"ޖަލަށް ދެވުމަކީ ޙަޔާތުގައި ދިމާވި އެންމެ ރަނގަޅު ކަންތައް"

ކިޔުމަށް ހޭދަވާނީ 1މ 54ސ
"ޖަލަށް ދެވުމަކީ ޙަޔާތުގައި ދިމާވި އެންމެ ރަނގަޅު ކަންތައް"
ޝާރްޖަހާ ޖަލުގައި ކުރިން ހުކުމެއް ތަންފީޒު ކުރި، މިސްރުގެ އުމުުރުން 34 އަހަރުގެ ފިރިހެނެއް ބުނީ ޖަލަށް ދެވުމަކީ އޭނާގެ މުޅި ޙަޔާތުގައި ވެސް ދިމާވި އެންމެ އަނގަޅު ކަންތައް ކަމަށެވެ.

ގަލްފް ނޫހަށް ދިން ބަސްދީގަތުމެއްގައި އޭނާ ވަނީ، ޖަލުގައި އޭނާ ދިރިއުޅުނު ގޮތާއި އެތަނުން ލިބުނު ތަޖުރިބާތައް ވެސް ކިޔާދީފައެވެ.

"އަހަރެން ޖަލަށް ލީ 2008 ވަނަ އަހަރުގައެވެ. އެއިރު އަހަރެންގެ އުމުރުން ވާނީ 25 އަހަރެވެ. އަހަރެން ޖަލަށްލީ މަސްތުވާތަކެތި އެތެރެ ކުރަން އުޅުމުގެ ކުށުގައެވެ.

އަހަންނަށް 15 އަހަރުގެ ޖަލު ހުކުމެއް އައުމުގެ ސަބަބުން އާއިލާއަށް ވެސް ލިބުނީ ވަރަށް ބޮޑު ޝޮކެކެވެ.

ޖަލުގައި ގެންގުޅޭ ހަމަތަކާއި ގަވައިދުތައް ވަރަށް ތަފާތެވެ. މާހައުލުވެސް އެެހާމެ ތަފާތެވެ. އަދި ލިބޭ ކާނާ ވެސް ތަފާތެވެ. އުޑުވެސް ފެންނަނީ ޖަހާފައި ހުންނަ ދަގަނޑުތަކުންނެވެ. ބޯން ލިބޭ ފެނުން ވެސް ފާޑެއްގެ ހިތި ރަހައެއް ލައެވެ.

ޖަލަށް ދިޔަތާ ކުރީކޮޅު އަހަރެންގެ ހިތައް އެރީ، ޖަލަށް ދިޔުމަކީ އަހަންނަށް ދިމާވި އެންމެ ހިތްދަތިކަން ކަމަށެވެ. ނަމަވެސް ދުވަސްތައް ވޭތުވަމުން ގޮސް އަހަންނަށް އިޙުސާސްވާން ފެށީ ޖަލަށް ދެވުމަކީ އަހަންނަށް ދިމާވި އެންމެ ރަނގަޅު ކަންެތައް ކަމަށެވެ.

އަހަންނަށް 15 އަހަރުގެ ޖަލު ހުކުމެއް އައިކަމުގައި ވިޔަސް ޖަލުގައި އަހަރެން ހޭދަ ކުރީ ހަތް އަހަރާއި ތިން މަހާއި 22 ދުވަހެވެ. އަހަރެންގެ އުޅުމާއި އެހެން ކަންކަން ރަނގަޅު ވުމުގެ ސަބަބުން އަހަންނަށް މާފުދީ މިނިވަން ކުރިއެވެ. މިނިވަން ވީއިރު އަަހަރެން ނިކުތީ ރީތި އުޅުމެއްހުރި ރަނގަޅު އިންސާނަކަށް ވެގެންނެވެ.

ދުނިޔޭގައި އުޅެންވީ ރީތި ގޮތްތަކާއި ހަމަތަށް އަހަންނަށް ދަސްވިއެވެ. ކީރިތި ޤުރްޢާން ގެ ތިން ބައި ކުޅަ ދެބައި އަހަންނަށް ހިތުދަސްވިއެވެ. މީގެ އިތުރުން އަހަންނަށް އިޙުސާސްވީ، ޖަލުގައި ހޭދަ ކުރި އެ ހަތް އަހަރަކީ އަހަރެންގެ ޙަޔާތުން ގެއްލުނު ހަތް އަހަރު ނޫން ކަމުގައެވެ. އެއީ އަހަންނަށް ސަލާމަތް ކުރެވުނު ހަތް އަހަރެވެ.

ޖަލުގައި ހުރުމުން، މަސްތުވާތަކެތި ބޭނުން ކުރުން ފަދަ ފާޙިޝް ޢަމަލުތައް ކުރުމުން އަހަރެން ސަލާމަތްވިއެވެ. އަދި ދުންފަތުގެ އިސްތިއުމާލު ކުރުން ވެސް ހުއްޓުނެވެ.

ތެދަށް ބުނަންޏާ ބައެއް ފަހަރު އަހަރެން އަދިވެސް ޖަލަށް ދާހިތްވެއެވެ. އެއީ ޖަލުގައި އިނދެ ޤުރްޢާން ކިޔެވުނު ގޮތްތަކާއި އެއްޗެހި ހަނދާންވުމުން، މާބޮޑަށް މިސްވާތީ އެެވެ."

މިއަދު އޮންލައިން