ނަމާދާ އަޅާ އާ ދެމެދަށް ވަންނަން އިބިލީސް ކުރާ މަސައްކަތުގެ ހައްލު ބޭނުންތަ؟ މިއޮތީ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 41ސ
ނަމާދާ އަޅާ އާ ދެމެދަށް ވަންނަން އިބިލީސް ކުރާ މަސައްކަތުގެ ހައްލު ބޭނުންތަ؟ މިއޮތީ!
މުސްވްލިމުން ނަމާދުކުރާއިރު ނަމާދާއި އަޅާ އާއި ދެމެދަށް ވަންނަން އިބިލީސް އަބަދުވެސް ގަދައަޅައި މަސައްކަތްކުރެއެވެ. ނަމާދަށް ހުންނަ މީހާގެ ހިތަށް ތަފާތު ވަސްވާސްވާތައް ވައްދުވައިގެން އެމީހާގެ ފިިކުރުތައް ނަމާދުން ދުރުކުރުވައެވެ. މާތް ﷲ ގެ މަތިން ހަނދުމަނެތިކޮށްލުވައެވެ.

މިހާލަތުގައި ކުރާ ނަމާދަކީ ހަމަ ވަރަށް ގިނަ މާކްސްތަކެއް ކެނޑިގެންދާ ނަމާދެކެވެ. ބައެއް ހާލަތްތަކުގައި ހަމަ އެއްވެސް ފައިދާއެއް ނުކުރާ ހާލަތަށްވެސް ކަންތައްތައް އެބަދެއެވެ.

ނަމާދަށް ހަރަންބަނުމާއިއެކު އިބިލީސް އައިސް ވަސްވާސް ދޭން ފަށާނެއެވެ. އެމީހަކު އެންމެ ބޭނުންވެގެން ހުރި ކަމެއް ފުދިގެން އުޅޭކަން ދައްކައިދޭނެއެވެ. އެންމެ ލޯބިވާ ކުދިން މަތިން ހަނދާންކޮށްދޭނެއެވެ. އެންމެ މީރު ކެއުންތަކާއި ބުއިންތަކުގެމަތިންވެސް ހަނދާން ކޮށްދޭނެއެވެ.

މިހުރިހައި ވަސްވާސްތަކެއް ދެނީ ހަމަ އެންމެ ބޭނުމަކު އެވެ. އެމީހާގެ ނަމާދު ބާޠިލުކޮށްލުވުމަށެވެ. ނަމާދުގައި ކިޔާ ތަކެއްޗަށް ނުވިސްނައި ދުނިޔަވީ ފިކުރުގެ ތެރޭގައި ހުރެގެން ގުދުވެވެ ތެދުވެ ބިމުގައި ނިތްކުރި ޖެއްސުމަކުން އަދި ނަމާދަކަށް ނުވެއެވެ. ނަމާދު ނަމާދަކަށް މިވަނީ ނަމާދުގައި ކިޔާ ތަކެތީގެ މާނަ ހިތަށް ގެނައުމުންނެވެ. މާނަ ހިތަށް ގެނެވޭނީ މާނަ އެނގިގެންނެވެ.

ވިޔަފާރިވެރިންެގެ މިސްކިތުގައި މިއަދުގެ ޢަޞްރު ނަމާދަށްފަހު ދަރުސް ދެއްވަމުން ޑރ. ޢަބްދުﷲ ޝިހާމް ވިދާޅުވީ ނަމާދުގައި ކިޔާ ތަކެތީގެ މާނަ އެނގި އެއަށް ވިސްނުމަކީ ނަމާދުކުރާއިރު އިބިލީހާއި ދެމެދުގައި ވަރުގަދަ ފާރެއް ލެވުން ފަދަ ކަމެއް ކަމަށެވެ. އެގޮތުގައި ނަމާދުކުރާ މީހާގެ "ފާރު" ފޫއަޅުވާލަން އިބިލީހަށް ފަސޭހަ ކަމަކަށް ނުވާނެކަމަށެވެ.

ޑރ. ޝިހާމް ވިދާޅުވީ ޤިޔާމަތް ދުވަހުން އެންމެ ފުރަތަމަ ސުވާލު ކުރެވޭނީ ނަމާދާއިމެދުގައި ކަމަށްވާއިރު ދުނިޔޭގައި ހުރިއިރު ނަމާދުކުރިން ކަމަށް ދެންނެވޭނީ ނަމާދުކުރަންޖެހޭ ގޮތުގައި ނަމާދުކުރާ މީހުންނަށް ކަމަށެވެ.

ޑރ. ޝިހާމް ވަނީ ފުރިހަމަ ގޮތުގައި ނަމާދުކުރަން އެދޭނަމަ ނަމާދުގައި ކިޔާ ތަކެތީގެ މާނަ ދަސްކޮށް ހިތުގައި އަބަދުވެސް ތާޒާކަންމަތީގައި ބަހެއްޓުމަށް އިލްތިމާސްކުރައްވައިފައެވެ. އެމީހަކަށް ދަސްކުރަން ފަސޭހަ ކޮންމެ ބަހަކުން ނަމަވެސް މާނަ ަދަސްކުރުމުން ފުދޭނެ ކަމަށް ވެސް ޑރ. ޝިހާމް ވިދާޅުވިއެވެ.
މިއަދު އޮންލައިން