ރޯދައެވެ. ބުނުމުން ދިވެހިންގެ ހިތުގައި ބިރުވެރިކަމެއް އުފެދެއެވެ. ރޯދަ ފުރިހަމައަށް ނުހިފިދާނެކަމަށްޓަކައެވެ. ރޯދަ ނުހިފާނަމަ ލިބޭނެ ނިކަމެތިކަން ވިސްނޭތީއެވެ. އެހެންކަމުން އެހެން އަޅުކަންތަކަށް ފަރުވާކުޑަކުރާ މީހުންވެސް ރޯދަ ހިފަން ސަމާލުކަން ދެއެވެ.
ނަމަވެސް މިކަންކަން މިހާރު ވަނީ ބަދަލުވާން ފަށައިފައެވެ. މީގެ އަހަރުތަކެއް ކުރިން ރޯދަ ހިފުމަށް ދެމުން އައި ސަމާލުކަން މިހާރު ވަނީ ބަދަލުވާން ފަށައިފައެވެ. މިކަން މިހެންވުމަށް މެދުވެރިވި ސަބަބުތަކަށް ބަލައިލަންވެސް ޖެހެއެވެ.
އެންމެ ބޮޑު ސަބަބަކީ ރޯދަ އާއިމެދު ސްކޫލުތަކުގައި ކިޔަވައިދެވޭ ގޮތެވެ. ރޯދައިގެ މުހިންމުކަން އަންގައިދެވޭ މިންވަރެވެ. ހަމައެއާއިއެކު ރޯދައެއް ނުހިފިއްޖެނަމަ އެއީ މާބޮޑުކަމެއް ނޫންކަމަށް ދޭހަވާ ގޮތަށް ދެވެމުން އައި ބައެއް ފަތުވާތަކެވެ.
ޒަމާނަށް އައިސްފައިވާ ބަދަލުތަކާއިއެކު ކޮންމެ ކަމެއްގެ ވެސް އެންމެ ލުއި ގޮތްތައް ހޯދަން ބޭނުންވާ މީހުން ދާނީ އިތުރުވަމުންކަން ޤަބޫލުކުރަންޖެހެއެވެ. ހަމައެކަނި ލައިލަތުލްޤަދްރް ވިލޭރޭ އަޅުކަންކޮށްލުމުން ފުދޭނެކަމަށް ޤަބޫލުކުރާ މީހުންގެ އަދަދު އިތުރުވަމުން އަންނަކަން އެއީ މިކަމުގެ އެންމެ ސާބިތު އެއް ހެކި ކަމުގައި ބެލެވިދާނެއެވެ.
ރަމަޟާން މަހާއި ރޯދައިގެ މުހިންމުކަން މީސްތަކުންނަށް އަންގައިދޭންވީ ރަމަޟާން މަސް އައުމަކުން ނޫނެވެ. އެކަން އަަބަދުވެސް އަންގައިދޭން އެބަޖެހެއެވެ. އެންމެ ތުއްތު އިރުންސުރެ ކުދިންގެ ހިތްތަކަށް އެކަންކަން ވައްދުވަން އެބަޖެހެއެވެ. އެކަން އަޅުގަނޑުމެންނަށް ކުރެވެނީ ކިހައި މިންވަރަކަށްތޯ ވިސްނަނީ ކޮންބައެއް ކިހައި މިންވަރަކަށްކަމާއިމެދު ސުވާލު އުފެދެއެވެ.
އަޅުގަނޑުމެން ޤަބޫލުކުރަން ބޭނުން ނުވި ނަމަވެސް ރޯދަ ނުހިފާ ބައަކު ކޮންމެ ރަށެއްގައިވެސް އެބައުޅެއެވެ. އެފަދަ މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ. އެފަދަ ބައަކު އުޅޭކަން އެނގޭއިރު އެފަދަ މީހުން އެހާލަތުން ސަލާމަތްކުރަން ކުރެވެނީ ކޮންކަމެއްތޯއެވެ!
ދީނީ ނަޞޭޙަތް އަޑުއަހަނީ ރޯދަ ހިފާމީހުންނެވެ. ރޯދަ ނުހިފާ މީހުން ހޯދައި އެމީހުންނަށް އަމާޒުކޮށްގެން ދީނީ ނަޞޭހަތެއް ދެވުނީ ކޮން ރަށެއްގައިބާވައެވެ! އެފަދަ މީހުންނަށް ރިވެތި ގޮތުގައި ވިސްނައިދޭން އެއްވެސް މަސައްކަތެއް އެބަކުރެވޭ ބާވައެވެ! އެފަދަ މީހުންނަށް ވިސްނައި ނުދެވި މައްސަލަ ހައްލުކުރެވޭނެތޯއެވެ! މިހިރީ ހައްތާވެސް ވިސްނަން ޖެހިފައިވާ ކަންކަމެވެ.