ޅ. ހިންނަވަރުގައި މިހާރު ކުރިއަށްދާ އެކްސް ފުޓްސަލް ޗެލެންޖުގައި ރޭ ކުޅުނު މެޗުތައް އެފްސީ ފްރެންޑްސް އާއި އެފްސީ ބޮމްބާރޑް ކާމިޔާބުކޮށްފިއެވެ.
ރޭގެ ފުރަތަމަ މެޗުގައި ގްރޫޕް އޭގައި ހިމެނޭ އެފްސީ ފްރެންޑްސް އާއި ޓީމު ފަސްގަނޑު ބައްދަލުކުރި މެޗު 3 ލަނޑު 1 ލަނޑުން ކާމިޔާބުކުރީ އެފްސީ ފްރެންޑްސް އެވެ.
މި މެޗުގައި އެފްސީ ފްރެންޑްސްގެ ގޯލުތައް ޖަހައިދިނީ އަޙްމަދު ޢަބްދުއްރަޙްމާން އާއި ޢަލީ ބަދުރާން އަދި ޢަބްދުﷲ މުސްތާޤް އެވެ. ޓީމު ފަސްގަނޑުގެ ގޯލަކީ އަޙްމަދު އިރުފާންއަތުން ބައިކޮޅަށް ވަން ލަނޑެކެވެ.
މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމަށް ހޮވުނީ އެފްސީ ފްރެންޑްސްގެ ޢަބްދުﷲ މުސްތާޤްއެވެ.
ގްރޫޕް އޭގެ ސެމީގެ ޖާގަ ލަންޑަން އެފްސީން ހޯދާފައިވާ އިރު، ސެމީފައިނަށްދާނެ ދެވަނަ ޓީމެއް ހޮވުމަށް 3 ގްރޫޕުގެ މެދުގައިކުޅޭ ފްލޭ އޮފްގެ ޖާގައަށް މި ގްރޫޕުން ހޮވުނީ އެފްސީ ފްރެންޑްސް އެވެ. މި ގްރޫޕުގައި ހިމެނޭ ޓީމު ފަސްގަނޑު ކުޅުނު ދެމެޗުންވެސް ބަލިވެ، ވަނީ މުބާރާތުން ކަޓާފައެވެ.
ރޭގެ ދެވަނަ މެޗުގައި ގްރޫޕް އޭގެ އެފްސީ ބޮމްބާރޑް އާއި ޒޮމްބީސް ބައްދަލުކުރި މެޗު 4 ލަނޑު 3 ލަނޑުން ކާމިޔާބުކުރީ އެފްސީ ބޮމްބާރޑްއެވެ.
ޒޮމްބީސްގެ ގޯލުތައް ޖަހައިދިނީ ޙުސައިން ސަމޫޙް 2 ގޯލު، އަދި އަނެއް ގޯލަކީ އެފްސީ ބޮމްބާރޑްގެ ކީޕަރ އަތުން ބައިކޮޅަށް ވަން ގޯލެކެވެ.
އެފްސީ ބޮމްބާރޑްގެ ގޯލުތައް ޖަހައިދިނީ ޢަބްދުﷲ އުސާމް 2 ގޯލު، އިސްމާޢިލް އާދަމް 1 ގޯލެވެ. އެޓީމުގެ އަނެއް ގޯލަކީ ޒޮމްބީސްގެ ޙުސައިން ސަމޫޙްއަތުން ބައިކޮޅަށް ވަން ގޯލެކެވެ.
މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމަށް ހޮވިފައިވަނީ އެފްސީ ބޮމްބާރޑްގެ މުޙައްމަދު ޒިޔާދުއެވެ.
މި ނަތީޖާއާއެކު އެފްސީ ބޮމްބާރޑް ވަނީ ކުޅުނު 3 މެޗުންވެސް މޮޅުވެ، 9 ޕޮއިންޓާއެކު ސެމީގެ ޖާގަ ކަށަވަރުކޮށްފައެވެ.
މިރޭ ބައްދަލު ކުރާނީ ގްރޫޕް އޭގެ އަޔަން ބޯއީސް އާއި ސްކޯޕިއަން ރިޓަރންސް އެވެ. އަދި ގްރޫޕް އޭގެ ބޮމްބާރޑް ޖޫނިއަރސް އާއި ރިވަރސައިޑްއެވެ.