރުމުގައާއި ބެލެހެއްޓުމުގައި ސަމާލުކަންދޭންޖެހޭނެ ގިނަ ކަންތައްތަކެއްވެސް ވަނީ ފާހަގަކުރައްވައިފައެވެ.

ޝައިޚް ނަޝީދު ވިދާޅުވީ ދަރިން ރަނގަޅު ގޮތުގައި ތަރުބިއްޔަތުކުރެވޭނީ އަދި ދީނީ ކަންކަމަށް ދަރިންގެ ހިތްތަކުގައި ލޯބި ޖެއްސޭނީ މައިން ބަފައިން އެމީހުންގެ އަމަލުތަކުން ދަރިންނަށް ކަންކަން ދައްކައިދީގެން ކަމަށެވެ. އަމަލުން ރަނގަޅު ނަމޫނާ ދައްކައިދީގެން ކަމަށެވެ.

ޝައިޚް ނަޝީދު ވިދާޅުވީ ރަނގަޅު ޢާއިލާއެއް ބިނާކުރަން ބޭނުންނަމަ އެންމެ މުހިންމީ ދެމަފިރިންނަކީވެސް ޞާލިޙުންކަމުގައިވުން ކަމަށާއި ކައިވެނި ކުރުމުގެ ކުރިން އެކަމަށް ސަމާލުކަން ދިނުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.
މިއަދު އޮންލައިން