ޢުމުރާ ވުމަށް މައްކާއަށް ދާ އެންމެންނަށް ވެސް ގެންދަވަނީ މަރުހަބާ ވިދާޅުވަމުން ކަމަށާއި ޢުމުރާގެ އަޅުކަން އަދާކުރަން ދިއަ އެއްވެސް ޤައުމެއްގެ އެއްވެސް މީހަކު ބޭރުކުރައްވާފައި ނުވާނެ ކަމަށް މައްކާގެ ގަވަރުނަރު ޕްރިންސް ޚާލިދް އަލް ފައިޞަލް ވިދާޅުވެއްޖެއެވެ.
ހަރަމްފުޅު ސަރަހައްދުގެ ސެކިޔުރިޓީ ބަލަހައްޓާ މީހުންނަށް ޚާއްޞަ ކުރައްވައިގެން ހަރަމްފުޅު ސަރަހައްދުގައި ދެއްވެވި ރޯދަވީއްލުމެއްގައި ޕްރިންސް ޚާލިދް ވިދާޅުވީ އުމުރާއަށާއި ހައްޖަށް އަންނަ މީހުންނަށް ވީހައި ފުރިހަމަ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ކުރިއަށް ގެންދާ ޕްރޮގްރާމްތައް އަދިވެސް އިތުރަށް ފުރިހަމަކުރައްވާނެ ކަމަށެވެ.
ޕްރިންސް ޚާލިދު ވަނީ ސަލާމަތީ ކަންކަން ބަލަހައްޓާ މީހުންނަށް ހިތްވަރު ދެއްވަވައިފައެވެ. "ވަރަށް ގިނަ ބައަކު މިހާރު މަސައްކަތުގަ އެބަތިބި. އެންމެ މުހިންމީ އަޅުކަމަށް އައިސް ތިބި ﷲ ގެ މެހްމާނުންނަށް ވީހައި ފުރިހަމައަށް ޚިދުމަތްކުރުން.."
އުމުރާއަށްދާ މީހުންނަށް ޚިދުމަތް ދިނުމަށް 10،000 މީހުން ގެންދަނީ 24 ގަޑިއިރު މެދު ނުކަނޑައި މަސައްކަތްކުރަމުންނެވެ.