ފަހު ދިހަ ފެށުމާއިއެކު މާތްވެގެންވާ ހަރަމްފުޅުގެ ސަރަހައްދު ވައިގެމަގުން ބެލެހެއްޓުން އިތުރަށް ވަރުގަދަކޮށްފިއެވެ.
ސައުދީ ހޯމް މިނިސްޓްރީން ބުނީ ސެކިޔުރިޓީ ބަލިހައްޓަން އުދުހޭ ފްލައިޓްތަކުން ގެންދަނީ ހަރަމްފުޅާއި ހަރަމްފުޅާއި ގުޅިފައިވާ ސަރަހައްދުތަކުގައި ހިނގާ ކަންކަންވެސް ބަލަހައްޓަމުން ކަމަށެވެ. އަދި ހަރަމްފުޅު ތެރޭގައި މީހުން ތޮށްޖެހި ބާރުވާ ސަރަހައްދުތަކުގެ މައުލޫމާތުވެސް ގެންދަނީ ފޯރުކޮށްދެމުން ކަމަށެވެ.
ހޯމް މިނިސްޓްރީން ބުނީ މާތްވެގެންވާ ހަރަމްފުޅާއި ހަރަމްފުޅަށް ޒިޔާރަތްކުރާ މާތްﷲގެ މެހްމާނުންނަށް ވީހައި ފުރިހަމައަށް ރައްކައުތެރިކަން ފޯރުކޮށްދިނުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތްތަކެއް ކުރަމުން ގެންދާނެ ކަމަށެވެ. އެކަން ކުރަން ބޭނުންވާ ވަސީލަތްތައް ފުރިހަމައަށް ލިބިފައިވާ ކަމަށެވެ.
މައްކާގެ ހަރަމްފުޅަށް ޓެރަރިސްޓުންގެ ހަމަލާއެއް ސީދާ އަމާޒުވެފައި އަދި ނުވި ނަމަވެސް ފާއިތުވި ދެ އަހަރެއްހައި ދުވަހުގެ ތެރޭގައި ހޫތީން ވަނީ މައްކާގެ ރަށްފުށު ސަރަހައްދުތަކަށް ހަމަލާދީފައެވެ. އަދި މިދިއަ އަަހަރު ވަނީ މަދީނާގެ މަސްޖިދުއްނަބަވީގެ ދޮރާށިކޮޅުތެރޭގައި ޓެރަރިސްޓް ހަމަލާތަކެއް ހިންގާފައެވެ.