މިއަހަރުގެ ރަމަޟާންމަހު 2.5 މިލިއަން މުސްލިމުން އުމުރާ ވާނެކަމަށް ބެލެވޭކަމަށް ސައުދިއަރަބިޔާއިން ބުނެފިއެވެ.
ސަލާމަތީ ކަންތައްތަކާއިބެހޭ ސެކެޓްރީ ޖެނެރަލް ސުލައިމާން ބިން ޢަބްދުﷲ ވިދާޅުވީ ފަހު ދިހަ ފެށުމާއިއެކު މައްކާ އާއި ޙަރަމްފުޅު ވަނީ ތޮއްޖެހިފައި ކަމަށާއި އެހެންކަމާއިއެކުވެސް އިންތިޒާމުތަކުގެ ފުރިހަމަކަމުން ހުރިހާ ކަމެއްވެސް ކުރިއަށް ދަނީ ވަރަށް ފުރިހަމައަށް ކަމަށެވެ.
މަގުތައް ތޮއްޖެހިފައިވާތީ ވެހިކަލްތަކުން ބޭރުވާ ދުމުގެ އަސަރު ކޮށްފާނެތީ އެކަމަށްވެސް ވަނީ ސަމާލުކަން ދިފައެވެ. ރަނގަޅު ފެންވަރުގެ ވެހިކަލްތައް ނޫނީ ބޭނުންނުކުރަން ވަނީ އަންގާފައެވެ.
ސައުދީ ސަރުކާރުން އުމުރާވެރިންގެ އަދަދަކީ 2.5 މިލިއަން ކަމަށް ބުނި ނަމަވެސް މިއަހަރު އުމުރާވާ މީހުންގެ އަދަދު އެއަށްވުރެ ގިނަވާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.